އިންޑިއާ އަކީ އަބަދުވެސް ބަރޯސަސާވެވޭ ގައުމެއް ކަމުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޝާހިދު މިހެން ވިދާޅުވީ އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މުހައްވަރާ އެކު ފޮރިން މިނިސްޓްރީގައި މިއަދު ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
ރާއްޖެއާއި އިންޑިއާ އާއި ދެމެދު އޮތް ޒަމާންވީ ރަހްމަތްތެރި ގުޅުން އިތުރު ބަދަހިކުރުމާ ގުޅޭގޮތުންނާއި އިންޑިއާގެ އެހީތެރިކަމާ އެކު ރާއްޖޭގައި ކުރިއަށްދާ މަޝްރޫއުތަކާ ގުޅޭގޮތުން މިބައްދަލުވުމުގައި ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ.
ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ޒައާމަތުގައި އިންޑިއާ އާއި ރާއްޖޭގެ ގުޅުން ބަދަހިވެގެން ގޮސްފައިވާ މިންވަރާ މެދު ދެ ބޭފުޅުން ވެސް ހިތްހަމަޖެހިވަޑައިގެން އެކަމުގައި ވާހަކަދެއްކެވި އެވެ.
މީގެއިތުރުން ކޮވިޑްގެ ހާލަތު އެންމެ ގޯސްވި ދުވަސްވަރު އިންޑިއާ އިން ރާއްޖެ އަށް ފޯރުކޮށްދިން އެހީތެރިކަން ފާހަގަކުރައްވާ ޝާހިދު ވަނީ އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި އިންޑިއާ ސަފީރު ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެއާއި އިންޑިއާގެ ގުޅުން އިތުރަށް ވަރުގަދަ ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވެފަ އެވެ.
އދގެ އާންމު މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގެންނެވި ފަހުން ޝާހިދު އާންމުކޮށް ދިރިއުޅުއްވަނީ އދގެ މައި މަރުކަޒު ގާއިމުކޮށްފައިވާ އެމެރިކާގެ ނިއުޔޯކުގަ އެވެ.
އެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ޝާހިދު ރާއްޖެ ވަޑައިގެންނެވި ދެވަނަ ދަތުރުފުޅުގައި ރާއްޖެ ވަޑައިގެންނެވީ ޗައިނާގެ ފޮރިން މިނިސްޓަރަށް ރާއްޖެއިން މަރުހަބާ ދެންނެވުމަށާއި ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދިއުމަށެވެ.