ޓައިވާންގެ ފައިޓަރު ޖެޓެއް ކަނޑަށް ވެއްޓި ޕައިލެޓް ގެއްލުމުގެ ސަބަބުން ޓައިވާން އެއާ ފޯސްގައި ބޭނުންކުރާ އެފް-16 އިގެ ހުރިހާ ޖެޓެއް ހުއްޓުވައިފި އެވެ.
ޗައިނާއިން ޓައިވާނަށް އަރައިގެންފާނެ ކަމަށް ބިރުން އެމެރިކާގެ މަދަދާއެކު ޓައިވާނުން ގެންދަނީ އަސްކަރީ ގޮތުން ލިބެން ހުރި ހުރިހާ ބާރުވެރިކަމެއް ދަސްކޮށް އުނގެނެމުންނެވެ. ޖާސޫސީ ގޮތުން މައުލޫމާތު އެއްކުރުމުގައި ޓައިވާން އޮތީ އެވަރުގެ އެހެން ބަޔަކު ނެތް ވަރުގަ އެވެ.
ޓައިވާންގެ ސެންޓްރަލް ނިއުސް އޭޖެންސީން ބުނި ގޮތުން، "އެފް-16ވީ - ވައިޕާ" މަރުކާގެ ޖެޓް އެއާބޭސްއިން ނައްޓާލިތަނާހެން ރާޑަރުން ގެއްލިއްޖެ އެވެ. ޚަބަރުތައް ބުނާ ގޮތުން މޫސުމުގެ ސަބަބުން ޖެޓަށް ކަމެއް ދިމާވާ ވަރަށް ވުރެ އުޑުމަތި ސާފެ އެވެ.
އެފް-16ވީ ވައިޕަރު ޖެޓްތަކަކީ މިމަރުކާގައި ހިމެނޭ ބާރުގަދަ ޖެޓްތަކެކެވެ. ވާދަވެރިންގެ ޖެޓްތަކަށް ހުރަސްއެޅުމުގައި މިޖެޓްތައް ވައިކަފާފައި ދަތުރުކުރެ އެވެ. އެހެން ނަމަވެސް ވީގޮތެއް ނޭނގި ޖެޓް ކަނޑަށް ވެއްޓުމުން ދެން ހުރި ހުރިހާ ޖެޓްތައް ވެސް މަޑުޖެއްސުވީ އެވެ.
އެމެރިކާގެ ލޮކްހީޑް މާޓިންގައި އުފައްދާ އެފް-16 އިގެ ޖެޓްތަކުގައި ބޮޑެތި މައްސަލަތެއް އުޅޭކަން މިފަހުން ވަނީ އެނގިފަ އެވެ. ދެކުރު ކޮރެއާގައި ބޭނުންކުރާ މިމަރުކާގެ ޖެޓްތަކުގެ ލޭންޑިން ގިއަރުގައި މައްސަލަޖެހި، ހުރިހާ ޖެޓެއް މަޑުކުރުވަން އަސްކަރިއްޔާއިން ވަނީ އަރުމުކޮށްފަ އެވެ.
އަސްކަރީ ގޮތުން އެމެރިކާއިން ގައުމުތަކަށްދޭ އެހީގެ ތެރޭގައި ފައިޓަރު ޖެޓްތައް ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި ޖެނެރަލް ޑައިނަމިކްސް ފަދަ ކުންފުނިތަކުން ޑިޒައިންކޮށް އަދި ފަހުން ޒަމާނީ އާލާތައް ހިމަނާފައިވާ ޖެޓްތައް ވެސް ހިމެނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޓައިވާންގައި ބޭނުންކުރާ ބައެެއް ޖެޓްތަކަކީ ކުރީގެ މޮޑެލްތަކަށް ޒަމާނީ ބަދަލު ގެނެސްފައި ހުރި ޖެޓްތަކެކެވެ. އިންޖީން އާކުރުމާއި ރާޑަރާއި މިސައިލް ދެނެގަތުން ފަދަ ޒަމާނީ ވަސީލަތްތައް މިބޯޓުތަކުގައި ހުރެ އެވެ.