( 9 ޖަނަވަރީ 2022 އާ ގުޅޭ )
"ކިއްލި ޕެކެޓް." ވޮލެޓު ނަގަމުން ފިހާރައިގެ ސޭޓު ކައިރީ ޒެހެން ބުނެލިއެވެ. އަދި އެއްފަރާތަށް ބަލާލެވުނީ މީހަކު އޭނާއަށް ބަލަން ހުރިހެން ހީވެގެންނެވެ. ޒެހެންގެ ތުންފަތަށް ވަގުތުން ހިނިތުންވުމެއް ވެރިވެއްޖެއެވެ.
"ގުޑް މޯނިން." ސައިކަލު ޕާކު ކުރަމުންދިޔަ ޒެހެންގެ ކައިރިއަށް ޝާފީ ވެސް ސައިކަލުގައި އައިސް މަޑުކޮށްލިއެވެ.
"އައްސަލާމް އަލައިކުމް." ހިނިއައިސްފަ ހުރެ ޝާފީގެ ސަލާމަށްވުރެ ރިވެތި ސަލާމަކުން ޒެހެން ޖަވާބުދިނެވެ.
"ވައިލައިކުމް ސަލާމް... ކަމެއްވީތަ؟. މޮޔަ ހިންޏެއް އައިސްފަ ތިހުންނަނީ." ޝާފީ ސައިކަލުން ފައިބައިގެން އައިސް ޒެހެންއާ އެއްވަރު ކުރިއެވެ. ޔުނިވަރސިޓީއަށް ވަންނަން ދެ ޒުވާނުން ހިނގައިގަތީ އެކީގައެވެ.
"ވެން ގޯޑް އިޒް ގިވިން ޔޫ އެވްރީ ސައިން ޔޫ ވޯންޓް، ދެޓް މީންސް އައި އޭމް އޮން ދަ ރައިޓް ޕާތް." ފަނޑުނުވި ހިނިތުންވުމަކާއެކު ޒެހެން ބުނެލިއެވެ.
"ނުވިސްނުނު." ޝާފީ ބުނެލިއެވެ. އޮޅުންފިލުވާ ދިނުމުގެ ގަސްދެއް ޒެހެންގެ ނެތެވެ. ހިތުގެ މުރާދު ހާސިލު ނުވަނީސް އެކަމަށް މީހެއްގެ ހިޏަންޏެއް އެޅިދާނޭތީ ޒެހެން ވިސްނައެވެ. ލިބިފައިވާ އުފާވެރިކަން ހިއްސާ ނުކުރީ އެހެންވެއެވެ.
"ދީން ދަސްކުރަން ފެށީތަ؟... ހޫމް! އެނގިއްޖެ!... މީހަކު ބުނީ ދޯ ޝޭޚަށް ނުވަންޏާ ފުރުސަތެއް ނެތޭ. އެބަހީވޭ ތުނބުޅި ވެސް ކުޑަކޮށް ދިގުވާހެން." ޝާފީ ދުރުންދުރުން ބަހުން ޖަހާލިއެވެ. ކީއްވެ ބުނި އެއްޗެއްކަން ޒެހެންއަށް ފަހުމްވިއެވެ. އެކުވެރިޔާގެ ދިމާކުރުމަށް ރައްދު ދިނުމުގެ ބަދަލުގައި ޒެހެން ޖަހާލީ ހިނިގަނޑެކެވެ.
"މިއަދު އެންމެންގެ ސައިގަ އަހަރެން ހިފާނަން." ޒެހެން އިއްވާލިއެވެ. ޝާފީ އަޖައިބުވިއެވެ. އެމީހުންގެ ތެރޭގައި ހުރި އެންމެ ލިބޭ މީހަކީ ޒެހެންކަން އެންމެންވެސް ގަބޫލުކުރެއެވެ. މުއްސަނދި ވިޔަފާރީގެ އާއިލާއަކުން އައިސްފަ ހުރި ޒުވާނެއްވީމައެވެ. އެހެންވިޔަސް ޒެހެންގެ ވިސްނުން އެކަމާ ދެކޮޅެވެ. އޭނާ ގަބޫލުކުރާ ގޮތުގައި އާއިލާގެ މުއްސަނދިކަމަކީ އޭނާ މުއްސަނދިވުމެއް ނޫނެވެ. އޭނާ އަމިއްލައަށް މަސައްކަތްކުރަން ފެށީއްސުރެ މަންމަ އަތުން ފައިސާ އަތެއްނުލައެވެ. އެކަނި ހުރި ޒުވާނަކަށްވާތީ ލިބޭ މުސާރައިން ޚަރަދުތައް ހަމަޖައްސަން އޭނާއަށް ދައްޗެއް ނޫނެވެ. ފުދި އިތުރު ވެސް ވެއެވެ. އެހެންވިޔަސް އޭނާއަކީ ރައްޓެހިންނަށް ޚަރަދުކުރާ ޒުވާނެއްނޫނެވެ. އޭނާގެ ޚަރަދުގައި އެކުވެރީންނަށް ކޮފީ ދިނުމާއި ކާންދިނުން ފަދަ ކަންކަމަކީ ހާލަކުން ފަހަރަކު ނޫނީ ނުލިބޭނެ ފަދަ ނަސީބެކެވެ.
