- އެތައް ފަހަރަކު މާޔޫސްވި
- ދެ ކިޑްނީ ފެއިލްވެ، ބަލި އެނދަށް ވެއްޓުނު
- ހިތްވަރު ދެރަ ނުކޮށް ކުރި މަސައްކަތުގެ ނަތީޖާއިން އުފާވެރިކަން
ހިނި ފަރުބަދަ ކެނޑި ވާހަކަ އަޑު އެހިން އެއްޔެވެ؟ ބުރަ މަސައްކަތުން ކާމިޔާބު ހޯދުމަށް އެންމެ ފަސޭހައިން މީހުން ޖަހަނީ، މި ސާލެކެވެ. މި އޮތީ ވެސް ހަމަ އެފަދަ ލާމަސީލު މިސާލެކެވެ. އޭނާ ވެސް ކާމިޔާބަށް ވާސިލްވީ ބުރަ މަސައްކަތުންނެވެ. ދިރިއުޅުމުގެ ދަތުރުގައި ގިނަ ތޫފާންތަކުގައި ޖެހި އޭނާ ހަފުސްވި އެވެ. އެތައް ފަހަރު ކަރު އެލުނެވެ. ބަލި އެނދަށް ވެއްޓުނެވެ. އަތް މަތި އެކީ ހުސްވެ ދުނިޔެމަތިން ފޫހިވި އެވެ. އެކަމަކު އޭނާގެ ހިތްވަރު އެލުވައެއް ނުލި އެވެ. ހުއްޓުމެއް ނެތި ކުރީ އޭނާ ކުރީ މަސައްކަތެވެ. އެންމެ ފަހުން ކާމިޔާބުގެ އަލިކަން ފެނުނީ އެވެ. މިއީ އެވިޑް ކޮލެޖުގެ ޗެއާމަން އަބްދުﷲ މުސްތާގެވެ.
"މިހާ ހިސާބަށް އައުމުގައި އެންމެ ބޮޑު ސިއްރަކީ ހިތްވަރު ދެރަނުކޮށް މަސައްކަތް ކުރުން. މަސައްކަތް ކުރުމުން މާތްﷲ އެ މީހަކަށް ކާމިޔާބު ދެއްވާނެ. މަަސައްކަތް ކުރަންޏާ މަގެއް ފެންނާނެ،" މުސްތާގު ވާހަކަ ފެށުމުގެ ގޮތުން ހިނިތުންވުމާއެކު ވިދާޅުވީ މިހެންނެވެ.
އޭނާގެ މޫނުމަތިން މިއަދު ފެންނަ ހިނިތުންވުމަކީ އިއްޔެ އޭނާކުރި ބުރަ މަސައްކަތުގެ ފޮނި މޭވާ އެވެ. މުސްތާގުގެ މަސައްކަތް ފެށީ ތައުލީމީ ދާއިރާއިންނެވެ. އަދި އެ ދިރިއުޅުން އޭނާ ބިނާކޮށް ފައްކާ ކޮށްފައި މި އޮތީ ވެސް ހަމަ އެ ދާއިރާގަ އެވެ. ތައުލީމީ ދާއިރާގައި ހިދުމަތް ކުރުމުގައި މުސްތާގުގެ ހިތްވަރު ހޯދީ މަންމައާއި ބައްޕަގެ ފަރާތުންނެވެ. އެންމެ ކުޑަ އިރު މުސްތާގަށް ފެންނަނީ މަންމަ، ގޭގައި ކުދިންނަށް ކިޔަވައިދެއްވާތަނެވެ. ގދ. ތިނަދު އަށް އުފަން، މުސްތާގުގެ ބައްޕައަކީ ވެސް ތައުލީމީ ދާއިރާގެ ހިދުމަތްތެރި އެކެވެ. ބައްޕަ އާއި މަންމަގެ ފިޔަވަޅު މަތީ އޭނާ ވެސް ހިނގަން ފެށުނު ހިސާބުން އޭނާގެ މުޅި ހިތް ދޫކޮށްލެވުނީ ތައުލީމީ ދާއިރާ އަށެވެ. ތައުލީމީ ދާއިރާގެ "ރަސްމީ މަސައްކަތް" މުސްތާގު ފެއްޓެވީ ގޭގެ ނިދާ ކޮޓަރީގަ އެވެ. ފުރަތަމަ "ޓްރޭނިން ސެންޓަރުގެ އޮފީހަކީ" ނިދާ ކޮޓަރި އެވެ. ފުރަތަމަ ކޯސް ހިންގުމަށް ކުދިންނަށް ދޫކުރާ ފޯމްތައް ރައްކާކުރަނީ އެނދު ތަންދޮށުގަ އެވެ. ކުދިންގެ މައުލޫމާތު ރައްކާކުރި ލެޕްޓޮޕަކީ ޖީބުގައި އޮންނަ ކުޑަ ނޯޓު ފޮތެކެވެ.
"އެންމެ ފުރަތަމަ ނިދާ ކޮޓަރީގައި އޮފީސް ހެދީ. ރައްޓެެއްސެއްގެ އަތުން ކޮމްޕިއުޓެއް ހޯދީ. ލާރި ހޯދީ ރައްޓެހިންގެ އަތުން، ފަހުން ލާރި ދޭ ގޮތަށް. ޕްރިންޓިން ވެސް ހެދީ އަމިއްލަ އަށް. އެ ކަރުދާސްތަށް ބަހަން ނިކުންނަނީ ވެސް އަމިއްލަ އަށް. ދެން ކުދިން ގުޅަން ފެށީމަ ހަދާ ގޮތަކީ ނަން ނޯޓްކުރަނީ ޖީބުގައި އޮންނަ ނޯޓު ފޮތުގައި. ނަން ނޯޓްކޮށްގެން ޝީ- ބިލްޑިންގެ ކްލާސް ރޫމްތައް ހިފައިގެން ކްލާސްތައް ފެށީ،" މުސްތާގު ވިދާޅުވި އެވެ.
ޝީ ބިލްޑިންގެ ކްލާސްތައް ކުއްޔަށް ހިފައިގެން މުސްތާގު ފުރަތަމަ ފެށި މަސައްކަތް ހީކުރި ވަރަށް ވުރެ ވެސް ރަނގަޅެވެ. މުސްތާގު ގަބޫލުކުރައްވާ ގޮތުގައި އޭނާގެ ކުރިއެރުމުގައި ޝީގެ އިސްވެރިންގެ ހިއްސާ ވެސް ނުހަނު ބޮޑެވެ.
"ކިޔަވައި ދޭން ފެށިތަނުން ކްލާހަށް ކުދިން ގިނަވާން ފަށައިފި. އެހެންވެ އިތުރު ޓީޗަރުން ވެސް ހޯދީ. އޭރު ކިޔަވައިދީ ނިންމާލާފައި ކުދިންނަށް ސައި ދިނުމުގައި ވެސް އަޅުގަނޑު އުޅުނިން،" މުސްތާގު ވިދާޅުވި އެވެ.
ދެން މުސްތާގުގެ މިޝްރާބު ބަދަލުކޮށްލީ ރަށްތަކަށެވެ. މި ފަހަރު "މޮބައިލް ޓްރޭނިން" ކްލާސްތަކެއް ހިންގުމަށެވެ. އާ ހިތްވަރެއް ލިބުނީ އޭނާ އަށް މި ހިސާބުންނެވެ. ތައުލީމާ ދާއިރާއަށް ހިތުގައި އޮތް ލޯތްބާ އެކު ފެށި މި މަސައްކަތުން އޭނާ އަށް ރަނގަޅު ފިލާވަޅެއް ދަސްވި އެވެ. ތައުލީމު ހޯދުމަށް ފެންބޮވައި ގެންފައިވާލެއް ބޮޑުކަން އޭނާއަށް ފެނުނެވެ. އެ ހިސާބުން ޓްރެއިނިން ސެންޓަރެއް ހެދުމުގެ މަސައްކަތް ފެށީ އެވެ.
"އޭގެ ފަހުން މާލޭގެ ތަނެެއް ކުއްޔަން ހިފީ. އެ ފަހަރު ޑިޕްލޮމާ ލެވަލްގެ ކްލާސްތަކެއް ފެށީ. ވަރަށް ކާމިޔާބުކޮށް ދިޔައީ،" މުސްތާގު ވިދާޅުވި އެވެ.
އަނެއްކާ، ސުމަކުން ފަށަން ޖެހުން
ކިޔަވައި ދިނުމުގެ މަސައްކަތް "ވައިގައި ހިފިތާ" މާގިނަ ދުވަހެއް ނުވެ، އޭނާ ހިންގި ޓްރޭނިން ސެންޓަރުން ވައްކަން ކުރި އެވެ. އެއާ އެކު ދެން އައީ އެ މަސައްކަތަށް ހުއްޓުމެކެވެ. އެކަމަކު ފަހަތް ބަލައިގެން ހުއްޓުނީއެއް ނޫނެވެ. އޭނާ ނިންމެވީ ހުރަސްތައް ފޫއަޅުވާލާފައި، ބާރަށް ކުރި އަށް ދާށެވެ.
"މިއީ ވަރަށް ހިތާމަވެރި ދުވަސްކޮޅެއް [ޓްރޭނިން ސެންޓަރު ފަޅާލުމަކީ] އެހެންވުމުން ހަދާނެ ގޮތް ނޭނގި މާޔޫސްވި.. އެހެންތާ ވާނީ!.. ދިރިއުޅުމުގައި ދިމާވި ދަތިކަމެއް މިއީ. އޭރު އަތުގައި އެއްވެސް އެއްޗެއް ނެތް. ސިސްޓަމްތައް ވަގަށް ގެންދިޔައީ. ހޯދާފައި ހުރި ޕްރޮޖެކްޓަރުތައް ވެސް ގެއްލުނީ. އެކަމަކު އަޅުގަނޑު ހިތްވަރު ދުލެއް ނުކުރަން. އަނެެއްކާ ވެސް ރަށްރަށަށް ދަތުރުކޮށް މޮބައިލް ކްލާސްތަކެއް ފެށީ. މާލޭގެ ސްކޫލްތަކުގައި ވެސް ކްލާސް ތަކެއް ފެށީ. ޕޭރެންޓުންނަށް ވެސް ކްލާސްތަކެއް ހިންގަން ފެށީ،" މުސްތާގުގެ ދިރިއުޅުމުގައި ދިމާވި ދަތި ދުވަސްތަކުގެ ތަޖުރިބާ "އަވަސް" އާ ހިއްސާކުރަމުން ވިދާޅުވި އެވެ.
ދެ ކިޑްނީ ފެއިލްވުން: މަރުގެ އެތި ފަހަރެއް
"ވަގުންގެ ހަމަލާއިން" ސަލާމަތް ވުމަށް ހިތްވަރުލައި ކުރިއަށް ދިޔަ ނަމަވެސް، ތަޤުދީރުގެ ނިޔާ އޭނާއަށް މި ފަހަރު ވެސް ދެއްކީ ހިތި ކޮށެވެ. އޭނާ ކުރިއަށް ދިއުން ހަމަ ހަގީގަތުގައި ވެސް މި ފަހަރު ހުއްޓުން އެރީ އެވެ. މި ފަހަރު އޭނާގެ ދެ ކިޑްނީ ފެއިލްވެ، ބަލިއެނދަށް ވެއްޓުނީ އެވެ. މި ފަހަރު މަރުގެ އެތި ފަހަރެކެވެ. އެކަމަކު އޭނާގެ ހިތްވަރަށް ބަދަލެއް ނާދެ އެވެ. މަސައްކަތް ކޮށްފިއްޔާ އަލިމަގެއް ފެންނާނެ ކަމަށް އޭނާ ގަބޫލު ކުރާ ކުރުމަށް ބަދަލެއް ނުގެނެ އެވެ. މަރާ ހަނގުރާ ކުރަން ވެސް އޭނާ ކުރިމަތިލީ އެވެ. އަހަންނަށް އެހީވާށޭ ބުނެ، "ހެލްޕް މުސްތާގު" ގެ ނަމުގައި އޭނާ ވަރުގަދަ ކެމްޕޭނަކުންނެވެ. ކިޑްނީ ފެއިލްވެފައި ހުރި ނަމަވެސް މި ހަރަކާތުގައި އަމަލީ މައިދާނަށް އޭނާ ނިކުންނެވި އެވެ.
