ބޮލީވުޑް

އެންމެ މޮޅު ނެށުންތެރިއަކަށް ސޯމިޔާ

ސޮނީ ޓީވީގެ މަޝްހޫރު ޑާންސް ރިއަލިޓީ ޝޯ "އިންޑިއާޒް ބެސްޓް ޑާންސާ"ގެ ދެވަނަ ސީޒަންގެ ޓްރޮފީ ސޯމިޔާ ކާމްބްލޭ ހާސިލުކޮށްފި އެވެ.

ކުޑަ ހެލަން (ޗޯޓީ ހެލަން)ގެ ނަމުން މަޝްހޫރުވެފައިވާ ސޯމިޔާ އަކީ ވަރަށް މޮޅަށް ބެލީ ޑާންސްކުރާ ޒުވާނެކެވެ.

ސޯމިޔާއާ އެންމެ ކައިރިން ވާދަކުރީ ގޯރަވް ސާރްވާން އެވެ. ތިންވަނަ ރޯޒާ ރާނާ އާއި ރަކްތިމް ތަތޫރިއާ އަށް ލިބުނުއިރު ހަތަރުވަނަ އަށް ދިޔައީ ކެރެލާގެ ނެށުންތެރިޔެއް ކަމަށްވާ ޒަމްރޫދެވެ.

އެއްވަނަ ލިބުނު ސޯމިޔާއަށް 15 ލައްކަ ރުޕީސް އާއި ވަރަށް އަގުބޮޑު ކާރެއް އިނާމަކަށް ލިބުނެވެ. ސޯމިޔާގެ ކޯރިއޮގްރާފަރު ވަރްތިކާ ޖާ އަށް ވެސް ފަސް ލައްކަ ރުޕީސްގެ ފައިސާގެ އިނާމެއް ލިބުނެވެ.

މި ޝޯގެ ފުރަތަމަ ސީޒަންގެ ޓްރޮފީ ހާސިލުކުރި ޓައިގާ ޕޮޕްގެ ކޯރިއޮގްރާފަރަކީ ވެސް ވަރްތިކާ އެވެ. ވީމާ ޖައްސަ ޖައްސައިގެން ދެ ސީޒަން ވަރްތިކާ މިވަނީ ކާމިޔާބު ކޮށްފަ އެވެ.

މި ޝޯގެ ގްރޭންޑް ފިނާލޭގައި ސޯމިޔާ އާއި ރަނަރަޕް ގޯރަވް ބައިވެރިއެއް ނުވެ އެވެ. ސަބަބަކީ މި ދެ ނެށުންތެރިން ވެސް ބަލިވެ އުޅޭތީ އެވެ. އަދި ރޯޒާގެ ކޯރިއޮގްރާފަރު ސަނަމް ޖޯހަރް ވެސް ބަލިވެ އުޅޭތީ އޭނާ ވެސް ގްރޭންޑް ފިނާލޭގައި ބައިވެރި ނުވެ އެވެ.

މި ޝޯގެ ޖަޖުންނަކީ އިންޑިއާގެ މަޝްހޫރު ކޯރިއޮގްރާފަރުންގެ ތެރޭގައި ހިމެނޭ ޓެރެންސް ލުވިސް އާއި ގީތާ ކަޕޫރެވެ. ތިންވަނަ ޖަޖަކީ މަޝްހޫރު ބަތަލާ އަދި ނެށުންތެރިޔާ މަލައިކާ އަރޯރާ އެވެ. މަލައިކާ ވެސް ބަލިވެގެން ގްރޭންޑް ފިނާލޭގައި ބައިވެރި ވެފައެއް ނުވެ އެވެ މަލައިކާގެ ބަދަލުގައި މި ޝޯގައި ޖަޖްކަން ކުރީ ބަތަލާ ޝިލްޕާ ޝެޓީ އެވެ.