"މިއަދު ކޮންކޮޅަކުން އިރު އެރީ." ޝާފީ ބޯއަރިކޮށް ޒެހެންގެ މޫނަށް ބެލިއެވެ. ޒެހެންގެ ކުރިމަތިން ޝާފީގެ މޫނުގައި އިނގިލިޖައްސާލައި އެއްފަރާތްކޮށްލިއެވެ.
"ނުދޭންވީތަ؟" އެއްބުމަ ހިއްލާލައި ޒެހެން ބުނެލިއެވެ. އެއާއެކު ޝާފީ ދެއަތް ޖޯޑުކޮށް ހޯހޯ ކިޔައިފިއެވެ. މަޢާފުކުރާށޭ ބުނެލިއެވެ. ލިބެން އުޅޭ ނިޢުމަތެއް ގެއްލޭކަށް ނޭދެމޭ ބުނެލީ ނިކަން އަވަހަށެވެ. އަދި މިހިސާބުން ދެން އޭނާގެ އަނގައިގަ ޒިބު އަޅުވާލީކަން ބުނެ، ބުނި ބަހުގެ ހަރަކާތްތައް އަތުން ދައްކާ ވެސް ލައިފިއެވެ.
މަސައްކަތްތައް ނިންމާލި ހޫރައިން ކުނިތައް އަޅާފައި ހުރި ޑަސްބިން ގެނެސް އެ ހުންނަންވާ ތަނުގައި ބެހެއްޓިއެވެ. އަތަށް ލައްވާފައި އޮތް މަސައްކަތު އަންގި ބޭލީ ދެނެވެ. ހިނގައިގަންނަން އުޅެފައި އޭނާ ވަށައިގެން ނަޒަރު ހިންގާލިއެވެ. ހަފްތާގެ އެ ދުވަހަކީ އާންމުކޮށް އޭނާގެ ކައިރިއަށް ޒެހެން އަންނަ ދުވަހެކެވެ. އެކަމަކު އަދިއެއް އޭނާއަށް ޒެހެންއެއް ނުފެނެއެވެ. އަމިއްލަ ހަރަކާތްތައް ފަހުމްވުމާއެކު ހޫރައިންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ. އޭނާ އެގޮތަށް ޒެހެންއަށް އިންތިޒާރު ކުރެވެން ފެށީ ކޮންއިރަކުތޯ އަމިއްލަ ހިތާ ސުވާލުކޮށްލިއެވެ. މީހަކާ ވާހަކަދެއްކުން ކީއްކުރަން ކުރިމަތިލައިގެން ހުންނަން ވެސް ދަތިވެގެން އުޅުނު ހޫރައިން ކޮބާތޯ އަމިއްލަ ނަފްސުގެ ކައިރިން އަހާލެވުނެވެ. އެހެން މީހަކަށް ނުދޭ ފުރުސަތެއް ޒެހެންއަށް ދޭން ފެށީ ކިހިނެއް ވިސްނާފަބާއެވެ.
"އަލްޙަމްދުލިއްﷲ!..." ތަކުރާރުކޮށް ހޫރައިންއަށް ކިޔާލެވުނެވެ. ހަޔާތުގެ މިހިސާބަށް އާދެވުނު އިރު އޭނާއާއެކު ﷲ ނޫނީ ނުވެއެވެ. ހުރިހާ ޝުކުރެއް ހައްޤުވެގެންވާ ފަރާތަކީ އެކަލާނގެކަން ކަށަވަރެވެ. އެއަށްފަހު އޭނާގެ މަންމައެވެ. އޭނާއަށް ނޭނގުނަސް ﷲގެ ރަޙުމަތް އޭނާއާއެކު ވާކަން ކަށަވަރެވެ. އެކަނިވެރިކަން އިހްސާސް ކުރެވޭ ކޮންމެ ވަގުތަކު އޭނާއާއެކު ﷲ ވޮޑިގެންވާކަން އެކަލާނގެ ހަނދާންކޮށްދެއެވެ. ބަލިކަށިވާ ހިނދު ހިތްވަރު ލިބިދެއެވެ.
