ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ފޮތި މާސްކް އެހާ ރައްކާތެރިއެއް ނޫން: ދިރާސާ

ކޮވިޑް-19 އިގެ ބިޔަ ރާޅެއް އަނެއްކާވެސް ދުނިޔެއާ ކުރިމަތިވެފައިވާއިރު މި ބަލިން ރައްކާތެރިވުމަށް އަޅަން ރަނގަޅީ ކޮން ކަހަލަ މާސްކެއްތޯ ކުރާ ބަހުސް ވެސް ވަނީ ހޫނު ވެފަ އެވެ. މިހާރު ވެސް ގިނަ ބަޔަކު ރީތި ޑިޒައިން ތަކަށް މާސްކް ފަހައިގެން އެ މާސްކް އަޅަ އެވެ. އެއީ ފޮތި މާސްކް އަޅައިގެން އުޅެން ފަސޭހަ ވީމަ އެވެ. ކުޑަކޮށް އުނދަގޫކަމެއް ހުއްޓަސް އަނެއް ބއި މީހުން އަޅަނީ އެން95 މާސްކާއި އެނޫން ވައްތަރު ތަކުގެ ޑިސްޕޮސިބަލް މާސްކްތަކެވެ. އޭގެން ލިބޭ ރައްކާތެރިކަން އިތުރު ކަމަށް ދެކޭތީ އެވެ.

ކޮވިޑުން އެންމެ ބޮޑަށް ރައްކާތެރި ވެވެނީ ކޮން ކަހަލަ މާސްކަކުންތޯ ސައިންސްވެރިން ދިރާސާތައް ހަދަމުންދާއިރު އެންމެ ފަހުގެ ދިރާސާ ބުނަނީ ފޮތި މާސްކުން އެކަށީގެންވާ ރައްކާތެރިކަން ނުލިބޭ ކަމަށެވެ. ފޮތި މާސްކް އަޅާތާ ފުރަތަމަ 20 މިނިޓް ތެރޭ އޭގެން ރައްކާތެރިކަން ލިބުނަސް އޭގެ ފަހުން ރައްކާތެރިކަން ނުލިބޭކަމަށާއި 20 މިނިޓް ފަހުން ފޮތި މާސްކް ފޫއަޅުވާލާފައި ވައިރަސް އެމީހާގެ ހަށިގަނޑަށް ވަނުމުގެ ފުރުސަތު ބޮޑުކަމަށް ތަޖުރިބާކާރުން ބުނެފައި ވެއެވެ.

ތަޖުރިބާކާރުންނާއި ސައިންސްވެރިންގެ ހޯދުންތަކުން ދައްކާ ގޮތުގައި ކޮރޯނާވައިރަހުން ސަލާމަތްވުމަށް އެންމެ ބޮޑު ރައްކާތެރިކަމެއް ލިބެނީ އެން95 މާސްކުންނެވެ.

ސެންޓާޒް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) ބުނާ ގޮތުގައި ބަލި ޖެހިފައިވާ މީހަކު މާސްކް ނާޅާ އާއްމުންގެ ތެރެއަށް ނުކުމެއްޖެނަމަ އޭނާއާ ހަ ފޫޓު ކައިރީގައި ތިބި ގިނަ ބަޔަކަށް އެންމެ 15 މިނިޓް ތެރޭގައި ބަލި ޖެއްސުން އެކަށީގެންވެ އެވެ.

ބަލި ޖެހިފައިވާ މީހާ އާއި އޭނާ އާ ކައިރީގައި ތިބި މީހުން ތިބީ ފޮތި މާސްކް އަޅައިގެން ނަމަ ބަލި ނުޖެހި ހުރި މީހާ އަށް ބަލި ޖެހުމުގެ ފުރުސަތު އޮންނަނީ 27 މިނިޓް ތެރޭގަ އެވެ. ބަލި ޖެހިފައިވާ މީހާ މާސްކް ނާޅާ ހުރިނަމަ އަދި އޭނާ ކައިރީގައި ހުރި މީހާ ފޮތި މާސްކެއް އަޅައިގެން ހުރިނަމަ 20 މިނިޓް ތެރޭގައި އޭނާއަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ.

ހަމަ އެގޮތަށް ބަލި ޖެހިފައިވާ މީހާ މާސްކް ނާޅާ ހުރެފައި އޭނާ އާ ކައިރިއަށް އާދެވޭ މީހާ ހުރީ ސާޖިކަލް މާސްކެއް އަޅައިގެން ނަމަ އޭނާގެ ގަޔަށް ބަލި ޓްރާންސްމިޓްވާން 30 މިނިޓެއްހާއިރު ނަގާނެ އެވެ. އަނެއްކޮޅުން ބަލި ޖެހިފައިވާ މީހާ އާއި ނުޖެހޭ މީހާވެސް ތިބީ އެން95 މާސްކް އަޅައިގެން ނަމަ ބަލި ޖެހިފައިވާ މީހާގެ ގައިން ބަލިނުޖެހޭ މީހާގެ ގަޔަށް ބަލި އަރަން 25 ގަޑިއިރު ނަގަ އެވެ.

