ހަބަރު

އެފްރިކާ ކަޕް ފަށައިފި

އެފްރިކާގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމުގައިވާ އެފްރިކާ ކަޕް އޮފް ނޭޝަންސް ރޭ ކެމަރޫންގައި ފަށައިފި އެވެ.

މިފަހަރުގެ މުބާރާތުގައި ކުޅޭ ފާހަގަ ކޮށްލެވޭ އެފްރިކާގެ ބައެއް ކުޅުންތެރިންގެ ތެރޭގައި މިސްރުގެ ތަރި މުހައްމަދު ސަލާހާއި ސެނެގާލްގެ ސަދިއޯ މާނޭ އާއި ޗެލްސީގެ ކީޕަރު ސެނަގޯލްގެ އެޑްއަޑް މެންޑީ ހިމެނެ އެވެ. އަދި އެފްރިކާގެ އެންމެ ފަހުގެ ޗެމްޕިއަން އަލްޖީރިޔާގެ ތަރި ރިޔާދް މަހްރޭޒް އާއި ގެބޮންގެ ކެޕްޓަން އަބާމޭޔަން ފާހަގަ ކުރެވެ އެވެ.

ރޭ ފެށި އެފްރިކަން ކަޕްގެ ފުރަތަމަ މެޗުގައި ވާދަކުރީ ކެމަރޫން އަދި ބުރުކިނާފާސޯ އެވެ. މި މެޗުން ބުރުކިނަފާސޯގެ މައްޗަށް ކެމަރޫން އިން ކުރިހޯދީ 2-1 ލަނޑު އެއް ލަނޑުގެ ނަތީޖާއަކުން ނެވެ.

މި މެޗު ކެމަރޫން ކާމިޔާބުކުރީ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް 40 ވަނަ މިނެޓާއި 43 ވަނަ މިނެޓުގައި ގާތް ގާތުގައުި ލިބުނު ދެ ޕެނަލްޓީ ކާމިޔާބުކޮށް މެޗު ނިމެން ދެން އެ ފަރަގު ދަމަހައްޓައިގެނެވެ.

މެޗުގައި ގޯލު ޖަހައި ފުރަތަމަ ލީޑް ނަގާފައި ވަނީ ބުރުކީނަފާސޯ އިން ނެވެ. އެ ލަނޑު އެޓީމުން ކާމިޔާބު ކުރީ މެޗުގެ 24 ވަނަ މިނެޓުގަ އެވެ. އެ ގައުމު ބަލިވި ކަމުގައި ވިޔަސް ކެމަރޫނާއި ދެކޮޅަށް ވަރުގަދަ ކުޅުމެއް ދެއްކި އެވެ.

ރޭގެ ދެވަނަ މެޗުގައި އިތިއޯޕިއާ އާއި ކޭޕް ވާޑޭ ވާދަކުރި މެޗު ކާމިޔާބު ކޮށްފައިވަނީ 1-0 ލަނޑުން ކޭޕް ވާޑޭ އެވެ. މި ލަނޑު އައީ ފުރަތަމަ ހާފުގެ 45 މިނެޓު ހަމަ ވެގެން ދިން އިތުރު ވަގުތުގެ ތެރޭގަ އެވެ.

މި މުބަރާތުގައި މިއަދުވެސް މެޗްތައް ކުޅޭނެ އެވެ. ރާއްޖޭ ގަޑިން 6:00 ޖަހާއިރު ސެނަގޯލް އާއި ޒިމްބާބުވޭ އަދި ރޭގަނޑު 9:00 ޖަހާއިރު ގިނީ އާއި މަލާވީގެ މެޗް އަދި މޮރޮކޯ އާއި ގާނާގެ މެޗު ކުޅޭނެ އެވެ. މިރޭ ދަންވަރު 12:00 ޖަހާއިރު ކޮމޯރޯ އާއި ގެބޯން ބައްދަލު ކުރާނެ އެވެ.