މާލޭ ސިޓީ ކައުންސިލް

ނައިޓް މާކެޓާ އެކު ގޮނޑުކުރި ސަރަހައްދު ސިޓީ ކައުންސިލުން ސާފުކުރަނީ

Jan 10, 2022

މާލޭގެ ރަސްފަންނު ސަރަހައްދުގައި ނައިޓް މާކެޓް ކުރިއަށް ގެންދިޔަ ކުންފުނިން އެތަން ސާފުނުކުރުމުން ގޮނޑުވެފައި އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފި އެވެ.

ނައިޓް މާކެޓް ބާއްވަން މާލެ ސިޓީ ކައުންސިލުން ހުއްދަ ދިނީ ޕްރިޒަމް ހޯލްޑިންސް އެލްއެލްޕީ އަށެވެ. ނައިޓް މާކެޓް މުޅިން ނުނިމެނީސް ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުގައި އެޗްޕީއޭ އިން އެންގުމުން ނައިޓް މާކެޓް ވަނީ ހުއްޓާލާފަ އެވެ.

އެޗްޕީއޭގެ ކުއްލި އެންގުމާ ގުޅިގެން ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށް ބުނެ ނައިޓް މާކެޓުން މޭޒު ގަން ފަރާތްތަކުން އިއްޔެ މުޒާހަރާވެސް ކޮށްފައިވެ އެވެ.

ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް މަރިޔަމް ޝިއުނާ ވިދާޅުވީ ނައިޓް މާކެޓް ކުރިއަށް ގެންދިޔަ ކުންފުނިން އެ ސަރަހައްދު ގޮނޑަކަށް ހަދާފައިވާތީ ސިޓީ ކައުންސިލުން އެކަން ކުށްވެރިކުރާ ކަމަށެވެ.

ނައިޓް މާކެޓް ކުރިއަށް ދިޔަ ސަރަހައްދު ސާފުކުރަން ޕްރިޒަމް ހޯލްޑިންސް އަށް އަންގާ، ނޯޓިސް ދިން ނަމަވެސް އެކަން ކުރަން ދިން ވަގުތުގެ ތެރޭގައި މަސައްކަތް ނުކުރި ކަމަށްވެސް ޝިއުނާ ވިދާޅުވި އެވެ. ސިޓީ ކައުންސިލްގެ މުވައްޒަފުން ތަން ސާފުކުރުމުގެ މަސައްކަތް ފެށީ އާންމުންނަށް ދަތިވާތީ ކަމަށްވެސް ވިދާޅުވި އެވެ.

ޝިއުނާ އިތުރަށް ވިދާޅުވީ ސިޓީ ކައުންސިލުން ކުރިއަށް އޮތް ތަނުގައި ނައިޓް މާކެޓް ފަދަ އިވެންޓްތައް ބޭއްވުމަށް ހުއްދަ ދޭނީ އުސޫލުތައް ހަރުދަނާކުރުމަށްފަހު ކަމަށެވެ.

ސޯޝަލް ސެންޓަރުގައި ޕީސީއާރް ޓެސްޓް ހެދޭނެ އިންތިޒާމު ހަމަޖައްސާފައި ހުރި އިރު އެތަނުގައި ކިޔު ހަދައިގެން ތިބި މީހުން ތިބީ ނައިޓް މާކެޓް ބާއްވައި، ގޮނޑުކޮށްފައި އޮތް ސަރަހައްދުގައި ކުނިތަކުގެ ތެރޭގަ އެވެ.