ކްރިމިނަލް ކޯޓް

މާވިންގެ ބަންދަށް އިތުރު 10 ދުވަސް

Jan 10, 2022

އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕިންސް ނަރުހެއް ކަމަށްވާ މޭރީ ގްރޭސް އޮނެޑް ޕިނެޑާގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ އޭނާގެ ފިރިމީހާ މާވިން އެސް.ވައި ވާގަސްގެ ބަންދަށް އިތުރު 10 ދުވަސް ދީފި އެވެ.

މާވިންގެ ބަންދާ މެދު ގޮތެއް ނިންމުމަށްފަހު ކްރިމިނަލް ކޯޓުން މިއަދު ނެރުނު އަމުރުގައި ވަނީ މާވިންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ދެން ހާޒިރުކުރަން ވާނީ އޭނާގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ޝަރީއަތް ކުރައްވާ ގާޒީގެ ކުރިމައްޗަށް ކަމަށެވެ.

މޭރީގެ މަރުގެ ތުހުމަތުގައި މިދިޔަ އޮކްޓޫބަރު 27 ވަނަ ދުވަހު މާވިން ހައްޔަރުކުރުމަށްފަހު މިއަދު މިއީ އޭނާގެ ބަންދަށް މުއްދަތު ޖެހި ފަސްވަނަ ފަހަރެވެ.

މޭރީގެ މަރާ ގުޅިގެން މާވިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ޅ. ހިންނަވަރު، މާފިނި، ހަލީމަތު ލަމްހާ ވެސް މިދިޔަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު ހައްޔަރުކޮށްފައިވެ އެވެ. ލަމްހާގެ ބަންދަށް ވެސް ދެވަނަ ފަހަރަށް ކޯޓުން 15 ދުވަސް ދީފައިވާތީ އޭނާވެސް ހުރީ ބަންދުގަ އެވެ.

ދައުލަތުން މި މަހުގެ ހަތަރުވަނަ ދުވަހު ވަނީ މާވިން އާއި ލަމްހާގެ މައްޗަށް ދައުވާ އުފުލާފަ އެވެ. މި ދެ މީހުންނަކީ ވެސް އައިޖީއެމްއެޗްގެ ދެ ނަރުހުންނެވެ.

މޭރީ އަމިއްލައަށް މަރުވި ކަމަށް އޭނާގެ ފިރިމީހާ ބުނާތީ އެ މައްސަލަ ފުލުހުން ބަލަން ފެށީ މިދިޔަ އޮކްޓޫބަރު މަހުގެ 19 ވަނަ ދުވަހު އެވެ.

ފުލުހުންގެ ތަހުގީގު ބޭނުމަށް މޭރީގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ވެސް ވަނީ ހަދާފަ އެވެ. ފުލުހުން ބުނީ މޭރީ އަމިއްލައަށް ދަންޖެހިފައިވާ ކަމަަށް ނުބެލެވޭ ކަމަށެވެ. އަދި ބެލެވެނީ އެއްޗަކުން ޖެހުމުން މަރުވީ ކަމަަށެވެ. ނުވަތަ މީހެއްގެ ފަރާތުން ލިބުނު ބޮޑު އަނިޔާއަކުން މަރުވީ ކަމަަށް ބެލެވޭ ކަމަށެވެ.

މޭރީ މާލޭގައި އުޅެމުން ދިޔައީ ފިރިމާހާއާއި އަދި ފަސް އަހަރުގެ ދަރިފުޅާ އެކުގަ އެވެ. ދަރިފުޅު މިހާރު ވަނީ މެރީގެ އާއިލާއާ ހަވާލުކޮށްފަ އެވެ.