މާލޭގެ ތާޖުއްދީން ސްކޫލް އަދި އެފްއޭއެމް ބިލްޑިންގުގައި ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ކަލެކްޝަން ސެންޓަރެއް ގާއިމްކޮށް މިއަދު ހިދުމަތް ދޭން ފަށައިފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.
އެޗްޕީއޭ އިން މިއަދު ބުނީ ތާޖުއްދީން ސްކޫލްގައި ގާއިމްކޮށްފައި ވަނީ ސޯޝަލް ސެންޓަރުގައި ހުރި ސާމްޕަލް ކަލެކްޝަން ސެންޓަރު ކަމަށެވެ. މިއަދު 3:00 އިން ފެށިގެން އެ ސްކޫލް އިން ޓެސްޓް ހެދޭނެ ކަމަށާއި އެކަމަކު ދެން ސޯޝަލް ސެންޓަރުން އެ ހިދުމަތް ނުލިބޭނެ ކަމަށެވެ.
އެތަނުން ހިދުމަތް ދޭނީ ކުރިން ސޯޝަލް ސެންޓަރުން ވެސް ހިދުމަތް ދިން ގަޑިތަކާއި ދުވަސްތަކުގަ އެވެ. އެގޮތުން އެތަން ހުޅުވާފައި ހުންނަނީ ކޮންމެ ހޮނިހިރު ދުވަހަަކުން ފެށިގެން ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 އިން 12:00 އަށް އަދި 3:00 އިން 6:00 އަށެވެ. އަދި ބުރާސްފަތި ދުވަހު ހެނދުނު 9:00 އިން 12:00 އަށެވެ. މީގެ އިތުރުން ހުކުރު ދުވަހު ހަވީރު 3:00 އިން އިރުއޮއްސި 6:00 އަށެވެ.
އެފްއޭއެމް ބިލްޑިންގުގައި ގާއިމްކޮށްފައި ވަނީ އާ ސާމްޕަލް ކަލެކްޝަން ސެންޓަރެކެވެ. އެތަން ކޮންމެ ދުވަހަކު މެންދުރު 2:00 އިން އިރުއޮއްސި 6:00 އަށް ހުޅުވާފައި ހުންނާނެ އެވެ. އެތަނުން މިއަދު 2:00 އިން ފެށިގެން ޓެސްޓް ހެދޭނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން ވިލިމާލެ އިން ވެސް ކޮންމެ ދުވަހަު ހަވީރު 4:00 އިން އިރުއޮއްސި 6:30 ގައި ޓެސްޓް ކުރެވޭނެ އެވެ.
އެޗްޕީއޭ އިން އިތުރު ސާމްޕަލް ކަލެކްޝަން ސެންޓަރެއް ހުޅުވައިފައި މިވަނީ ކޮވިޑްގެ އާ ވޭރިއަންޓް، އޮމިކްރޯން ރާއްޖެ ސަރަހައްދުން ފެނިފައިވާތީ އާއި ކޮވިޑް ނަންބަރުތައް އިތުރުވުމާ ގުޅިގެން މިއަދުން ފެށިގެން މާލެއިން ރަށްރަށަށް ދާއިރު ޕީސީއާރް ނެގެޓިވް ނަތީޖާއެއް އޮތުން މަޖުބޫރު ކުރުމުންނެވެ. އެގޮތަށް ފިޔަވަޅުތައް ވަރުގަދަ ކުރުމާއި ގުޅިގެން ސާމްޕަލް ކަލެކްޝަން ސެންޓަރުތައް ކައިރީ މީހުން ވަނީ ދިގު ކިޔޫއެއް ހަދައިފަ އެވެ.