އެއީ އޭނާގެ ހަޔާތުގެ އެންމެ އުނދަގޫ ދުވަސްތަކެވެ. ވޭނާއި ހިތާމަ ހިތްދަތިކަން އަދި މާޔޫސްކަން އިންތިހާއަށް އޭނާ ތަހަމަލް ކުރަން ޖެހިވަޑައިގަތެވެ. މުސްތާގުގެ ހަޔާތް ބައްދާލާފައި އޮތީ ވާނުވާއެއް ނޭނގޭ އަދިރިކަމަކުންނެވެ. ބަލި ހާލު ހުރި ގޮތުން ކުރިއަށް ދެވެން ހުރި ދޮރުތައް ވެސް ހުރީ ނުހުޅުވޭ ވަރަށް ބަންދުވެފަ އެވެ. ހިތްދަތިކަން އިތުރަށް ބޮޑުވީ އެ ހާލަތުގައި ލޯބި ލިބެން ޖެހޭ އެތައް ބައެއްގެ ލޯބިން އޭނާ މަހުރޫމް ވީމަ އެވެ. ފައިސާ އާއި މުދަލަށް ވުރެ ލޯބީގެ މުހިންމުކަން އޭނާއަށް ފިސާރި ރަނގަޅަށް މި ތަޖުރިބާގެ ތެރެއިން ދަސްކޮށްދިނެވެ.
"މި ކަމުގައި އެންމެ ބޮޑު ގޮން ޖެހުމެއް ކުރިމަތިވީ ލޯބި ލިބެން ޖެހޭ މީހުންގެ ލޯބި ނުލިބުން. ފައިސާ އަށްވުރެ ބޮޑަށް އަޅާލުން ނުލިބުމުން،" މުސްތާގު ވިދާޅުވި އެވެ.
އެ ބަލި އެނދުން އޭނާއަށް ތެދުވެވުނީ ވެސް ކޮންމެވެސް ބައެއްގެ އެހީތެރިކަމެއް އޮތީމަ އެވެ. މުސްތާގު ގަބޫލު ކުރައްވާ ގޮތުގައި މަންމަގެ އެހީތެރިކަމާއި ހިތްވަރު ނުލިބުނު ނަމަ، އޭނާއަށް ދެން އަލުން ކޮޅަކަށް ނުތެދުވެވުނީހެވެ. އޭނާގެ އަންހެނުންނާއި ދަރިންގެ އެހީ އޭނާ ޝުކުރާއެކު ފާހަގަ ކުރެ އެވެ.
"މަންމަ ވަރަށް ހިތްވަރު ދޭނެ. ކިޑްނީ ފެއިލް ވެގެން ބަލި އެނދުގައި އޮތް އިރު ވަރަށް ބޮޑު ހިތްވަރެއް ދިން އަޅުގަނޑުގެ ދަރިފުޅު. އެ ދަރިފުޅު އަޅުގަނޑުދެކެ ލޯބިވާކަން އެނގޭ. ހަނދާނުގައި ހުރޭ. އެހެންވެ ދަރިއަށްޓަކާ ވެސް ވަރަށް ހިތްވަރު އާލާވި. މި ބަލިން އަރައިގަންނަން ހިތްވަރު ކުރެވުނު،" މުސްތާގު ވިދާޅުވި އެވެ.
"އަޅުގަނޑު މިހާރު ވެސް ކަމެއް ކުރުމުގެ ކުރިން މަންމަ ކައިރީ ބުނަން. މި ވެދާނެ އަޅުގަނޑުގެ ކާމިޔާބުގެ ސިއްރަށް ވެސް!.. މައިން ބަފައިން ދަރިންގެ މައްޗަށް ކުރާ ދުއާއަކީ ވަރަށް މާތް ދުއާއެއް. ކަމެއް ފެށުމުގެ ކުރިން އަބަދު ވެސް އަޅުގަނޑު މަންމަ އަށް ގުޅަން. ގުޅާފައި ބުނަން މަންމާ އޭ؟ އަޅުގަނޑަށް ދުއާ ކޮށްދެއްޗޭ."
