ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

ކޮވިޑް ނަންބަރު އިތުރުވުމުން ފިޔަވަޅުތައް ހަރުކަށިކޮށްފި

Jan 9, 2022
4

ކޮވިޑް 19ގެ އާ ވޭރިއަންޓް - އޮމިކްރޯން ރާއްޖެ ސަރަހައްދުން ފެނިފައިވާތީ އާއި ކޮވިޑް ނަންބަރުތައް އިތުރުވުމާ ގުޅިގެން މާދަމާއިން ފެށިގެން ހާއްސަ ފިޔަވަޅުތަކަކަށް އަމަލުކުރަން ނިންމައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ބައެއް ގައުމުތަކުން ފެނިފައިވާ އޮމިކްރޯން ވޭރިއަންޓް ރާއްޖެއިން ވެސް ފެނިފައިވާއިރު މާލެ ސަރަހައްދުގައި ކޮވިޑް ބަލި ފެތުރުން އިތުރުވެފައިވާ ކަމަށެވެ. އެހެންވެ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މާދަމާ އިން ފެށިގެން ވަކި ގޮތެއް އަންގަންދެން ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ.

އެޗްޕީއޭ އިން ބުނީ މާލެ ސަރަހައްދުގައި ހަފްތާ އަކު ޓެސްޓް ކުރެވޭ ސާމްޕަލްގެ ނިސްބަތުން ޕޮޒިޓިވިޓީ ރޭޓް ވެސް ފަސް ޕަސަންޓަށް ވުރެ މިހާރު މަތިވެފައިވާ ކަމަށެވެ.

އަޅަން ނިންމާފައިވާ ފިޔަވަޅުތައް

  • 50 މީހުންނަށް ވުރެ ގިނަ މީހުން ޖަމާވާ ގޮތަށް ހަފްލާތަކާއި އިވެންޓްތަކާއި އެއްވުންތައް ނުބޭއްވުން
  • މަގުމަތީ ބާޒާރުތައް ނުބޭއްވުން
  • ކުޅިވަރު މުބާރާތްތައް ކުޅިބަލާ މީހުންނަށް ވަދެވޭ ގޮތަށް ނުބޭއްވުން
  • ވެކްސިންގެ ޑޯޒްތައް ފުރިހަމަވެ 14 ދުވަސް ހަމަވެފައިވާ ފަރާތެއްނަމަ ދަތުރުކުރުމުގެ 72 ގަޑިއިރު ނުވާ ޕީސީއާރް ނެގެޓިވް ނަތީޖާއަކާ އެކު ދަތުރުކުރުން
  • ވެކްސިންގެ ޑޯޒްތައް ފުރިހަމަ ނުވާ ފަރާތެއް ނަމަ 14 ދުވަހުގެ ފުރަބަންދު ކަރަންޓީނު ފުރިހަމަކުރުން. އަދި ކަރަންޓީނުން ދޫކުރެވޭނީ 14 ދުވަހުގެ ކަރަންޓީނު ފުރިހަަމަކުރުމަށްފަހު ޕީސީއާރް ޓެސްޓް ހަދައި ނަތީޖާ ނެެގެޓިވް ވުމުންނެވެ. މީގެތެރޭގައި މިފަދަ މީހުންނާ އެކުގައި ދަތުރުކުރަންޖެހޭ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިން ހިމެނެ އެވެ.

އެޗްޕީއޭ އިން ބުނީ 50 މީހުންނަށް ވުރެ މަދުން މީހުން ހިމަނައިގެން ބާއްވާ ހަރަކާތްތައް ވެސް ބާއްވަން ވާނީ އެ އެޖެންސީން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ މިންގަނޑުތަކާއި ގައިޑްލައިންތަކާ އެއްގޮތަށް ކަމަށެވެ.

"ފިޔަވަޅުތައް ތަންފީޒުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެންމެހައި އިދާރާތަކާއި ފަރާތްތަކަށް ދަންނަވަމެވެ. އަދި މި އިއުލާނާ ގުޅިގެން ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ވެސް ދެންނެވީމެވެ." އެޗްޕީއޭގެ އިއުލާންގައިވެ އެވެ.

އެޗްޕީއޭ އިން އިތުރަށް ބުނީ މާލެ ސަރަހައްދުން ރާއްޖޭގެ އެހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުން "ކޮވިޑްސޭފް" ޕޯޓަލް އިން ނެގެޓިވް ނަތީޖާ ދައްކާފައި ދަަތުރުކުމަށް އެދޭ ކަމަށެވެ. އަދި ކަރަންޓީނުވުމަށް ދަތުރުކުރާ ފަރާތްތަކުން "ހާލުބެލުން ޕޯޓަލް" އިން ހުއްދަ ހޯދައިގެން ނޫނީ ދަތުރުނުކުރުމަށް އެދޭ ކަމަށްވެސް އިއުލާންގައިވެ އެވެ.

ރާއްޖޭގައި ކޮވިޑުން ރައްކާތެރިވުމަށްޓަކައި މިމަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް 396،941 މީހުން ފުރަތަމަ ޑޯޒް ޖަހާފައިވެ އެވެ. އަދި 368،047 މީހުން ދެވަނަ ޑޯޒް ޖަހާފައިވާއިރު 27،308 މީހަކު ވަނީ ބޫސްޓާ ޑޯޒް ޖަހާފަ އެވެ.

ރާއްޖޭގައި އިއްޔެއާ ހަމައަށް 97،668 މީހުންނަށް ކޮވިޑް ޖެހިފައިވާއިރު 94،091 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. އެކްޓިވް ކޭސްގެ ގޮތުގައި 3،300 ކޭސް އިއްޔެއާ ހަމައަށް ރެކޯޑްކޮށްފައިވާއިރު އިއްޔެ އެކަނިވެސް 337 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެެވެ.