ލައިފްސްޓައިލް

ވަކި ރުފިޔާއިން މުސާރަ ދިނުމުން ކޯޓަށް

ވަޒީފާ އަދާކުރާ ތަނުގެ ވެރިންނާއި މުވައްޒަފުންގެ މެދުގައި އަބަދުވެސް މައްސަލަތައް ޖެހެ އެވެ. މިއީ ދުނިޔޭގެ ހުރިހާ ގައުމެއްގެ ހުރިހާ އޮފީހެއްގައި ކަހަލަ ގޮތަކަށް ދިމާވާ ކަމެކެވެ. ގިނަ ފަހަރަށް މިގޮތަށް ޖެހޭ މައްސަލަތައް މާ ސީރިއަސް ކަމަކަށް ނުވެ އެކަމެއް ހައްލު ކުރެވެ އެވެ. ނަމަވެސް އެމެރިކާގެ ކާރު މަރާމާތުކުރާ ގަރާޖެއްގައި މަސައްކަތްކުރާ މީހަކު އޭނާގެ މަސައްކަތުގެ މާހައުލާ ހިތްހަމަނުޖެހި ވަޒީފާއިން ވަކިވުމުން އޭނާގެ ބޮސް އެންމެ ފަހުގެ މުސާރަ ދިން ގޮތުގެ ވާހަކައަކީ މިހާރު އިންޓަނެޓުގައި އެންމެ ހިނގާ އެއް ވާހަކައަށް ވަނީ ވެފަ އެވެ. ސަބަބަކީ ބޮސް އެމީހާ އަށް މުސާރަ ދިނީ ވަކި ލާރިން ކަމަށް ވެފައި މުސާރަ ދިންލެއް މޮޅުކަމުންނެވެ. މިކަމާ ރުޅިގަދަވެ ވަޒީފާ އަދާކުރި މީހާ މިހާރު ވަނީ މި މައްސަލަ ކޯޓަށް ހުށަހަޅާފަ އެވެ.

ޖޯޖިއާގެ ފެޔެޓްވީލްގައި ދިރިއުޅޭ އެންޑްރެއަސް ފްލެޓެން އަކީ ކާރު މެކޭނިކެކެވެ. އެންޑްރެއަސް އާއި އޭނާގެ ބޮސް އާ މައްސަލަޖެހި ވަޒީފާއިން ވަކިވާން އެންޑްރެސް ނިންމި އެވެ. އަދި އޭނާ އެހާތަނަށް ކުރި މަސައްކަތަށް ވާ މުސާރަ ދޭން ވެރިމީހާ ކިބައިން އެންޑްރެއަސް އެދުނެވެ.

އެންޑްރެއަސް ކުއްލިއަކަށް ވަޒިފާ ދޫކޮށްލަން ނިންމުމުން އޭނާގެ ބޮސް ވަރަށް ހިތްހަމަ ނުޖެހުނެވެ ހިތްހަމަނުޖެހުނަސް އެންޑްރިއަސް އެދުނު ގޮތަށް ވަޒީފާއިން ވަކިކޮށް އޭނާއަށް ދޭންޖެހޭ މުސާރަ ބޮސް ވަނީ ވަރަށް ރަނގަޅަށް ދީފަ އެވެ.

އެންޑްރިއަސް ބުނި ގޮތުގައި އޭނާއަށް މުސާރަ ދިނީ ވަރަށް މޮޅަށެވެ. ކުންފުނިން ފޮނުވި މީހަކު އައިސް އޭނާގެ ގޭ ދޮރުމައްޗަށް އޭނަގެ މުސާރައޭ ކިޔާފައި ވަކިލާރިތަކެއް އޮއްސާލާފައި ދިޔައީ ކަމަށް އެންޑްރިއެސް ބުންޏެވެ.

އެންޑްރިއަސް އިތުރަށް ބުނީ ވަކިލާރިތައް ހުރީ ގިރީހުން ތަތްތެޅިފައިކަމުން އެ ލާރިތައް ނަގައިގެން ގެންގޮސް ގުނަން ވެސް އޭނާއަށް ވަރަށް ބޮޑު ތަކުލީފަކަށް ވީކަމަށެވެ.

އެންޑްރެއަސް ގަބޫލުކުރާ ގޮތުގައި އޭނާގެ މުސާރަ އާއި އެހެނިހެން އިނާޔަތްތަކުގެ ގޮތުގައި މަދުވެގެން 915 ޑޮލަރު އޭނާއަށް ލިބެން ޖެހޭނެ އެވެ. ނަމަވެސް ގޭދޮރަށް އޮއްސާލި މި ވަކި ލާރިތަކުގައި އެ އަދަދު ހަމަ ނުވާ ކަމަށް ވެސް އެންޑްރެސް ބުންޏެވެ.

އެންޑްރެއަސް ބުނަނީ މުސާރައަށް ދިން ފައިސާތައް ވީލްބަރޯއަކަށް އަޅައިގެން ގެންގޮސް ވިނެގާ އާއި ސައިބޯނިން އެންމެ ފުރަތަމަ ރީތިކޮށް ދޮންނަން ވެސް އެތައް ރެއެއް ނެގި ކަމަށެވެ. އަދިވެސް ހުރިހާ ލާރިތައް ނުގުނޭ ކަމަށާއި އެންމެފަހުން އެއް ލާރީގެ ބަރުދަނާއި ހުރިހާ ލާރިއެއްގެ ބަރުދަން ވަޒަންކޮށް އަގު ހެދިއިރު އޭނާއަށް ލިބިފައިވަނީ ގާތްގަނޑަކަށް 504 ޕައުންޑް ކަމަށް އެންޑްރިއެސް އަންދާޒާ ކުރެ އެވެ.

އަންޑްރެއަސް ވަނީ އޭނާގެ މުސާރައަށް ލިބުނު ލާރި ގޯނީގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކޮށް އެންމެންނަށް މި ދައްކާފަ އެވެ.
މި ފޮޓޯތައް ވައިރަލްވެ މިކަމުގެ ޝަކުވާ ޔޫއެސް ޑިޕާޓްމަންޓް އޮފް ލޭބާ އަށް ހުށަހެޅި އެ ފަރާތުން މައްސަލަ ބަލަން ފެށީ އެވެ. މި މައްސަލަ ބެލި އޮފިޝަލުން ބުނެފައިވަނީ އެންޑްރެއަސް ވަޒީފާ އަދާކުރި ކުންފުނިން ވަނީ ލޭބާ އަދި އޯވަޓައިމް ގާނޫނާ ޚިލާފު ވެފައި ކަމަށެވެ.