މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލޭވިއޭޝަން

މަޑިވަރަށް ކޮމާޝަލް ދަތުރުތައް ފަށަން ހުއްދައަށް އެދިފައެއް ނެތް

ކުރެއްދޫ ހޯލްޑިންގްސް އިން ޅ. މަޑިވަރުގައި ތަރައްގީކޮށްފައިވާ އެއާޕޯޓަށް ވިޔަފާރި އުސޫލުން ދަތުރުތައް ފަށަން އަދި ހުއްދައަށް އެދި ހުށަހަޅާފައި ނުވާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފި އެވެ.

ޓްރާންސްޕޯޓް އޮތރިޓީގެ އިސް އޮފިޝަލަކު އަވަސް އަށް ވިދާޅުވީ މަޑިވަރު އެއާޕޯޓަށް ވިޔަފާރި އުސޫލުން ދަތުރުތައް ފެށުމާ މެދު ގޮތެއް ނިންމޭނީ އެއާޕޯޓް ހިންގާ ކުރެއްދޫ ހޯލްޑިންގްސް އިން އެކަމުގެ ހުއްދަ އަށް އެދުމުން ކަމަށެވެ.

"ކޮމާޝަލް ޕްލައިޓްތައް ފެށުމަށް އަޅުގަނޑުމެންނަށް ހުއްދަ ދެވޭނީ އޮޕަރޭޓަރު ހުށަހެޅީމަ. އަދި މިހާތަނަށް އޮޕަރޭޓަރު ހުށައެއްނާޅާ ލައިސަންސް ހޯދާކަށް،" އޮފިޝަލު ވިދާޅުވި އެވެ.

މަޑިވަރު އެއާޕޯޓަށް މިދިޔަ މަހުގެ 25 ވަނަ ދުވަހު ޓެސްޓް ފްލައިޓް ޖެއްސީ މިދިޔަ އަހަރު ނިމުމުގެ ކުރިން އެއާޕޯޓް ހުޅުވުމަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުން ނިންމުމެއް ނިންމާފައި ވަނިކޮށެވެ.

ސިޓީ ހޮޓަލާއެކު މަޑިވަރުގައި ރީޖަނަލް އެއާޕޯޓެއް އަޅަން ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި، ކްރައުން އެންޑް ޗަމްޕާ ކުންފުނީގެ ސަބްސިޑަރީއެއް ކަމަށްވާ ކުރެއްދޫ ހޯލްޑިންގްސްއާ ހަވާލުކުރީ މެއި 29، 2018 ގައެވެ

ކުރިން ސިފައިންގެ ޓްރެއިނިން މަރުކަޒެއް ހިންގި މަޑިވަރުގައި އެއާޕޯޓު ތަރައްގީކުރުމަށް ގާތްގަނޑަކަށް 50 މިލިއަން ޑޮލަރު އިންވެސްޓްކުރި ކަމަށް ކުރެއްދޫ ހޯލްޑިންސްއިން ކުރިން ބުނެފައިވެ އެވެ.

މަޑިވަރު އެއާޕޯޓަކީ ރާއްޖޭގައި ހަދާފައިވާ ރީޖަނަލް އެއާޕޯޓުތަކެކޭ އެއް ސައިޒުގެ އެއާޕޯޓެކެވެ. މި އެއާޕޯޓުގެ މަސައްކަތް ކޮށްފައިިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ގިނަ މަސައްކަތްތަކެއް ކުރާ، ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) އިންނެވެ.