ދެ ކިޑްނީ ފެއިލްވެ ބަލި އެނދުމުގައި އޮންނަން ޖެހުނަސް، މުސްތާގުގެ ހިތްވަރަކަށް ބަދަލެއް ނާދެ އެވެ. އެ ކަންތައްގަނޑުގެ ތެރޭގައި އުޅެމުން ވެސް ބައެއް ކުދިންނަށް ކިޔަވާ ދިނުމުގެ މަސައްކަތް އޭނާ ކުރިއަށް ގެންދިޔަ އެވެ. އެއީ ހިތްވަރު ދޫކޮށްލަން ޖެހޭ ވަރުގެ ކަމެއް ކަމަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ.
"ހެލްޕް މުސްތާގު ކެމްޕޭންގައި ބެޖު ވިއްކަން ވެސް އަޅުގަނޑު އުޅުނިން. ޓީޝާޓް ވެސް ވިއްކިން. އަޒުމް ކަނޑައެޅީ އަޅުގަނޑުގެ ގާބިލްކަން ދައްކުވައިގެންނޭ ލާރި ހޯދާނީ. އެހެންވެ ދަރުބާރުގޭގައި ސަކްސަސްފުލްގެ ލިވިންގެ ނަމުގައި ޓްރެއިނިން ޕްރޮގްރާމެއް ފެށީ. އެ ޕްރޮގްރާމް ވަރަށް ކާމިޔާބު. ގާތްގަނޑަކަށް 260 ވަރަކަށް މީހުން މި ޕްރޮގްރާމުގައި ބައިވެރިވި. އެ ޕްރޮގްރާމަށް ލިބުނު ލާރިއާއެކު ސްރީލަންކާ އަށް ގޮސް ކިޑްނީ ޓްރާންސްޕްލާންޓް ހެދީ،" މުސްތާގު ވިދާޅުވި އެވެ.
"އެ ފަހަރު [ ކިޑްނީ ފެއިލްވުމުން] އަޅުގަނޑަށް އެހީވެދިން ހުރިހާ މީހުންނަށް ހިތުގެ އަޑިން ޝުކުރު އަދާކުރަން. އަޅުގަނޑު ބޭނުންވަނީ އެހެންވެ މުޖުތަމަތައް ހިދުމަތް ކުރަން. އެކަމަށްޓަކައި މާތްﷲ އަށް ހަމްދާ ޝުކުރު ކުރަން."
ކިޑްނީގެ ބަލިން ސަލާމަތްވެ އެނބުރި އާދެވުނީ އަހަރެއްހާ ދުވަސް ފަހުންނެވެ. އެ ބަލިން އަރައި ގަތުމަށްފަހު، ސުމަކުން އޭނާ ފެށީ، "އެވިޑް ޓްރެއިނިން ސެންޓަރު" ގެ މަސައްކަތެވެ. ޓްރެއިނިން ސެންޓަރެއް ހިންގަން މޭޒު ބެހެއްޓީ މި ދުވަސްވަރެވެ. އެއީ 2004 ވަނަ އަހަރުގެ ފަހުކޮޅެވެ. މުސްތާގަށް އެ މޭޒު އަދި ވެސް ވަރަށް ހާއްސަ އެވެ. މިހާރުގެ އެވިޑް ކޮލެޖުގައި ވެސް އެ މޭޒު ވަރަށް ރައްކާތެރިކަމާ އެކު ބަހައްޓާފައި އެބަ ހުއްޓެވެ.
"އޭރު އަޅުގަނޑު ކިޑްނީ ފެއިލްވީމަ މިހާރު އުމުރަށް ބޭސްކާން ޖެހޭ. ހިތަށް އެރި ކިހިނެއް ބާ އޭ ހަދާނީ؟ ކާކުހޭ އެހީވާނީ؟ އެހެންވީމަ އެކްސްއެލް އިންޓަނޭޝަނަލް ހުރި ތަނުގައި ކުޑަ ޓްރެނިން ސެންޓަރު ހެދީ،" މުސްތާގު ވިދާޅުވި އެވެ.
