ކެމްޕޭން ކުރުމަށް ސަރުކާރާއި އަދި އަމިއްލަ ފަރާތްތަކުން ވެސް ހިންގާ ހަރަކާތްތައް ރެގިއުލޭޓްކުރުމަކީ އިލެކްޝަން ކޮމިޝަނަށް ވަރަށް ގޮންޖެހުން ބޮޑު އަދި ކުރަން އުދަގޫ މަސައްކަތެއް ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަން ކޮމިޝަނުން އެކަން ހާމަކުރީ މިއަދު އެ ކޮމިޝަނުން ސިޔާސީ ޕާޓީތަކާއެކު ބޭއްވި ބައްދަލުވުމެއްގައި ކޮމިޝަންގެ މެމްބަރު ޑރ. މުހައްމަދު ޒާހިރު އެވެ.
އަންނަ މަހު ފަހެއްގައި ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕޭނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ދަައުލަތުގެ ވަޒީރުން ކޮމަންޑޫއަށް ވަޑައިގެން އާ މަޝްރޫއުތައް އިއުލާންކުރެއްވުމަކީ ކެމްޕޭނަށް ނުފޫޒު ފޯރުވުމަށް ހިންގާ އަމަލުތަކެއް ކަމަށް ވާދަވެރި ޕާޓީ ތަކުން ތުހުމަތުކުރެ އެވެ.
އެމައްސަލާގައި ޑރ. ޒާހިރު މިއަދު ވިދާޅުވީ ކެމްޕޭން ދަތުރުތައް ރެގިއުލޭޓްކުރަންވެއްޖެނަމަ އެއީ ދައުލަތް ހިންގުންވެސް ކޮންމެވެސް ސިފައެއްގައި ކޮންޓްރޯލްކުރުން ކަމަށެވެ. އެހެންނަމަވެސް ކެމްޕޭން ހަރަކާތްތައް ރިޕޯޓްކޮށްފައި ހުންނަ ގޮތްތަކުގެ މައުލޫމާތުތައް ކޮމިޝަނުން އަަބަދުވެސް އަޅާކިޔާ އަދި ބަލާ ހަދާ ކަމަށް ވިދާޅުވި އެވެ.
ޑރ. ޒާހިރު ވިދާޅުވީ ކެމްޕޭން ހަރަކާތްތަކާ ގުޅޭގޮތުން މީގެ ކުރީގެ އިންތިހާބްތަކުގައި ވެސް ޝަކުވާ ހުށަހަޅާފައިވާ ކަމަށާއި އެހެންނަމަވެސް އެފަދަ ޝަކުވާތަކުގެ ހަގީގަތް ހޯދަން ގިނަ ފަހަރު ދަތިވާ ކަމަށެވެ.
"މިދިިޔަ ލޯކަލް ކައުންސިލް އިންތިހާބްގައި ވެސް އަޅުގަނޑުމެންނަށް އައި އެއް ކޮމްޕްލެއިނެއް އެއީ ފެނަކައިގެ ފަރާތުން ކުރި ދަތުރެއްގައި ފެނަކައިގެ މުވައްޒަފުން ދިޔަކަމަށް ބުނެ. އެހެންނަމަވެސް ކޮންމެވެސް ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ބައެއްގެ ގޮތުގައި އެބަޔަކު އެވަނީ. މިކަހަލަ ހާލަތެއްގައި ވެސް އަޅުގަނޑުމެން ސުވާލުކޮށް އިންވެސްޓިގޭޝަން ހިންގާ އަދި ފުލުހަށް ހަވާލުކޮށްގެންވެސް ބަލާލާއިރު މި އޮންނަނީ ސަރުކާރުގެ މުވައްޒަފެއް. އެ މުވައްޒަފު ކުރަންޖެހޭ މަަސައްކަތަކަށް މި ދަތުރު މިވަނީ. އެތަނުން ކެމްޕޭން އަންނަނީވެސް ކިހާ ހިސާބަކުންކަން ފާހަގަކުރުމަކީ ވަރަށް ދަތި ކަމަކަށްވޭ" ޑރ. ޒާހިރު ވިދާޅުވި އެެވެ.
އޭނާ ވިދާޅުވީ ކެމްޕޭނަށް ނުފޫޒު ފޯރުވުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރާ ކަމަށް ތުހުމަތުކުރާއިރު އެފަދަ މައްސަލަތައް ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައިވާ އިޖުރާއަތްތަތަކުގެ ތެރެއިން މައްސަލަތައް ހުށަހަޅާފައި ނުހުންނަ ކަމަށެވެ. އެހެން ނަމަވެސް ކެމްޕޭނަށް ނުފޫޒު ފޯރުވުމަށް ބަޔަކު މަސައްކަތްތަކެއް ކުރާނަމަ އެކަމަށް ހައްލުތަކެއް ހޯދުމަށް ކޮމިޝަނުން މަސައްކަތް ކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭން ލޯންޗު ކުރުމަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ރައީސް ވަނީ ކޮމަންޑޫ ދާއިރާގެ ރަށްތަކުގައި އެތައް މަޝްރޫއެއް ފެށުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވެ ބައެއް މައުލޫމާތު ވެސް ހިއްސާކުރައްވާފަ އެވެ.