"ޒެހެންއަކީ ރަނގަޅު މީހެއްތަ؟. އޭނާއާ... އޭނާއާ ކައިވެނި ކުރުން ރަނގަޅު ނިންމުމަކަށް ވެދާނެތަ؟. ކައިވެންޏަށްފަހު ބަދަލުވެއްޖެއްޔާ!... އޭނާގެ ފުށުން ފެންނަ ސިފަތަކަކީ ހަޤީޤަތްކަން ކިހިނެއް އެނގެނީ. ހިތުގައި އޮތީ ކިހާ ނުބައި ރޭވުމެއްކަމެއް ނޭނގެ. އެކަހަލަ ގޯސް މީހަކަށް އޭނާ ވެދާނެތަ... ޔޫކް... އެ ދަރިފުޅުދެކެ އަހަންނަށްވުރެ ބޮޑަށް ލޯބިވާނެ މީހަކު ބޭނުމީ. އަހަންނަށްވުރެ ބޮޑަށް އެ ދަރިފުޅު ރައްކާތެރި ކުރާނޭ މީހަކު ހުރެދާނެތަ؟. ހުރިހާކަމެއް އެނގުމަށްފަހު އަހަންނާއެކު އެ ދަރިފުޅު ބަލައިގަންނާނެބާ... މީހުން... މީހުންގެ ނުބައި ދޫތަކުގެ ކުރިމަތީ ސާބިތުވެ ހުރެވިދާނެތަ... ޒެހެންގެ ކިބައިން އެ ފެންނަ ކެތްތެރިކަން އޭރުން ނެތިގެން ނުދާނެތަ." މަޑު ހިނގުމުގައި ޑީ ބުލޮކުގެ އިމާރާތާ ދިމާއަށް އައި ހޫރައިން ހުރީ ވަރުގަދަ ޚިޔާލެއްގައި ބަނދެވިފައެވެ. އޭނާގެ ހުރިހާ ސުވާލެއް ކުރިމަތިކުރީ އޭނާގެ ވެރިފަރާތާއެވެ. ހަގީގަތް އޭނާއަށް ހާމަކޮށްދެއްވުމަށް ﷲ ކުޅަދުންވަންތައެވެ. ގޮތެއް ނިންމަން ދަތިވެއްޖެ ކޮންމެ ހިނދެއްގައި އޭނާ ﷲގެ މަތިން ހަނދުމަކުރެއެވެ. ބުރަވެއްޖެ ކޮންމެ ކަމެއް ލުއިކޮށްދެއްވާ ފަސޭހަކޮށްދެއްވުމަށް ދެންނެވެއެވެ.
"ހަބީބީ..." އިވިގެން ދިޔައީ ޒެހެންގެ އަޑުހެން ހީވެ ހޫރައިންއަށް ވަގުތުން އިސްއުފުލައި ބަލާލެވުނެވެ. އިމާރާތުގެ ދޮރުކައިރީ މަޑުކޮށްލައިގެން ހުރި ޒެހެންއާ ހަތަރުކަޅި ބައްދަލުވިއެވެ. ކުރިން ނުޖަހާ ގޮތަކަށް ހިތުގެ ވިންދުގެ ރާގު ބަދަލުވެލިކަން ހޫރައިންއަށް އިހްސާސް ކުރެވުނެވެ. ޒެހެންގެ ހިނިތުންވެފައިވާ މޫނުން ހިތްހަމަޖެހުން ނޫނީ ނުފެނެއެވެ. އޭނާގެ ވަށައިގެން އެހެންޏާ ނުވާ އުޖާލާކަމެއްގެ އަސަރު މާޙައުލަށް ވެރިވެފައި އޮތް ކަހަލައެވެ. ދެ ލޮލުގައި ޖާދުވީ މަސްތީ އަސަރެއް ވިއެވެ. ހޫރައިންއަށް ހިންދިރުވާލެވުނީ މެޔަށް ފިނިވެލި ގޮތުންނެވެ. އަވަސްއަވަހަށް އިސްއޮބާލިއެވެ.
"މިއަދު ވަކިން ރީތިހެން ހީވޭ." ޒެހެން ބުނެލިއެވެ.
ހޫރައިންގެ ދެބުމަ ކައިރިވެލިއެވެ. ހައިރާންކަމާއެކުއެވެ. އޭނާ ތަފާތުވީ މިއަދު ކޮންގޮތަކުންބާއޭ ހިތައް އަރާފައެވެ. ލައިގެން ހުރީ އެހެންޏާ ވެސް އަޅާއުޅޭ ހެދުންތަކުން ހެދުމެކެވެ. ޒީނަތްތެރިކުރުމެއްނުވާ ކަޅުފޮތީގެ ދޫ ހެނދުމެވެ. ބޮޑު ބުރުގާގެ ތެރޭ މީހާގެ ހަށިގަނޑުން ބޮޑުބައި ވަނީ ނިވާވެފައެވެ. ދެން އޭނާ އެހެން ދުވަސް ދުވަހަށްވުރެ ރީތިވާންވީ ކޮން ގޮތަކުން ހެއްޔެވެ. ޒެހެންގެ އެ ވާހަކަ ހޫރައިންއަށް ހަމަޖެހޭ ވާހަކައަކަށް ނުވިއެވެ. އެހެންނަމަވެސް ތުންފަތް ދެމިލައިފިއެވެ. އެ ލުއި ހިނިތުންވުން ޒެހެންއަށް ފަރުދާކުރުމަށް ހޫރައިންގެ ނަޒަރު ތިރިކޮށްލައިގެން ހުރީ ގަސްދުގައެވެ.
"ވާހަކަދައްކާލަން މަޑުކޮށްލެވޭނެތަ." ޒެހެން އަހާލިއެވެ. ވިސްނުންތަކެއް ވިސްނާކަށް ސިކުނޑިއަށް ހޫރައިންއަށް ފުރުޞަތެއް ނުދެވުނެވެ. އޭނާއަށް ބޯޖަހާލެވުނީ އިޚްތިޔާރަކާނުލާ ކަހަލައެވެ. އެ ހަރަކާތުން ޒެހެންއަށް ޖަވާބު ލިބުމުން އޭނާ އިމާރާތުގެ ބިއްދޮށަށް ހިނގައިގަތެވެ. ހޫރައިންއާއެކު އިމާރާތާ ނިވާވެއްޖެކަން އެނގުމާއެކު އިށީންނަން ނޫޅެ ޒެހެން ވާހަކަދެއްކިއެވެ.
