ބޮލީވުޑް

"ބިގް ބޮސް" ގެ އަޑުގެ ވެރިޔާއަށް ކޮވިޑް

އިންޑިޔާގައި ކޮވިޑް ކޭސްތައް އިންތިހާއަށް އިތުރުވަމުންދާއިރު އެ ގައުމުގެ މުނިފޫހިފިލުވުމުގެ އިންޑަސްޓްރީގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ފަންނާނުންނަށް ވެސް ބަލި ޖެހި އެކަން އެމީހުން ސޯޝަލް މީޑިއާގައި ގެންދަނީ ހާމަ ކުރަމުންނެވެ.

ފިލްމީ ތަރިން ކަމަށްވާ ޖާންވީ ކަޕޫރާއި އޭނާގެ ކޮއްކޮ ޚުޝީ ކަޕޫރު އަދި ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރް އަށް ވެސް ވަނީ ކޮވިޑް ޖެހިފަ އެވެ. އަދި ކަލާޒް ޓީވީގެ ރިއަލިޓީ ޝޯ "ބިގް ބޮސް"ގެ މިފަހަރުގެ ސީޒަންގެ ގިނަ އަދަދެއްގެ ބައިވެރިންނަށް ވެސް ކޮވިޑް ޖެހިފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ. ކުރިން ނިންމާލަން ހަމަޖެހިފައިވާ ތާރީޚަށް ވުރެ މި ޝޯ ނިންމުން ދެ ހަފުތާއަށް ލަސްކޮށްފައި ވިޔަސް މަހަރަޝްތުރާގައި ކޮވިޑް ފެތުރޭ ހަލުވިކަމަށް ބަލާއިރު ޝޯ ކުރިޔަށް ގެންދެވިދާނެކަމާ މެދު ބައެއް މީހުން ސުވާލު އުފައްދަ އެވެ.

އަދި އެންމެ ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި ބިގް ބޮސްގެ އަޑުގެ ވެރިޔާ އަތުލް ކަޕޫރަށް ވެސް މިހާރު ވަނީ ކޮވިޑް ޖެހިފަ އެވެ. އަތުލް ކޮވިޑަށް ޕޮޒިޓިވް ވުމުން މިހާރު ބިގް ބޮސްގެ ކުރޫންގެ ގޮތުގައި މަސައްކަތްކުރާ އެންމެން ޓެސްޓްކުރަމުންދާ ކަމަށް ޚަބަރުތައް ބުނެ އެވެ.
އަތުލްގެ އަޑާ ނުލައި "ބިގް ބޮސް" ފުރިހަމައެއް ނުވާނެ އެވެ. ނަމަވެސް އަތުލް ބަލިވުމުން ބިގް ބޮސްގެ ކުރިޔަށް ހުރި އެޕިސޯޑްތަކުގައި ބިގް ބޮސްއަށް ވެގެން ވާހަކަ ދައްކާނީ ކާކު ލައްވާތޯ ވަނީ ސުވާލު އުފެދިފަ އެވެ.

މީގެ އިތުރުން ބިގް ބޮސްގެ ގޭގައި މިހާރު ތިބި ބައިވެރިންގެ ތެރެއިން ޓީވީ ބަތަލާ ދެވޮލީނާގެ ކިބައިން ވެސް ކޮވިޑްގެ އަލާމާތްތައް ފެންނަމުންދާތީ މި ޝޯގެ އޮގަނައިޒަރުން މިހާރު ވަނީ ވަރަށް ކަންބޮޑުވެފަ އެވެ. އަދި "ބިގް ބޮސް"ގެ 15 ވަނަ ސީޒަނަށް ދެ ހަފުތާ އިތުރުކުރަން ނިންމުނު ނިންމުމާ މެދު ޕްރޮޑިއުސަރުން މިހާރު ހިތާމަކުރާނެ ކަމަށް ބެލެވެ އެވެ.