އެޗްޑީސީ

ފްލެޓްތަކުގެ ކައިރީގައިވާ މަގުތައް އަންނަ މަހު ނިންމަނީ

Jan 10, 2022
2

ހިޔާ ފްލެޓްތަކުގެ ކައިރީގައި ނުނިމި ހުރި މަގުތައް އަންނަ މަހު ނިންމާލެވޭނެ ކަމަށް އެޗްޑީސީން ބުނެފި އެވެ.

އެޗްޑީސީން މިހެން ބުނެފައި މިވަނީ އެ މަގުތައް ނުނިމި ލަސްވާތީ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ބައެއް މީހުން އެކަމާ ޝަކުވާކުރަމުން ދަނިކޮށެވެ.

ފްލެޓްތަކުގައި އުޅޭ ބައެއް މީހުން ބުނި ގޮތުގައި މަގުތައް ނިންމުން ލަސްވުމާ ގުޅިގެން ފްލެޓްތަކަށް ހިރަފުހުގެ އުދަނގޫ ބޮޑެވެ. އެކަމާ ގުޅިގެން ސިއްހަތަށް ނުރައްކާ އެބައޮތް ކަމަށްވެސް ބައެއް މީހުން ބުނެފައިވެ އެވެ.

އެޗްޑީސީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ކައިރީގައިވާ މަގުތައް ނިންމުމަށް އިސްކަންދީގެން އެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މަސައްކަތްތައް ކުރިއަށްދާ ގޮތަށް ބަލާއިރު އަންނަ މަސް ނިމުމުގެ ކުރިން ފްލެޓްތަކުގެ ކައިރީގައިވާ މަގުތައް ނިންމާލެވޭނެ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މިހާރު ލަފާކުރެވޭ ގޮތުގައި ފޭސް ޓޫގެ ހުރިހާ މަގެއް މިއަހަރުގެ އޮކްޓޫބަރު ނިމުމުގެ ކުރިން ނިންމާލެވޭނެ،" އޭނާ ވިދާޅުވި އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަގުތައް ނިންމަން ހަވާލުކޮށްފައިވަނީ އިންޑިއާގެ ދެ ކުންފުންޏަކުން އުފައްދާފައިވާ ޖޮއިންޓް ވެންޗަ ކުންފުންޏަކަށެވެ.

އިންޑިއާ ކުންފުންޏާ ހަވާލާދީ އެޗްޑީސީން ބުނީ މަގުތައް ނިންމުން ލަސްވީ ކޮވިޑް 19އާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އެޅި ބައެއް ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ.

އެޗްޑީސީން ކުރިން ނިންމައިގެން ތިބީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ހުޅުމާލޭގެ ފޭސް ދޭއްގެ މަގު ހެދުމުގެ މައިގަނޑު މަސައްކަތްތައް ނިންމާލެވޭނެ ކަމަށެވެ.