"އަހަރެންނަށް މަންމަ ކައިރީ ހޫރްގެ ވާހަކަދެއްކިއްޖެ. ކައިވެނި ކުރާން ބޭނުންވާ ކުއްޖަކު ހުރިކަން ބުނެވިއްޖެ. އޭނާދެކެ އަހަންނަށް ލޯބިވެވިއްޖޭ ބުނިން. އަދި އޭނާގެ ދަރިއަކު ވެސް އެބަހުރިކަން..." އެސްފިޔަ ޖަހާލަން ވެސް ބޭނުންނުވެފައި ހުރި ފަދައަކުން ޒެހެންގެ ނަޒަރު ހޫރައިންއާ އަމާޒުކޮށްލެވިފައި ވިއެވެ. ކޮންމެވެސް ގޮތަކުން ހޫރައިންއާ ދެމެދު އޮތް ގުޅުމަށް ނަމެއް ދޭން ޒެހެން ބޭނުންވިއެވެ. އަދި އޭނާ ސީރިއަސްވެފައި ހުރި މިންވަރު ވެސް ހޫރައިންއަށް ބުނެދޭން ބޭނުންވަނީއެވެ.
"ކީއްވެ؟... ކައިވެނި ކުރާން އަހަރެން އެއްބަސްވީންތަ؟." ހޫރައިންއަށް ބުނެވުނެވެ. ގަސްދަކާނުލާ ހޫރައިންގެ އަޑަށް ހަރުކަށިކަން ވެރިވީއެވެ.
"ނުބުނޭ. މަންމައަށް ސިއްރުކުރުމަކީ އުނދަގޫކަމެއް. އެހެންވެ ގަސްދަކާނުލާ ބުނެވުނީ... ހޫރް ގަބޫލެކޭ އަހަރެން އެއްފަހަރު ވެސް ނުބުނަން. އަހަރެން ދެއްކީ މި ހިތުގައި އޮތް އެއްޗެއް. އަހަރެންގެ އިހްސާސްތަކުގެ ވާހަކަ... އަހަރެން ހޫރް ބޭނުންވާވަރު. ހޫރްއާ ކައިވެނި ކުރަން ގަސްދުކުރާކަން. ހޫރްއާއެކު ދަރިފުޅުގެ ޒިންމާ ވެސް ނަގަން ތައްޔާރަށް ހުރިކަން. ދުވަހަކުވެސް ހޫރަށް ދެރަގޮތެއް ނުހަދާނަންކަން."
"އަހަރެން ގަބޫލުނުވިއްޔާޔޯ... މުޅި އުމުރު ތިހެން އިންތިޒާރު ކުރާނީތަ؟." ހޫރައިންއަށް އަހާލެވުނެވެ. ކުރެވުނު ސުވާލުން ހޫރައިންގެ ހިތް އަވަސްވިއެވެ. ބޭނުންކުރެވުނީ ތަންކޮޅެއް ހަރުކަށި ގޮތެއްކަން ވިސްނުނީ ދެނެވެ. ޚުދު އޭނާއަށް ވެސް އެ ސުވާލު ކުރެވުނީ ކީއްވެކަމެއް ނޭނގެއެވެ. ހިތް އެދެނީ ކޮންކަހަލަ ޖަވާބަކަށް ކަމެއް ވެސް ނޭނގެއެވެ. ވަކިން ބޮޑަށް ހޫރައިންގެ ހިތުގެ ތެޅުން ބާރުވެލީ ޒެހެން އޭނާއަށް ބަލަން ހުރި ގޮތުންނެވެ. އެ ދެ ލޮލުން މާޔޫސީކަން ފާޅުވާން ހުއްޓެވެ. ބަހެއް ނުބުނެ ވަގުތުކޮޅަކަށް ޒެހެން އެގޮތުގައި ބަލަން ހުއްޓެވެ. ދެން އޭނާ ފުންނޭވާއެއް ލިއެވެ. ކަނދުރާއިން ފެށިގެން ގެނެސް ތުނބުޅީގައި ކަނާއަތްތިލަ ހިންގާލަމުން ނަޒަރު ތިރިކޮށްލިއެވެ.
"ހޫރް އެދެނީ ބޭކާރު ގޮތުގައި ހަޔާތް ވޭތުކޮށްލާ މީހަކަށް އަހަރެންވާންތަ؟. ދުނިޔޭގަ އުޅޭން ލިބިފިމަ މިވާ މަދު ދުވަސްކޮޅުގަ އަހަރެންގެ ވަގުތު ޖެހުމުގެ ކުރީން ދިރިއުޅުން ރަނގަޅު ގޮތުގައި ވޭތުކުރަން ބޭނުން. ހޫރްއާ ބައްދަލުވެ، މިވީ މަދު ދުވަސްކޮޅުގައި އެކަމާމެދު ކުރީން ނުވިސްނޭވަރަށް ވިސްނުނު. އެކަނި ހުރެ ނިމިގެންދާން އަހަރެންގެ މަންމަ ނޭދޭނެ. އެގޮތް އަހަރެން ވެސް ނޭދެން. އަހަންނަށް ހޫރް ނުލިބިއްޖެނަމަ އެއީ ﷲގެ މިންވަރުފުޅު. ޤަބޫލުކުރާނީ އެހެން. އެހާތަނުން އަނެއްކާވެސް ރަނގަޅު ބައިވެރިއަކު ލިބޭތޯ މަސައްކަތް ކުރާނަން... އެކަމަކު... އަދި ހޫރް ދޫކޮށްލާކަށް ވިސްނުމަކުނެތް. މި އަހަރު މިއޮއް ދެބައި ވީ. އަދި އެއް އަހަރު އަހަރެން މިގޮތަށް ހޫރްގެ ފަހަތުން އުޅުނަ ދީ. އެހާތަނަށް ހޫރަށް އަހަރެން ކަމުނުދާނަމަ މިހެން އުޅުން ހުއްޓާލާނަން. ޕްލީޒް. ޖަސްޓް ވަން މޯ އިޔާ..."
ހޫރައިންގެ ހިތަށް ތަދުވިއެވެ. ނޭނގޭ ސަބަބަކާ ހުރެއެވެ. ޒެހެންގެ މާޔޫސްވެފައިވާ މޫނަށް ބެލުން ހޫރައިންއަށް ފަސޭހައެއް ނުވިއެވެ. އޭނާގެ ހިތް އެދެނީ ޒެހެން ހިނިތުންވެފައިވާ ހުއްޓާ ދުށުމަށެވެ. އެ ހިނިތުންވުމުން ހޫރައިންއަށް ހަމަޖެހުން ލިބެއެވެ. ޒެހެންގެ އެ އެދުމަށް ހޫރައިންއަށް ބޯޖަހާލެވުނެވެ. އެހެންވިޔަސް އޭނާގެ އެ ހަރަކާތުން ވެސް ޒެހެންގެ ތުންފަތަށްވެރިވީ ކުޑަ ހިނދުކޮޅެއްގެ ފަނޑު ހިނިތުންވުމެކެވެ. އޭނާ ހަގީގަތުގައި ހޫރައިން ބޭނުންވާކަން ޒެހެންގެ ކޮންމެ ހަރަކާތަކުން ހޫރައިންއަށް ދިޔައީ ފެންނަމުންނެވެ.
"ކީއްވެ ތިހާ ލޯބިވަނީ. ޔަގީންތަ ތީ ހަމަ ލޯބިކަން." ހޫރައިންއަށް އަހާލެވުނެވެ.
"ނޭނގެ... ގަސްދުގައި ވެވުނުނަމަ ސަބަބު ކިޔާދެވޭނެ. އެކަމަކު މި ހިތް ހޫރްގެ މައްޗަށް ޖެއްސެވުމަށް އިރާދަކުރެއްވީ އަހަންނަށް ދެކޮޅު ނުހެދޭނޭވަރުގެ ވަރުގަދަ ބާރަކުން. ކޮންމެ ކަމަކަށް ﷲ ވަނީ ވަގުތު ކަނޑައަޅުއްވާފަ. އެހެންނޫންތަ؟. އެ ދުވަހު އެކަނިމާއެކަނި ހުރި އަންހެންކުއްޖަކު އަހަންނަށް ދެއްކީ މި ދެލޮލުގެ ފެނުން ދެއްވި ރަސްކަލާނގެ."
ޒެހެން އެންމެ ފަހުން އެ ބުނެލި ބަސްތަކުން ހޫރައިންގެ ދެ ތުންފަތުން މަޑު އާހެއްފަދަ ކުރު ނޭވާއެއް ނުކުތެވެ. ޖަވާބެއްދޭން ނޭނގިފައި ހޫރައިންއަށް ހުރެވުނީއެވެ. އެ ވާހަކަތަކާ ދެކޮޅު ހަދާނޭ ގޮތެއް ވިސްނުމަކަށް ނައެވެ.
"މިވަގުތު މިތާ ހުރެ ތި ދެ ލޮލުގައި ބޮސްދޭން ހިތް އެދެނީ... ހެ ހެ... އެކަމަކު... ޕާމިޓްނެތި ކިހިނެއް ދޯ." ސަމާސާގެ ރާގުގައި ބުނެ ޒެހެން ހީނލިއެވެ. ހޫރައިނަށް ފިޔަވަޅު އަޅާލެވުނީ ފަހަތަށެވެ. އަމިއްލަ ހިތްދެކެ އޭނާ ބިރުގަތީއެވެ. އެވަގުތު އަނެކާގެ ގާތްކަމަށް އެދެވުނީ ހަމައެކަނި ޒެހެންއަށް އެކަންޏެއް ނޫނެވެ. ޒެހެންގެ މޫނުގައި އެ ރީތި ހިނިތުންވުމުގައި އަތްލަން ހޫރައިންގެ ހިތް ގޮވާލީއެވެ. އަވަސްއަވަހަށް ހޫރައިންއަށް އެނބުރިލެވުނެވެ. ޒެހެންއަށް ފުރަގަސްދިނީއެވެ. ހިތް ކަސިޔާރުވީ ވަގުތު ޝައިތާނާ އަތުވެއްޖެކަމުގެ އިހްސާސް ކުރެވުނީއެވެ. ގަނޑުފެންކޮޅެއްހާ ދެއަތްތިލަ ފިނިވެގެން އައެވެ. މިއީ ކުރީން ވީގޮތެއް ނޫނެވެ.
