ހުރަވީ ބިލްޑިން ތަޅާލައި އެތަނުގައި ޕާކެއް ތަރައްގީ ކުރަން މަޝްވަރާތައް ކުރަމުންދާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.
ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ކުރިއަށް އޮތް ދެތިން މަހެއްހާ ތެރޭގައި ހުރަވީ ބިލްޑިން ތަޅާލަން މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ. އެތަން ތަޅާލުމަށް ފަހު ޕާކިން ޒޯންތަކާއެކު ޕާކެއް ތަރައްގީ ކުރުމަށް ޕްލޭން ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ހުރަވީ ބިލްޑިންއަކީ ރައީސް މައުމޫނުގެ ވެރިކަމުގެ ކުރީކޮޅު އެޅި އޮފީސް އިމާރާތެކެވެ. އެ ތަނުގައި އެންޓި ކޮރަޕްޝަން ކޮމިޝަނާއި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި އިމިގްރޭޝަނާއި ޓްރާންސްޕޯޓް އޮތޯރިޓީ އާއި މާލޭ ސިޓީ ކައުންސިލްގެ ބައެއް ޔުނިޓްތައް މީގެ ކުރިން ވަނީ ހިންގާފަ އެވެ. އޮފީސްތައް އެތަނުން ބަދަލުކުރީ އެ އިމާރާތް ރައްކާތެރި ކަމަށް ނުފެންނާތީ އެވެ.
ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ވެސް އެ އިމާރާތް ތަޅައިލަން ނިންމި އެވެ. ނަމަވެސް އެތަނުގައި ހިންގަމުން އައި އޮފީސްތައް ބަދަލު ކުރާނެ އެހެން އިމާރާތެއް އޭރު ނެތުމުން އެކަން ނުވީ އެވެ.
އެ އިމާރާތް ހަދާފައިވަނީ އަކިރި ބޭނުންކޮށްގެން ހަތަރު ބުރިއަށެވެ. އެތަނުގައި ފަންގިފިލާތައް ހަދާފައި ހުރީ ޑެކް އަޅައިގެންނެވެ.