ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

ޕީސީއާރު ހަދަން ބާރު ބޮޑުވެގެން ނުވާނެ: އެޗްޕީއޭ

މާލެ ސަރަހައްދުގައި ކޮވިޑް-19 އިގެ ޕޮޒިޓިވް ރޭޓް ފަސް ޕަސެންޓަށް ވުރެ މަތިވުމާ ގުޅިގެން ރަށްރަށަށް ދަތުރު ކުރާއިރު ޕީސީއާރް ހެދުން މަޖުބޫރު ކުރުމަށް ފަހު ދެ ދުވަހުގެ ލުޔެއް ދީފައިވާއިރު ކިޔޫ ދިގުވެ ބާރުބޮޑު ވާންޖެހޭ ސަބަބެއް ނެތް ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން އެޗްޕީއޭގެ ކޮލިޓީ އެޝުއަރެންސް ކޮމިޝަނަރު ތަސްލީމާ އުސްމާން (ތަހޭ) ވިދާޅުވީ 72 ގަޑިއިރު ނުވާ ޕީސީއާރް ޓެސްޓަކާ އެކީ ދަތުރުކުރަން މަޖުބޫރުކުރި ނަމަވެސް މިއަދު އެ ޓެސްޓް ހަދަން ޖެހޭނީ ޖެނުއަރީ 12 ވަނަ ދުވަހު ފުރާ މީހުން އެކަނި ކަމަށެވެ. މި ދެ ދުވަހަށް ލުއި ދީފައި އޮތުމުން މި ދެ ދުވަހު ފުރާ މީހުން ސާމްޕަލް ދޭން ނުޖެހޭނެ ކަމަށާއި، ރަށަށް ގޮސް އެކަން ކޮށްލެވޭނެ ކަމަށް ވެސް ތަސްލީމާ ވިދާޅުވި އެވެ.

އެޗްޕީއޭއިން ކުއްލިއަކަށް ރޭ ނިންމި ނިންމުމާ ގުޅިގެން ފްލޫ ކްލިނިކްތަކާއި އަދި ސާމްޕަލް ކަލެކްޝަން ސެންޓަރުތަކަށް ވަނީ ބާރުބޮޑުވެފަ އެވެ، ސެނެހިޔާ ކައިރީ އަދި ސޯސަލް ސެންޓަރު ކައިރީގައި ރޭ ދިގު ކިޔު ހަދައިގެން ގިނަ ބަޔަކު ތިބިއިރު މިއަދު ވެސް ވަނީ ކިޔޫ ހަދާފަ އެވެ.

ކިޔޫގައި ތިބި ބައެއް މީހުން ރޭ ވަރަށް ދަންވަންދެން އެ މީހުންގެ ތުއްތު ކުދިން އުރައިގެން އެތައް އިރަކު ކިޔުގައި ތިބެންޖެހުނުކަން ފާހަގަ ކުރެވުނެވެ. އެކަމާ ބައެއް މީހުން ވަރަށް ބޮޑަށް ނުރުހުންވެ އެޗްޕީއޭއަށް ވަރަށް ބޮޑަށް ފާޑު ވެސް ކިޔާފައިވެ އެވެ.

ތަސްލީމާ ވިދާޅުވީ ފަސް ޕަސެންޓަށްވުރެ ޕޮޒިޓިވް ރޭޓް މަތިވެއްޖެ ނަމަ ރަށްރަށަށް ދަތުރު ކުރާއިރު ޓެސްޓް ހަދަން ޖެހޭނެ ކަމަށް ކުރިން ވެސް އެޗްޕީއޭ އިން އަންގާފައިވާނެ ކަމަށެވެ. އެފަދަ ނިންމުމެއްގެ ސަބަބުން ރައްޔިތުންނަށް ދަތިވާނެ ކަން އެނގޭ ކަމަށާއި އެކަމަކު ކޮވިޑް ކޮންޓްރޯލް ކުރެވޭނީ ފިޔަވަޅު ވެސް އަޅައިގެން ކަމަށެވެ.

"އަޅުގަނޑުމެން އަބަދުވެސް ސާމްޕަލް ސެންޓަރު ތަކަށް އަދި ފުލޫ ކުލިނިކް ތަކަށް ހިދުމަތްދޭ މީހުން ގިނަކުރަން މަސައްކަތް ކުރަން. އިތުރު ތަނެއް ސާމްޕަލް ނަގަން ހެދިދާނެތޯ ވެސް މަޝްވަރާކުރަން. ވަރަށް މަދުން އޮވެފައި ހަމަ ކުއްލިއަކަށް ކޭސްތައް މި މަތިވާން ފެށީ. އެހެންވިޔަސް މިއަދު އެހާ ކިޔޫ ބޮޑުވެގެން ނުވާނެ ކަމަށް އަޅުގަނޑު ދެކެނީ،" ތަސްލީމާ ވިދާޅުވި އެވެ.

އަންނަ އާދީއްތަ ދުވަހު ސްކޫލްތަކުގެ ކިޔެވުން ފެށޭތީ، މި ހަފްތާ ތެރޭގައި ގިނަ ބަޔަކު ރަށްރަށަށް ފުރައިގެން ދާނެ އެވެ. އެހެންވެ އެޗްޕީއޭ އިން ވަނީ މިއަދާ މާދަމާ މާލެއިން ދަތުރުކުރާ މީހުންނަށް ޓެސްޓް ހެދުމުގައި ލުއި ދީފަ އެވެ. އެގޮތުން މި ދެ ދުވަހު މާލެއިން ސާމްޕަލް ނެގުމަށް ފަހު ރަށްރަށަށް ދެވޭނެ އެވެ. އެކަމަކު ނަތީޖާ ލިބެންދެން ކަރަންޓީންވާން ޖެހޭނެ އެވެ. އަދި މި ދެ ދުވަހު ރަށަށް ގޮސް ރަށުން ސާމްޕަލް ނެގުމަށް ފަހު ވެސް ނަތީޖާ ލިބެންދެން ކަރަންޓީނުގައި ހުރެވޭނެ ކަމަށް އެޗްޕީއޭ އިން ވަނީ އަންގާފަ އެވެ.