"ދެ ކުދީން..." ހަސީނާގެ އަޑާއެކު ޒެހެންއެކޭ އެއްވަރަށް ހޫރައިން ވެސް ސިހުނެވެ. ޒެހެންގެ މޫނުގައިވީ އަސަރުތައް ވަގުތުން ބަދަލުކޮށްލިއެވެ. އޭނާ ހޫރައިންއަށް ބަލާފަދައިން ދުނިޔެމަތީން އެއްވެސް އަންހެނަކަށް ނުބެލޭނެއެވެ.
"ކީއްވެ ކޮޅަށް ތިތިބީ. ޒެހެން ފްރީގަޑިއަކީތަ؟" ފެނުނު ކަންކަން ފާހަގަނުވާ ކަމަށް ހަދާ ހަސީނާ ވާހަކަދެއްކިއެވެ.
"ނޫނޭ... އިރުކޮޅަކުން ގަޑި ފެށޭނެ. ހޫރް ފެނުނީމަ މަޑުކޮށްލީ." އަތުކުރީ އޮތް ގަޑިއަށް ބަލާލާފައި އާދައިގެ ގޮތަކަށް ޒެހެން ބުންޏެވެ. ހަސީނާ އައުމުން ކުއްލިއަކަށް ޒެހެން ހިނގައްޖެނަމަ ހީކޮށްފާނޭ އެއްޗަކާމެދު ޒެހެން ވިސްނާލީއެވެ. އެހެންވެ ހަސީނާއާއެކު އައިސް ގޮނޑިތަކުން ގޮނޑިއެއްގަ އިށީނެވެ.
"އަދިވެސް ތި އަންގިގަނޑު ހިފައިގެންތަ ތިއުޅެނީ. ތި ބާއްވާފަ އާދޭ." ހޫރައިންގެ އަތުގައި އޮތް މަސައްކަތު އަންގި ފެނި ހަސީނާ ބުންޏެވެ. އަތުގައި އޮތް އިރު ވެސް އޭގެ މަތިން ހޫރައިން ހުރީ ހަނދާންނެތިފައެވެ. ހަލުވިފިޔަވަޅުގައި ހޫރައިން އެތަނުން ހިނގައިގަތެވެ.
"ހަސީނާ ދައްތައަށް ހޫރައިން ވަރަށް ރަނގަޅަށް އެނގޭ ދޯ." ޒެހެން އަހާލިއެވެ. ހަސީނާ ނިކަން އަވަހަށް ހޫން ލައްވާލިއެވެ.
"ހޫރައިން އަބަދުވެސް އެހާ މަޑުމަޑުންތަ ހުންނަނީ." ޒެހެން ދެން ވެސް ސުވާލުކުރީ ހޫރައިންއާ ބެހޭ ގޮތުންނެވެ.
"ހޫރައިން ހުންނަގޮތުން ހިޔެއްނުވޭތަ." ސީދާ ޖަވާބެއް ހަސީނާ ނުދިނެވެ.
"ފޮތެއްގެ ބޭރުގަނޑުން ނޭނގޭނެ އެކައްޗެއް ވެސް." ހިނިއައިސްފަ އިނދެ ޒެހެން ބުނެލިއެވެ. ހަސީނާ ކައިރިއަށް ވެސް ހިނިއައެވެ.
ހޫރައިން އެނބުރި އައިއިރު ހަސީނާ އިނީ އެކަންޏެވެ. އޭނާ ހޫރައިންއަށް ދައްކާލީ ކަނާއަތްފަރާތުގައި ޖެހިގެން ހުރި ގޮނޑިއެވެ. ހޫރައިން އައިސް އެ ގޮނޑީގަ އިށީނުމުން ހަސީނާ އަހާލީ އެންމެންނާއެކު ސައިބޯން ދާނަންތޯއެވެ. އެއާއެކު ހޫރައިން ބޯހޫރާލީއެވެ. ވަގުތުކޮޅަކަށް ހިމޭނުން އިނދެފައި ހޫރައިންއަށް ހަސީނާ ގޮވާލިއެވެ. އެ ވާހަކައެއް ހޫރައިންއާ ނުދައްކާ ނީނދެވުނީއެވެ.
"ޒެހެންއާ އޮތީ އެކުވެރިކަންތަ ނޫނީ އެއަށްވުރެ ގާތް ގުޅުމެއްތަ؟. ދެކުދީން ބައްދަލުކުރާތަން ވަރަށް ގިނައިން ހަސިންތައަށް ފެންނާތީ."
ހޫރައިންއަށް ވާހަކަދައްކަން އުނދަގޫވިއެވެ. ޚިޔާލުތަކުގެ ތެރެއަށް ގެއްލިފައި އިނދެވުނީއެވެ. ހަސީނާ ކައިރީ ޒެހެންގެ މަޤްޞަދު ބުނަންވީތޯ ހޫރައިން ހިތަށް އަރައެވެ. ނޫނީ މަންމަ ކައިރިން ޚިޔާލަކަށް އެދެންވީބާއެވެ. ކައިވެންޏެއްގެ ވާހަކަ މިހާރު އެންމެ ގިނައިން ހޫރައިން ކައިރީ ދައްކާ މީހަކީ މަންމައެވެ.
