ދުނިޔެ

ޓާކިޝް އެއާލައިނުން 2021 ގައި 44.8 މިލިއަން މީހުން ދަތުރުކުރި

ތުރުކީ ގައުމީ އެއާލައިންގެ ގޮތުގައި މަޝްހޫރު ޓާކިސް އެއާލައިނުން 2021 ގައި 44.8 މީހުން ދަތުރުކުރި ކަމަށް އެއާލައިނުން ބުނެފި އެވެ.

ޓާކިޝް އެއާލައިނުން ބުނީ މިއީ ކޮވިޑަށްވުރެ ކުރިން އުފުލި އަދަދަށް ވުރެ 40 ޕަސެންޓް ދަށް އަދަދެއް ކަމަށެވެ.

ދުނިޔެއަށް 2019 ގައި ފެތުރިގަތް ކޮވިޑާ ގުޅިގެން އެންމެ ބޮޑު ނޭދެވޭ އަސަރެއް ކުރީ އެއާލައިންތަކަށެވެ. ގައުމުތަކަށް ދަތުރު ކުރުން މަނާވެފައި އޮތުންމުން މަތިންދާބޯޓުތަކުގެ ދަތުރުތައް މުޅިން ހުއްޓުނެވެ.

ޓާކިޝް އެއާލައިނުން ބުނި ގޮތުން އެއާލައިންތަކުން މީހުން ދަތުރު ނުކުރި ނަމަވެސް ކާގޯ އުފުލުން އިތުރުވި އެވެ. އެގޮތުން 2021 ގައި 1.9 މިލިއަން ޓަނުގެ ކާގޯ ޓާކިޝް އެއާލައިނުން އުފުލި އެވެ. އެއީ 2019 ގައި ކޮވިޑް ލައިގަތުމުގު ކުރިން އުފުލި ވަރަށް ވުރެ 21.7 ޕަސެންޓް އިތުރު އަދަދެކެވެ.

މެދުއިރުމައްޗަށް ނިސްބަތްވާ ގަތަރާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްއިން ކޮވިޑް ތެރޭގައި ފްލައިޓްތަކަށް ބަދަލު ގެނައި ނަމަވެސް ގައުމުތަކަށް ދަތުރުތައް ދެމެހެއްޓި އެވެ.

ޓާކިޝް އެއާލައިންގެ ވިސްނުމަކީ ވެސް މެދުއިރުމަތީ ގައުމުތަކާ ވާދަ ކުރުމެވެ. އަދި ގައުމީ ދިދައި އުފުލާ އެއާލައިނަކަށް ވާތީ ދުނިޔޭގެ ޝަރަފަށް އެ އެއާލައިނުން މިހާރު ވަރަށް ބޮޑަށް މަސައްކަތް ކުރެ އެވެ.

ޓާކިޝް އެއާލައިނުން ބުނި ގޮތުން ކޮވިޑް ތެރޭގައި ޕަސެންޖަރު ފްލައިޓްތައް މަދު ނަމަވެސް ކާގޯ އުފުލުމަށާއި ވިޔަފާރި ކުންފުނިތަކުން ސްޕޮންސަރު ކުރި ދަތުރުތައް ގިނަ އެވެ.