އެމެރިކަން ކޮންފަރެންސް އޮފް ގަވަންމެންޓަލް އިންޑަސްޓްރިއަލް ހައިޖީނިސްޓްސް (އޭސީޖީއައިއެއްޗް) އިން އިރުޝާދު ދޭ ގޮތުގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ ބަލި ޖެހިފައިވާ މީހުން އަބަދުވެސް އެން-95 މާސްކް އަޅައިގެން އުޅުމެވެ. ބަލި ޖެހިފައިވާ މީހުންގެ ޚިދުމަތުގައި އުޅޭ ޑޮކްޓަރުންނާއި ނަރުހުންނަށް މި މާސްކުން 100 ޕަސެންޓް ރައްކާތެރިކަން ނުލިބުނަސް އެމީހުންނަށް ވެސް މި މާސްކް އަޅައިގެން އުޅޭނަމަ ބަލި ޖެހޭ މިންވަރު މަދުވާ ކަމަށް އެ ފަރާތުން ބުނެފައި ވެއެވެ.

އޭސީޖީއައިއެޗުން ބުނި ގޮތުގައި ފޮތި މާސްކް ބޭނުން ކުރެވޭނީ ހަމައެކަނި ހިޔާކޮށްފައިވާ ތަންތަނުގައި އެހެން މީހުންނާ ދުރުގައި އުޅޭ ވަގުތު ތަކުގަ އެވެ. އެއީ އެއްވެސް ގޮތަކުން އެމީހާ އަށް ވައިރަސް ވާސިލުނުވާނެކަން ޔަގީންކުރުމަށް މިފަދަ ތަންތާނގައި ބޭނުން ކުރެވިދާނެ އެއްޗެކެވެ. ނަމަވެސް ބޭރު ތެރެއަށް ނުކުންނައިރު އަދި މީހުން ގިނައިން އުޅޭ ހިސާބުތަކަށް ދާއިރު ފޮތި މާސްކް އެޅުން ބުއްދިވެރި ނޫންކަމަށް އެފަރާތުން އިރުޝާދު ދީފައި ވެއެވެ.

މިސާލަކަށް ތިބާ އެން95 މާސްކް އަޅައިގެން ހުއްޓާ އެތަނަށް ބަލިޖެހިފައި ހުރި މީހަކު މާސްކް ނާޅާ އަތުވެއްޖެނަމަ ތިބާ އަށް ބަލި ޖެހުމުގެ ފުރުސަތު އޮންނާނީ ކިހާ ވަރަކަށް ކަން އެނގޭ ހެއްޔެވެ؟ ތަޖުރިބާކާރުން ބުނަނީ މިފަދަ ހާލަތެއް ދިމާވެއްޖެނަމަ އެން95 މާސްކް އަޅައިގެން ހުރި މީހާ އަށް ބަލި ޖެހެން 2.5 ގަޑިއިރު ނަގާ ކަމަށެވެ.

އެން95 މާސްކަށް ފަހު ދެން އެންމެ ބޮޑަށް ރައްކާތެރިކަން ފޯރުކޮށްދެނީ ސާޖިކަލް މާސްކުންނެވެ.

ސައިންސްވެރިން ބުނަނީ ފޮތި މާސްކް އަޅަން ކޮންމެހެން ބޭނުންނަމަ ސާޖިކަލް މާސްކް ހަދާފައިވާ މޮޑެލް ބަލައި އެގޮތަށް މާސްކް ފަޙައިގެން ބޭނުން ކުރުމަށެވެ.

ކޮވިޑް-19 ޖައްސާ ވައިރަސްތައް އެކުލެވޭ ތިކިތައް ވައިގެ ތެރޭގައި އުޅެމުންދާއިރު އެ ތަކެތި ގޮސް ފޮތި މާސްކްތައް ޖެހުމުން ފޮތިގަނޑުން ފޭދިގެން އެ މީހެއްގެ ގަޔަށް އެ ތިކިތަކާއެކު ވައިރަސްތަކަށް ވަރަށް ފަސޭހައިން ވަދެވެ އެވެ. ފޮތި މާސްކަކީ ވައިރަހުން ރައްކާތެރިވެވޭ އައްޑަނައަކަށް ނުވެ އެވެ. އެން95 މާސްކް އަޅަން ތަޖުރިބާކާޜުންނާއި ސައިންސްވެރިން އިރުޝާދު ދެނީ އެހެންވެ އެވެ.

މިހާރު ވަރަށް ހަލުވިކަމާއެކު ފެތުރެމުންދާ އޮމިކްރޮން ވޭރިއަންޓަކީ ޑެލްޓާ އަށް ވުރެ މާ އަވަހަށް ފެތުރޭ ނުރައްކާތެރި އެއްޗެކެވެ. ވެކްސިން ދެ ޑޯޒް ޖަހާފައި ހުއްޓަސް ބަލި ޖެހުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ އެކަށީގެންވާ ރަނގަޅު މާސްކެއް އަޅައިގެން ރައްކާތެރިވެ ތިބުމެވެ.