މާލެއިން ބޭރަށް ދަތުރުކުރާއިރު ޕީސީއާރް ނެގެޓިވް ޓެސްޓެއް އޮތުން މަޖުބޫރުކުރުމާ ގުޅިގެން ފްލޫ ކްލިނިކްތަކާއި ސާމްޕަލް ކަލެކްޝަން ސެންޓަރުތައް ކައިރީ ދިގު ކިއޫ ދަމައިލައިފި އެވެ.
ކޮވިޑް-19ގެ އާ ވޭރިއަންޓް، އޮމިކްރޯން ރާއްޖެ ސަރަހައްދުން ފެނިފައިވާތީ އާއި ކޮވިޑް ނަންބަރުތައް އިތުރުވުމާ ގުޅިގެން މިއަދުން ފެށިގެން އެޗްޕީއޭއިން ވަނީ ފިޔަވަޅުތައް ހަރުކަށިކޮށްފަ އެވެ. އެގޮތުން މާލެއިން ރަށްރަށަށް ފުރާ މީހުންގެ ތެރެއިން ވެކްސިން ފުރިހަމަވެ، 14 ދުވަސް ވެފައިވާ މީހުން ދަތުރު ކުރާނަމަ 72 ގަޑިއިރު ނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއެެއް ބޭނުންވެ އެވެ.
އެޗްޕީއޭއިން ކުއްލިއަކަށް ރޭ ނިންމި ނިންމުމާ ގުޅިގެން ފްލޫ ކްލިނިކްތަކާއި އަދި ސާމްޕަލް ކަލެކްޝަން ސެންޓަރުތަކަށް ވަނީ ބާރުބޮޑުވެފަ އެވެ، ސެނެހިޔާ ކައިރީ އަދި ސޯސަލް ސެންޓަރު ކައިރީގައި ރޭ ދިގު ކިޔު ހަދައިގެން ގިނަ ބަޔަކު ތިބިއިރު މިއަދު ވެސް ވަނީ ކިޔޫ ހަދާފަ އެވެ.
ކިޔުގައި ތިބި ބައެއް މީހުން ރޭ ވަރަށް ދަންވަންދެން އެ މީހުންގެ ތުއްތު ކުދިން އުރައިގެން އެތައް އިރަކު ކިޔުގައި ތިބެންޖެހުނުކަން ފާހަގަކުރެވުނެވެ. އެކަމާ ބައެއް މީހުން ވަރަށް ބޮޑަށް ނުރުހުންވެ އެޗްޕީއޭ އަށް ވަރަށް ބޮޑަށް ފާޑުވެސް ކިޔާފައިވެ އެވެ.
ސްކޫލް ޗުއްޓީ ބަންދާ ދިމާކޮށް މިވަގުތު ރަށްރަށުން މާލެ އައިސް ގިނަބަޔަކު އުޅޭ އިރު، އަންނަ އާދީއްތަ ދުވަހު އަލުން ސްކޫލްތައް ހުޅުވާނެ އެވެ. ސްކޫލް ހުޅުވުމާ ދިމާކޮށް މާލެއިން ރަށްރަށަށް ދަތުރުކުރާ މީހުން އަބަދުވެސް އިތުރު ވެއެވެ.
އެޗްޕީއޭގެ ކުއްލި ނިންމުމަށްފަހު، ފަހުން ވަނީ މިއަދާ މާދަމާ މާލެއިން ދަތުރުކުރާ މީހުންނަށް ލުޔެއް ދީފަ އެވެ. އެގޮތުން މި ދެ ދުވަހު މާލެއިން ސާމްޕަލް ނެގުމަށް ފަހު ރަށްރަށަށް ދެވޭނެ އެވެ. އެކަމަކު ނަތީޖާ ލިބެންދެން ކަރަންޓީންވާން ޖެހޭނެ އެވެ. އަދި މި ދެ ދުވަހު ރަށަށް ގޮސް، ސާމްޕަލް ނެގުމަށް ފަހު ނަތީޖާ ލިބެންދެން ކަރަންޓީނުގައި ހުރެވޭނެ ކަމަށް އެޗްޕީއޭ އިން ވަނީ އަންގާފަ އެވެ.
މާލެއިން ހިލޭ ޕީސީއާރް ޓެސްޓް ހަދައިދެނީ ސޯޝަލް ސެންޓަރުގައި ހުންނަ ސާމްޕަލް ކަލެކްޝަން ސެންޓަރުންނެވެ. އެތަން ހުޅުވާފައި ހުންނަނީ ކޮންމެ ހޮނިހިރު ދުވަހަަކުން ފެށިގެން ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 އިން 12:00 އަށް އަދި 3:00 އިން 6:00 އަށެވެ. އަދި ބުރާސްފަތި ދުވަހު ހެނދުނު 9:00 އިން 12:00 އަށެވެ. މީގެ އިތުރުން ހުކުރު ދުވަހު ހަވީރު 3:00 އިން އިރުއޮއްސި 6:00 އަށެވެ.
ވިލިމާލެ ސާމްޕަލް ކަލެކްޝަން ސެންޓަރުން ކޮންމެ ދުވަހަކު ހަވީރު 4:00 އިން އިރުއޮއްސި 6:30 އަށެވެ.