"ހޫރައިން... ދަރިފުޅާ... ވާހަކަދައްކަބަލަ. ޒެހެން ކަމެއް ބޭނުމީތަ؟." ހޫރައިންގެ ވައަތްތިލައިގަ ހަސީނާ ހިފާލިއެވެ. މަޑުމަޑުން އެ އަތްތިލައިގަ ހަސީނާ ފިރުމިއެވެ. ހޫރައިންއަށް ކޮންމެ ވާހަކައެއް ވެސް ދެއްކޭހާ ގާތް މީހެއްކަން ހަސީނާގެ އެ ހަރަކާތް ބުނެދޭން މަސައްކަތް ކުރިއެވެ. އެހިނދު ހޫރައިން ހަސީނާއަށް ބަލާލާފައި ބޯޖަހާލީއެވެ. ހައިރާންކަން ހަސީނާއަށް ލިބިގެންދިޔައެވެ.
"ކޮންކަމަކު އޭނާ އަންނަނީ." ކުއްލިއަކަށް ހަސީނާއަށް އަހާލެވުނެވެ. ޒެހެންގެ ހިނިތުންވެފައިވާ މޫނާއި ފެންނަ ހިތްހެޔޮކަމުގައި ފޮރުވިފައި އެހެން މީހަކު ހުރެދާނޭ ހަސީނާގެ ހިތަށް ވަނީ ކީއްވެކަމެއް ނޭނގެއެވެ. ހޫރައިންއަށް ގެއްލުމެއް ލިބިދާނޭތީ ހިތް ބިރުގަތުމުން ވަން ޙިޔާލަކަށް ވެދާނެއެވެ.
"ކަ... ކައި... ވެނި..." ބުނަން ނުބުނަން އުޅޭހެން ހޫރައިންއަށް ބުނެވުނީ އެވަރަށެވެ.
"ކައިވެނި... ދަރިފުޅާ ކައިވެނިކުރަންތަ؟... ޒެހެން ބޭނުންވަނީ ކައިވެނިކުރަން." އިވުނު ބަސް ނަގައިގަންނަން ހަސީނާއަށް ދަތިވީ ކަހަލައެވެ. ހޫރައިން ޖަވާބުގައި ބޯޖަހާލީއެވެ. އަޖައިބުވެ އަންތަރީސްވީ ފަދަ އަސަރަކާއެކު ދެބުމަ ހިއްލާލައި ކައިރިކޮށްލައިގެން ދެ ލޯ ބޮޑުކޮށްލެވިފައި ހަސީނާއަށް އިނދެވުނެވެ. ބަހެއް ކިޔަން ނޭނގިފައެވެ. އެހެން އިނދެފައި އޭނާ ހީނލައިފިއެވެ. ހޫރައިންގެ އަތުގައި ފިރުމާލިއެވެ.
"ދެން ދަރިފުޅު ކީކޭ ބުނީ... ޔޫކްގެ ވާހަކަ ބުނިންތަ؟." ހިނިއައިސްފަ ހަސީނާއަށް އަހާލެވުނެވެ.
"ނުބުނަން އެއްވެސް އެއްޗެއް. ދަރިއަކު ހުންނަކަން ފިޔަވާ އެއްވެސް އެއްޗެއް އޭނާއަކަށް ނޭނގޭނެ. އޭނާ ހީކުރަނީ ވަރަށް ފަސޭހަކަމެކޭމީ. އެކަމަކު ކައިވެންޏަކީ އަހަންނަށް ކިހާ އުނދަގޫ ނިންމުމެއް. ހަސިންތާ!... ހަސިންތައަށް އެނގެއެއްނު."
"ދަރިފުޅަށް ޒެހެން ކަމުނުދަނީތަ؟." ހަސީނާ އަހާލިއެވެ.
"ނޭނގެ..." އިސްއޮބާލަމުން ހޫރައިން ބުނެލިއެވެ. އެހެންނަމަވެސް އޭނާގެ ހިތް ގޮވަމުން ދިޔައީ އެއީ ދޮގެއް ކަމެވެ.
"ދަރިފުޅަށް ކަމުނުދާނަމަ އެމީހަކާ ވާހަކައެއްނުދައްކާނެ. ހަސިންތައަށް ޔަގީންކަމާއެކު ބުނަން ކެރޭ. މިއަދު މިތަނުގައި ދެ ކުދީން ވާހަކަދައްކަން ތިބިއިރު، އެގޮތަށް ހިލޭ ފިރިހެނެއްގެ ކުރިމަތީ ހޫރައިން ނުހުންނާނެ އެމީހެއްގެ ކަމުދާ ކަހަލަ ސިފަތަކެއް ނެތްނަމަ. މަގޭ ދަރިފުޅާ... ﷲގެ އޯގާވަންތަކަން ހަނދާންނައްތާނުލާ. އެކަލާނގެ ދަރިފުޅަށް ޓަކައި ކަމެއް ޚިޔާރުކޮށްދެއްވައިފިނަމަ އެކަމަށް ފުރަގަސްދޭ ކުއްޖަކަށް ވާން ނޫޅޭ. އެއަށްވުރެ ވިސްނޭ ދަރިއެއް ހޫރައިންއަކީ."
"ކިހިނެއް ޔަގީންކުރާނީ؟ ކިހިނެއް ހަސިންތާ... މީހުންގެ ގޮތެއް ނޭނގޭ. ބޭނުންވާ ކަންތައް ހަސީލުވުމުން ބަދަލުނުވާނެކަމެއް ކިހިނެއް އެނގެނީ. އަހަންނަށް ލިބުނު އަނިޔާއަށްއަށްވުރެ ބޮޑު އަނިޔާއެއް ނޫންކަމެއް ނޭނގެ ދެން ލިބޭނީ. ޔޫކްއާއި މަންމައަށް ނިކަމެތިކަމެއް އަތުވެއްޖެނަމަ އަހަރެން ދިރިހުންނާނީ ކިހިނެއް." ހޫރައިންގެ ލޮލުން ފާޅުވޭވޭ ހުރީ ކަންބޮޑުވުމެވެ. މީހަކު ކިތަންމެ ރަނގަޅުކަމަށް ފެނުނަސް އިތުބާރުކުރާން ޖެހިލުންވަނީއެވެ.
"މަންމައާ ވާހަކަދައްކާ. ސުމައްޔާއަކީ އަހަންނަށްވުރެ ޚިޔާލު ތަނަވަސް ތޫނިފިލި އަންހެނެއް. ﷲގެ ރަޙުމަތް އޭނާއާއެކުވޭ. ﷲގެ ވާގިފުޅާއެކު އޭނާ ދަރިފުޅަށް މަގުދައްކާނެ. ކަންތައްކުރަންވީގޮތް ބުނެދޭނެ. އަހަރެންނަށްވުރެ އެކަހަލަ ކަންކަމުގައި އޭނާ މާކުޅަދާނަ." ހަސީނާ ހިނިތުންވުމެއް ދިނެވެ.
"މަންމަ އެދެނީ އަހަރެން ކައިވެންޏަކާމެދު ވިސްނުން. ހަމަޖެހޭ ރީތި ދިރިއުޅުމެއް އުޅޭތަން ދުށުން. އެކަމަކު އަހަރެން ކަހަލަ އަންހެނަކަށް މަންމަ އެބުނާ ފަދަ އުފާވެރި ދިރިއުޅުމެއް ލިބިދާނެތަ؟." ހޫރައިންގެ އަމިއްލަ ނަފްސަށް ގަބޫލުނުކުރެވެނީއެވެ.
"ލިބޭނެ... އިންޝާ ﷲ، ލިބޭނެ އެފަދަ ދިރިއުޅުމެއް. ހަސިންތަގެ ދުޢާއަކީ ވެސް އެއީ." ހަސީނާ ބުނެލީ ނުހަނު ޔަގީންކަމާއެކުއެވެ.
ހޫރައިންއަށް ލިބިފައިވާ ވަރުބަލި ކަމުގެ އަސްލަކީ ޚިޔާލުތަކާއި ފިކުރުތައް ގިނަވުމެވެ. އޭނާއަށް ޒެހެން މިއަދު އެ ދެއްކި ވާހަކަތަކާ މެދު އެހެން ފަހަރުތަކަށްވުރެ ބޮޑަށް ވިސްނެނީއެވެ. ޔޫކް ގޮވައިގެން ސްކޫލުން ހޫރައިން ނުކުތެވެ. ތަންކޮޅެއް ބާރަށް ހިނގަން ޔޫކް އުޅޭތީ ކިހިނެއްވީތޯ ހޫރައިންއަށް އަހާލެވުނެވެ. ޔޫކް ވާހަކައެއް ބުނަންވީއެވެ. މީހުންގަނޑުގެ ތެރެއިން މަންމަ ނެރިގެން ދުރަށް ގެންގޮސްފައި ނޫނީ ވާހަކަދެއްކުން ދަތިވާނެތީ އޭނާ ހިނގުން ބާރުކޮށްލީއެވެ.
"ދެން ބުނެބަލަ." މީހުންތަކުން އެއްފަރާތްވެ ދުވާރުމަތީ އެ ދެމައިން އެކަނިވުމުން ހޫރައިން ބުނެލިއެވެ.
"ޔޫކް ފެނުނީ ޒެން. މަޖާ ކުއްޖެއް އެއީ." ޔޫކް ފާޑަކަށް ހިނިއައިސްފަ ބުނެލިއެވެ.
"އާ ފްރެންޑެއްތަ؟." ހޫރައިންއަށް މާބޮޑަކަށް ޔޫކް ދެއްކި ވާހަކަ ދޭހައެއްނުވިއެވެ.
"މަންމި ފްރެންޑެއް... ޒެން... އެއްކަލަ އަނެއް ދުވަސް ޔޫކްމެން ފަހަތުން އައީނު ކުއްޖެއް. އަތުގަ ބޭސް އަޅާފަ ހުރި. މަންމި ސްކޫލުގަ އުޅެއެއްނު. މަންމީ ތިންކް..." ހޫރައިންނަށް ހަނދާންކޮށްދޭން ޔޫކް މަސައްކަތް ކުރިއެވެ. (ނުނިމޭ)