ރަށުން ބޭރު މީހުންނަށް ގދ. ތިނަދޫ އިން ގޯތި ދޫކުރަން އެރަށު ކައުންސިލުން ނިންމައިފި އެވެ.
ތިނަދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ތިނަދޫ އަކީ ވަރަށް ހަލުވިކަމާއެކު އާބާދީ އިތުރުވަމުން އަދި ތަރައްގީވަމުން އަންނަ ރަށެއް ކަމަށެވެ. ރަށުގެ ތަރައްގީއަށް ކައުންސިލުގެ އަމާޒަށް ވާސިލްވުމަށް އެހެން ރަށްރަށުގެ ރައްޔިތުން ވެސް ހިމަނައިގެން ސަރަހައްދީ ތަރައްގީ އެރަށަށް ގެންނަން ބޭނުންވާ ކަމަށެވެ.
އެހެންކަމުން އިގްތިސޯދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ހިންގާ އެކިއެކި ހަރަކާތްތަކާއެކު ތިނަދޫއިން ގޯތި ނުވަތަ ބޯހިޔާވަހިކަން ބޭނުންވާ ރަށުން ބޭރު މީހުންނަށް ގޯތި ނުވަތަ ބޯހިޔާވަހިކަން ދޫކުރުމަށް އެ ކައުންސިލުން ނިންމާފައިވާ ކަމަށް އެ އިއުލާނުގައި ބުންޏެވެ.
ތިނަދޫ ކައުންސިލުން ރާވާފައިވާ މި ބޯލިޔާވަހިކަމުގެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް، އެހެން ރަށްރަށުން ގޯތި ބޭނުންވާ މީހުންގެ މައުލޫމާތު ހިއްސާކުރުމަށް އެ ކައުންސިލުން ވަނީ ހުޅުވައިލައިފަ އެވެ. އެ މައުލޫމާތު އަންނަ މާޗް މަހުގެ 31 ވަނަ ދުވަހުގެ ކުރިން ކައުންސިލާ ހިއްސާކުރުމަށް ވަނީ އެދިފަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ތިނަދޫން ވަނީ 55 ހެކްޓަރުގެ ބިމެއް ހިއްކާފަ އެވެ. އެ ބިމުގައި އާންމުންނަށް ގޯތި ދޫކުރުމުގެ އިތުރުން ސްކޫލް އެޅުމަށްވެސް ކުރީގެ ސަރުކާރުން ނިންމި އެވެ. އެކަމަކު އެސަރަަހައްދުން މިހާތަނަށް ގޯތި ދޫކޮށްފައެއް ނުވެ އެވެ.