މުސްތާގު މަރުގެ އެތިފަހަރުން ސަލާމްތެގެން އައިސް، އަލަށް ފެށި ކޯސްތަކުގެ އަޑު ގަދަވި އެވެ. ނަތީޖާއަކަށްވީ ޑިމާންޑް ބޮޑުވެ، އިތުރު ޖާގައަށް ބޭނުންވުމެވެ. އެހެންވެ، މާފަންނު މަދަރުސާގެ ކްލާސްތަކެއް ކުއްޔަށް ހިފައިގެން މަސައްކަތް ފެށި އެވެ. އޭގެ ފަހުން ގ. ރަންވެހި ގޭގައި އެވިޑްގެ ކްލާސްތައް ފެށި އެވެ. މިއީ "އެވިޑް ކޮލެޖު" ގެ ބިންގާ އެޅި ހިސާބެވެ.
"އެތަން ފެއްޓުމަށް ވެސް ބޮޑު ގުރުބާނީ ތަކެއް ވާން ޖެހުނު. ކުދިންގެ އަތުން ލިބޭ ފީ ފިޔަވައި އިތުރު އެއްޗެއް އަޅުގަނޑަކަށް ނުލިބޭ. ކުދިން އަތުން ލިބޭ ފީކޮޅުން ފުއްދާލީ،" މުސްތާގު ވިދާޅުވި އެވެ.
ފަރުނީޗަރު ހޯދަން ނީލަން ފިހާރަ އަށް؟
ގ. ރަންފެހިގޭ ގައި ފެށި ޮކުޑަ ޓިއުޝަން ސެންޓަރުން އެވިޑް ކޮލެޖަށް ހަދައި ކޮޅަށް ޖަހާލުން ފަސޭކަމަކަށް ނުވި އެވެ. އެ ތަން ފެށުމަށް، އެންމެ ކުޑަމިނުން ފަރުނީޗަރު ހޯދަން ވެސް އޭނާގެ އަތަކު ލާރިއެއް ނެތެވެ. އޮފީސް ހިންގަން ބޭނުންވާ ފަރުނީޗަރާއި ގޮނޑި ފަދަ ތަކެތި ނެތި އެކަން ވެސް ފެއްޓޭކަށް ނެތެވެ. އަތުގައި ހުރި މަދު ލާރި ކޮޅާއި އެކި ގޮތްގޮތުން ހޯދި ފައިސާ ކޮޅެއް ހިފައިގެން ނުކުމެ ކޮލެޖަށް އެންމެ ފުރަތަމަ ފަރުނީޗަރު ހޯދީ ވެސް ނީލަން ފިހާރައިންނެވެ.
"އެ ތަނުން [ނީލަން ފިހާރަ] އިން މުދާ ނަގައިގެން އެ ތަކެތި ދޮވުނީ. ޖަރާސީމު ފިލުވަން ކެމިކަލް ލައިގެން ސާފު ކުރިން. ޕޮލިޝްކޮށްގެން އެ ތަކެތި ބޭނުންކުރީ. މުވައްޒަފުންގެ ފަރުނީޗަރު ހޯދީ އެގޮތަށް. މީހުން ބޭނުންކޮށްފައި އުކާލާ އޭސީ ތައް ވެސް ހޯދިން. އެ ތަކެތި ފައިސާ ދައްކާ ހަލާސްކުރާ ގޮތަށް ހޯދީ،" އެވިޑް ކޮލެޖުގެ ފެށިން ދިޔަ ގޮތް ވިދާޅުވެ ދެއްވަމުން މުސްތާގުގެ ވާހަކަ ކުރިއަށް ގެންދިޔަ އެވެ.
މުސްތާގުގެ ޒަމާނީ އެވިޑް ކޮލެޖްގެ ފެށުން އައީ 2013 ގަ އެވެ. އެންމެ ޒަމާނީ ވަސީލަތްތަކާއެކު ހަދާފައިވާ މި ކޮލެޖަކީ މިހާރު 500 އަށްވުރެ ގިނަ ކުދިންގެ މަދަރުސާ އެވެ. މިހާރުގެ އަމާޒަކީ ކޮލެޖު ޔުނިވާސިޓީ އަކަށް ބަދަލު ކޮށްލުމެވެ. އޭނާ އެ ދަނީ މިހާރު އެ އަމާޒަށެވެ.
