ގދ. ތިނަދޫ

ތިނަދޫގައި 200 ހައުސިން ޔުނިޓް އަޅަން ހަވާލުކޮށްފި

Oct 6, 2022

ގދ. ތިނަދޫގައި ސަރުކާރުން އަޅަން ނިންމާފައިވާ 200 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް މިއަދު ބަޔަކާ ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މިމަސައްކަތް ހަވާލުކޮށްފައިވަނީ ސިއެރާ ސްޓާ ޖޮއިންޓް ވެންޗާ އަށެވެ. މިއީ ސިއެރާ ކޮންސްޓްރަކްޝަނާއި ސްޓާ ކޮންސްޓްރަކްޝަން ގުޅިގެން އުފައްދާފައިވާ ކުންފުންޏެކެވެ.

ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑިރެކްޓާ ޖެނަރަލް އަހްމަދު ވިޝާން ނަސީމު އެވެ. ސިއެރާގެ ފަރާތުން ސޮއި ކުރެއްވީ އެމްއެޗްޕީ ޕްރަސާދު އެރަތުނާ އެވެ.

ސިއެރާ އިން އަމިއްލައަށް ހައުސިން ޔުނިޓްތައް ޑިޒައިންކޮށް އަދި އިމާރާތް ކުރާ ގޮތަށް ހަވާލުކޮށްފައިވާ މިމަޝްރޫއު 540 ދުވަހުގެ ތެރޭގައި ނިންމަންޖެހެ އެވެ. މަޝްރޫއުގެ އަގަކީ 253.99 މިލިއަން ރުފިޔާ އެވެ.

މިމަޝްރޫއަށް ހަރަދުކުރުމަށް ހަމަޖެހިފައިވަނީ މިއަހަރަށް ފާސްކޮށްފައިވާ ދައުލަތުގެ ޕީއެސްއައިޕީ ބަޖެޓުގެ ތެރެއިންނެވެ. ތިނަދޫގައި އަޅާ ކޮންމެ ހައުސިން ޔުނިޓެއްގައި 700 އަކަފޫޓް ހުންނާނެ އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ ތިނަދޫގައި އަޅާ ކޮންމެ ހައުސިން ޔުނިޓެއްގައި ތިން ކޮޓަރި، ތިން ފާހާނާ، ސިޓިންރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯ ރޫމެއް ވެސް ހިމެނެ އެވެ.

މީގެއިތުރުން ހައުސިން ޔުނިޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއް ގާއިމުކުރުމަށްޓަކައި ޔުނިޓްތައް ވަށައިގެން އަލި ކުރެވޭނެ ކަމަށާއި އަދި މުނިފޫހިފިލުވާލުމަށް ޕާކަކާއި އަދި ވެހިކަލް ޕާކް ކުރުމަށްވެސް ހާއްސަ ތަނެއް ހެދުމަށް ނިންމާފައިވެ އެވެ.

ހައުސިން ޔުނިޓް އަޅާ ރަށްތަކާއި އަދަދު

  • ހދ. ކުޅުދުއްފުށި - 400 ހައުސިން ޔުނިޓް
  • ސ. ހިތަދޫ - 200 ހައުސިން ޔުނިޓް
  • ފުވައްމުލައް - 200 ހައުސިން ޔުނިޓް
  • ގދ. ތިނަދޫ - 200 ހައުސިން ޔުނިޓް
  • ޅ. ހިންނަވަރު - 100 ހައުސިން ޔުނިޓް
  • ލ. ގަން - 100 ހައުސިން ޔުނިޓް
  • ހއ. ދިއްދޫ - 75 ހައުސިން ޔުނިޓް
  • ސ. ފޭދޫ - 75 ހައުސިން ޔުނިޓް
  • ށ. މިލަންދޫ - 50 ހައުސިން ޔުނިޓް
  • އއ. ރަސްދޫ - 50 ހައުސިން ޔުނިޓް
  • ގއ. ވިލިނގިލި - 50 ހައުސިން ޔުނިޓް
  • ނ. މަނަދޫ - 40 ހައުސިން ޔުނިޓް
  • ނ. ހޮޅުދޫ - 30 ހައުސިން ޔުނިޓް

ދައުލަތުގެ މިއަހަރުގެ ބަޖެޓުގައި އަތޮޅު ތަކުގައި ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 1.5 ބިލިއަން ރުފިޔާ ހާއްސަކޮށްފައިވެ އެވެ.

ސަރުކާރުން ހައުސިން ޔުނިޓް އަޅަން ނިންމާފައިވާ ރަށްތަކުގެ ތެރެއިން ތިނަދޫ އަކީ މި މަސައްކަތް ބަޔަކާ ހަވާލުކުރި އަށްވަނަ ރަށެވެ. މީގެކުރިން ވަނީ ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ށ. މިލަންދޫ، ނ. މަނަދޫ، ޅ. ހިންނަވަރު، ލ. ގަން އަދި ގއ. ވިލިނިގިލީގައި އަޅާ ހައުސިން ޔުނިޓްތައް އެޅުމަށް ހަވާލުކޮށްފަ އެވެ. އަދި ބައެއް ރަށްތަކުގައި މަސައްކަތް ފެށުމަށް ބައެއް ކޮންޓްރެކްޓަރުން ވަނީ ތަކެއްޗާއި މުވައްޒަފުން ރަށްތަކަށް ފޮނުވާފަ އެވެ.