ކްރިމިނަލް ކޯޓް

މޭރީގެ ޕޭޝަންޓް ޗާޓު ހޯދަން އައިޖީއެމްއެޗަށް ވަދެ ބަލައިފާސްކުރަން އެދިއްޖެ

އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައާއި ގުޅިގެން އޭނާއަށް ދިން ފަރުވާގެ މައުލޫމާތު ހިމެނޭ ޕޭޝަންޓް ޗާޓު ހޯދުމަށް އައިޖީއެމްއެޗަށް ވަދެ ބަލައި ފާސްކުރަން އަމުރަކަށް އެދޭނެ ކަމަށް މި މައްސަލާގައި ދައުވާ ލިބޭ ލަމްހާގެ ގާނޫނީ ވަކީލުން މިއަދު ބުނެފި އެވެ.

މޭރީގެ މަރާ ގުޅިގެން ދައުލަތުން ދައުވާ އުފުލާފައިވަނީ މޭރީގެ ފިރިމީހާ މާވިން އެސް.ވައި ވާގަސްގެ އިތުރުން ޅ. ހިންނަވަރު، މާފިނި، ހަލީމަތު ލަމްހާގެ މައްޗަށެވެ.

މޭރީގެ އޮޓޮޕްސީ ރިޕޯޓުގައިވާ ގޮތުން މޭރީ އަމިއްލައަށް ދަންޖެހިފައެއް ނުވެ އެވެ. އަދި ބެލެވެނީ އެއްޗަކުން ޖެހުމުން މަރުވީ ކަމަަށެވެ. ނުވަތަ އޭނާ މަރުވީ މީހެއްގެ ފަރާތުން ލިބުނު ބޮޑު އަނިޔާއަކުން ކަމަަށް ބެލެވޭ ކަމަށް ރިޕޯޓްގައިވެ އެެވެ.

މޭރީ ދަންޖެހިފައި ހުއްޓާ ފެނުނު ކަމަށް ބުނެ މާވިން ރިޕޯޓުކުރުމާ އެކު، މޭރީއަށް ވަނީ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދީފަ އެވެ. މިގޮތުން ދެވުނު ފަރުވާގެ މައުލޫމާތު ހިމެނޭ ޕޭޝަންޓް ޗާޓް ދިނުމަށް ލަމްހާގެ ފަރާތުން ޝަރީއަތުގައި އެދިފައިވެ އެވެ. މޭރީގެ ވަކީލުން އެގޮތަށް އެދުމުން ގާޒީ ވަނީ ދައުލަތުގެ މައްޗަށް އެކަމަށް އަމުރުކުރައްވާފަ އެވެ.

މޭރީ ހޮސްޕިޓަލަށް ގެންދެވުނު ވަގުތުން ފެށިގެން، މަރު އިއުލާންކުރަންދެން ހިނގި ފަރުވާތަކާއި، ދެވުނު ބޭސްތަކާއި، ކުރެވުނު ޓެސްޓްތަކާއި އޭގެ ނަތީޖާގެ މައުލޫމާތު ހިއްސާކުރުމަށްވެސް ދިފާއުން ވަނީ ޝަރީއަތުގައި އެދިފަ އެވެ.

ނަމަވެސް މިއަދު ބޭއްވި ޝަރީއަތުގައި ލަމްހާގެ ވަކީލު އަހުމަދު ޔާމީން ވިދާޅުވީ މޭރީއަށް އައިޖީއެމްއެޗުން ދިން ފަރުވާއާއި ގުޅިގެން ހިއްސާކޮށްފައިވަނީ ހަމައެކަނި "ޑެތް ސަމަރީ" އާއި މޭރީ ހޮސްޕިޓަލަށް ގެންދިޔަ ފަހުން އޭނާއަށް ފަރުވާ ދިން ޑޮކްޓަރާއި ނަރުހުގެ އަތުން ލިޔެފައިވާ ލިޔުންތަކެއް ކަމަށެވެ. އެއީ ދިފާއުން އެދިގެން ޝަރީއަތުން ނެރެފައިވާ އަމުރުގައިވާ ލިޔެކިޔުންތައް ނޫން ކަމުގައިވެސް ވިދާޅުވި އެވެ.

އެކަމަށް ރައްދު ދެއްވާ ދައުލަތުގެ ވަކީލާ ވިދާޅުވީ މޭރީގެ ފަރުވާއާއި ގުޅޭ އެހެން ލިޔުމެއް ނެތް ކަމަށާއި ހޮސްޕިޓަލުގައި ހުރި ލިޔުންތައް ފޮނުވައިފައިވާނެ ކަމަށް އައިޖީއެމްއެޗް އިން ހިއްސާކުރި ސިޓީގައި ބުނެފައިވާ ކަމަށެވެ. ނަމަވެސް، މޭރީ ހޮސްޕިޓަލަށް ގެނައި އިރުވެސް މަރުވެފައި ވުމުން އޭނާގެ ޕޭޝަންޓް ޗާޓެއް ނުހަދާ ކަމުގައި އައިޖީއެމްއެޗް އިން އަންގާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ޔާމީން އިތުރަށް ފާހަގަކުރެއްވި ގޮތުގައި މޭރީ ހޮސްޕިޓަލަށް ގެންގޮސް ވެންޓިލޭޓަރުގައި "އިންކިއުބޭޓް" ކުރި ކަމަށް މާވިން ފަރާތުން ލިބިފައިވާ މައުލޫމާތުން އެނގެ އެވެ. މިގޮތުން ކުރެވުނު ޓެސްޓުތަކުގެ ރިޕޯޓުތަކާއި ޑައިގްނޯސިސް ޕްރޮގްރެސް ރިޕޯޓުތައް ނުހުންނަންވީ ސަބަބެއް ނުފެންނަ ކަމަށް ވެސް ވިދާޅުވި އެވެ.

ޖަވާބުގައި ޕީޖީގެ ވަކީލު ޝީޒާ ވިދާޅުވީ މި މައްސަލައާއި ބެހޭ އެއްވެސް ލިޔެކިޔުމެއް ސިއްރުކޮށްފައި ނޯންނާނެ ކަމަށާއި، ދައުލަތަށް ލިބުނު ލިޔެކިޔުންތައް ވަކީލުންނާއި ހިއްސާކޮށްފައިވާނެ ކަމަށެވެ.

މައްސަލައާއި ގުޅިގެން އިތުރު ލިޔެކިޔުމެއްވޭތޯ ކަށަވަރުކުރުމަށް ގާޒީ ވަނީ ދައުލަތަށް އަންގާފަ އެވެ.

މޭރީގެ މަރުގެ މައްސަލައިގައި އުމުރުން 30 އަހަރުގެ މާވިންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ އެނގިހުރެ މީހަކު މެރުމުގެ ދައުވާ އެވެ. ކުށް ސާބިތުވެއްޖެނަމަ އަސާސީ އަދަބެއްގެ ގޮތުން 10 އަހަރަށް ޖަލަށްލާނެ އެވެ. ނަމަވެސް ހުކުމް ކުރުމުގައި ގާޒީ ނިންމަވާ ގޮތްތަކެއްގެ ސަބަބުން ކުށުގެ އަދަބު ބޮޑުވުމަކީ އޮތް ފުރުސަތެކެވެ.

އުމުރުން 24 އަހަރުގެ ލަމްހާގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލާފައިވެ އެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާގެ އިތުރުން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ އެވެ.

މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ މިމަހުގެ 10 ވަނަ ދުވަހުގެ މެންދުރުފަހު 1:00 ގައެވެ.