ކެބިން ކްރޫއަކަށް ވެސް އުޅުނު؟
މުސްތާގުގެ ހިދުމަތް ލިބެނީ ހަމައެކަނި އެޑިއުކޭޝަން ދާއިރާއަކުން ނޫނެވެ. އޭނާގެ ކާމިޔާބީގެ ދަތުރުގައި ހެލިކޮޕްޓަރުގައި ވެސް އުދުހުނެވެ. މީގެ އަހަރުތަކެއް ކުރިން ރާއްޖޭގައި ބޭނުންކުރި "ހަމިންބާޑު" ހެލިކޮޕްޓަރުގެ ކްރޫއަކަށް ވެސް މުސްތާގު މަސައްކަތް ކުރެއްވި އެވެ. ހަމިންބާޑުގައި އުދުހުނު ދުވަސްވަރު ވެސް މަރުގެ ދެ އެތި ފަހަރަކުން އޭނާ ސަލާމަތްވި އެވެ. ދެ ފަަހަރަކު ހަނިގޮތަކަށް އޭނާ ސަލާމަތްވީ، ނަސީބު ގަދަކަމުންނެވެ.
"ކެބިން ކްރޫ ދާއިރާ އަށް ވަދެވުނީ އިތުރަށް ލާރި ބޭނުން ވެގެން އުޅެނިކޮށް [ދިމްނާ] ކިޔާ ބޭފުޅަކު ބުނި ބުނުމަކަށް. އޭނާ ވިދާޅުވީ މުސްތާގު ރަނގަޅެއް ނުންހޭ ކެބިން ކްރޫއަށް ދާން. މާތް ﷲގެ ވާގިފުޅާއެކު އަޅުގަނޑު ކެބިން ކްރޫ ޓެސްޓުތަކުން ފާސްވީ. އެ ޓެސްޓުން ފާސްވުމުން ހަމިންބާޑުން އިނާމު ވެސް ދިން،" މުސްތާގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހަމިންބާޑް ހެލިކޮޓަރު ވެއްޓުނު ފަހަރަކު މުސްތާގު ދަތުރުކުރަން ޝެޑިއުލްގައި އޮތެވެ.
"އެ ދުވަހު [ ހެލިކޮޕްޓަރު] ވެއްޓުނު ދުވަހު ދައްތަ އެއް ބަލި ވެގެން އެ ދަތުރު ނުދެވުނީ. އަނެއް ފަހަރަކު ދާން އޮތް ފްލައިޓެއް ވެސް ވެއްޓުނު. އެ ފަހަރު ވެސް ނުދެވުނީ ... އެއީ ނަސީބަށް ވެދާނެ،" މުސްތާގު ވިދާޅުވި އެވެ.
މީގެ އިތުރުން ޓީވީ ޕްރޮގްރާމް ހުށަހަޅައި ދިނުމަކީ ވެސް މުސްތާގުގެ ހުނަރެކެވެ. މި ހުނަރު ވެސް އޭނާ ދައްކާފައިވެ އެވެ.
މުސްތާގު ގަބޫލުކުރައްވާ ގޮތުގައި އޭނާގެ ކާމިޔާބީއަކީ ވެއްޓޭ ކޮންމެ ފަހަރަކު އެއަށް ވުރެ އަވަހަށް ތެދުވެ، ހިތްވަރާ އެކު ހަށިފޮޅާލާފައި ތެދުވުމެވެ. ކޮންމެއަކަސް ހިނި ފަރުބަދަ ކެނޑި ގޮތަށް، މި އޮތީ ވެސް ހަމަ އެފަދަ މިސާލެކެވެ. ކާމިޔާބު ހޯދަން ލައްކަ ގިނަ މަސައްކަތް ކުރަން ޖެހޭނެކަން އޭނާ މި ވަނީ ސާބިތުކޮށްދީފަ އެވެ.