މާލޭގައި ތަރައްގީކުރި ޕާކިން ސްލޮޓްތަކުގެ ގުރުއަތުލައި ސްލޮޓް ލިބޭ މީހުން ކަނޑައަޅުމުގައި ކަންކަން ކުރިއަށް ގެންދިޔައީ އެންމެ ރަނގަޅަށް ނޫން ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މުއިއްޒު މިހެން ވިދާޅުވީ ވީޓީގެ "ފަސް މަންޒަރު" ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން ނެވެ.
ޕާކިން ސްލޮޓް ލިބޭ މީހުން ކަނޑެޅިގޮތާމެދު މައްސަލަ ހޫނުވެ އޭސީސީން ވެސް މި މައްސަލައިގެ ތެރެއިން ވަނުމުން އަލުން މި ސްލޮޓްތަކަަށް ކުރިމަތިލާން ފުރުސަތު ހުޅުވާލަން ކައުންސިލްއިން މިހާރު ވަނީ ނިންމައިފަ އެވެ.
ރޭ މުއިއްޒު ވިދާޅުވީ ކަމެއް ރަނގަޅަށް ނުކުރޭވެނަމަ އެކަން ގަބޫލު ކުރައްވާނެ ކަމަށާއި ޕާކިން ސްލޮޓްގެ ކަންކަން ކުރިއަށް ގެންދިޔައީ އެންމެ ރަނގަޅަށް ނޫން ކަމަށް އެއްބަސްވެވަޑައިގަންނަވާ ކަމަށެވެ. އެގޮތުން އިދާރީ ގޮތުން ފުރިހަމަކުރަން ޖެހޭ ކަންކަން އެންމެ ރަނގަޅަށް ކުރިއަށް ނުގެންދެވިވާ ކަމަށާއި އެއަށްވުރެ ފުރިހަމަކޮށް އެކަން ކުރިއަށް ގެންދެވިދާނެ ކަމަށެވެ.
"މިސާލަކަށް ބައެއް ބޭފުޅުންނަށް ސްލިފް ނަންބަރެއް ނެތް ލިބިފައެއް. ދެން މިހެން ހުރި ގިނަ ކަންތައްތަކެއް ހުރީމަ އަޅުގަނޑަކަށް ނުފެނުނު މީގަ ކުރިއަށް ގޮސްގެނެއް އެދެވޭ ނަތީޖާއެއް ޖަވާބުދާރީ ވެވޭނެ ގޮތަކަށް ގެންދެވޭނެ ކަމަަކަށް. އެހެންވީމަ ވަރަށް ވިސްނާފަ އަޅުގަނޑު ގަބޫލުކުރީ އެންމެ ރަނގަޅުގޮތަކީ ހުރިހާ ފޯމެއް ބާތިލް ކުރުމޭ." މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ އަލުން ޕާކިން ސްލޮޓްގެ ގުރުއަތުލައި ސްލޮޓް ލިބޭ މީހުން ކަނޑައަޅާނީ ދެފުށް ފެންނަ ގޮތަށް ކަމަށެވެެ.
ޕާކިން ސްލޮޓްތަކަށް އަލުން ކުރިމަތިލުމަށް އިއުލާން ކުރާނެ ވަކި ދުވަހެއް މާލެ ސިޓީ ކައުންސިލުން އަދި ހާމަކޮށްފައެއް ނުވެ އެވެ.
މާލޭގެ 10 ސަރަހައްދެއްގައި ހަދާފައިވާ 211 ޕާކިން ސްލޮޓް ކުއްޔަށް ދިނުމަށް ހުޅުވާލުމުން 969 މީހަކު ކުރިމަތިލައިފައިވެ އެވެ.
ޕާކިން ސްލޮޓްތަކުގައި ޕްރައިވެޓް ކާރެއް ޕާކް ކުރުމަށް މަހަކު 1،000 ރުފިޔާ ކައުންސިލަށް ދައްކަންޖެހެ އެވެ. އެކަމަކު ކޮވިޑް ހާލަތު އުވާލުމުން އެ އަދަދު 1،500 ރުފިޔާ އަށް ބޮޑުކުރުމަށް މާލެ ސިޓީ ކައުންސިލުން ވަނީ ނިންމާފަ އެވެ. ޓެކްސީއެއް ބާއްވާނަމަ މަހަކު 750 ރުފިޔާ ދައްކަންޖެހެ އެވެ.