ލައިފްސްޓައިލް

އޫރެއްގެ ހިތް އިންސާނަކަށް ލައްވައިފި!

އޫރެއްގެ ހިތެއް ޓްރާންސްޕްލާންޓްކުރި ފުރަތަމަ އިންސާނަކަށް އެމެރިކާގެ މީހަކު ވެއްޖެ އެވެ. މި ހިތް ލައްވާފައި ވަނީ ޖެނެޓިކަލީ މޮޑިފައި ކޮށްގެންނެވެ.

ޑޭވިޑް ބެނެޓް، 57، ގެ މި އެކްސްޕެރިމެންޓަލް ސާޖަރީ ސާޖަރީއަށް ހަތް ގަޑިއިރު ހޭދަވި ކަމަށް ބަލްޓިމޯގެ ޑޮކްޓަރުން ބުނެފައި ވެއެވެ. އަދި ޓްރާންސްޕްލާންޓް ހެދިތާ ތިން ދުވަސް ފާއިތުވެފައިވާއިރު އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.

އޫރެއްގެ ހިތް ޖެނެޓިކަލީ މޮޑިފައި ކޮށްގެން ޓްރާންސްޕްލާންޓްކުރަން އެމެރިކާ ޑޮކްޓަރުން ނިންމީ، މަރާ ހަނގުރާމަކުރަމުންދިޔަ ޑޭވިޑްގެ ފުރާނަ ސަލާމަތް ކުރެވޭނެ އެހެން އެއްވެސް ގޮތެއް ނެތިގެނެވެ. ނަމަވެސް މި ޓްރާންސްޕްލާންޓަށް ފަހު ޑޭވިޑްގެ ހަށިގަނޑުން މި ހިތް ގަބޫލުކުރާނީ ކިހާ ދުވަހެއް ވަންދެން ކަމެއް ޑޮކްޓަރުންނަކަށް ވެސް ބުނާކަށް ނޭނގެ އެވެ.

ޑޭވިޑަށް އޮތީ ދެ ގޮތުން ކުރެ އެއްގޮތެވެ. މަރުގެ އިންތިޒާރުގައި ވޭނުގައި އޮތުން ނުވަތަ އަޖުމަ ބެލުމުގެ ގޮތުން ނަމަވެސް ޓްރާންސްޕްލާންޓް ހެދުމެވެ. އެހެންވެ އޭނާ ޚިޔާރުކުރީ ދެވަނަ ގޮތެވެ.

މީގެން ނުކުންނާނެ ނަތީޖާއެއް ޑޭވިޑް އަކަށް ވެސް ނޭނގެ އެވެ. ނަމަވެސް އޭނާއަށް ދިރިހުރުމުގެ އޮތް ހަމައެކަނި ފުރުސަތަކީ މިއީ ކަމަށް ވާތީ އެކަމަށް އެއްބަސްވީ އެވެ.

ޔުނިވަސިޓީ އޮފް މޭރީލޭންޑް މެޑިކަލް ސެންޓަރުގެ ޑޮކްޓަރުންނަށް މިކަމާ ގުޅޭ ޚާއްސަ ހުއްދަތަކެއް އެމެރިކާގެ ކަމާ ބެހޭ އިދާރާތަކުން ލިބިގެންނެވެ. އެފަރާތުން ވެސް މި ހުއްދަ ދިނީ ޑޭވިޑްގެ ފުރާނަ ސަލާމަތް ކުރެވޭނެ އެނޫން އެއްވެސް ގޮތެއް ނެތްކަން ޔަގީން ކުރެވުމުންނެވެ. އިންސާނެއްގެ ހިތެއް ޓްރާންސްޕްލާންޓް ކުރާ ވަރަށް ވުރެ ޑޭވިޑްގެ ހާލު ބޮޑުކަމުން އެކަމަކަށް އޭނާ ކުފޫ ހަމައެއް ނުވެ އެވެ.

ޑޭވިޑްގެ ހަށިގަނޑުގައި ޓްރާންސްޕްލާންޓްކުރި ހިތަށް ޖެނެޓިކް ގޮތުން ވަރަށް ގިނަ ބަދަލުތަކެއް ގެނަ އެވެ. އަދި އޭގައިވާ ބައެއް ސެލްތައް ނަގަން ޖެހުނެވެ. ސަބަބަކީ އެ ސެލްތަކާއެކު ޓްރާންސްޕްލާންޓް ކޮށްފިނަމަ ރިޖެކްޓް ކުރުމުގެ ބިރު ބޮޑުވީމަ އެވެ.

މި ޓްރާންސްޕްލާންޓް ހެދި މެޑިކަލް ޓީމުން މިފަދަ ކަމަކަށް ތައްޔާރުވަމުންދާތާ އެތައް އަހަރެއް ވެއްޖެ އެވެ. ނަމަވެސް މިއީ އިންސާނަކަށް އަޖުމަ ބެލުމުގެ ގޮތުން މިފަދަ ހިތެއް ލެއްވި ފުރަތަމަ ފަހަރެވެ. އަދި މީގެ ނަތީޖާއަށް ބަލައި ދުނިޔޭގެ ކަންކޮޅުތަކުގައި ހިތަށް ބޭނުން ވެފައިވާ އެތައް ބައެއްގެ ފުރާނަ ސަލާމަތް ކުރެވިދާނެކަމަށް އެ ޓީމުން އުންމީދު ކުރެ އެވެ.

މި ޓްރާންސްޕްލާންޓް ހެދުމުގައި އިސްކޮށް އުޅުއްވި ސާޖަން ބާޓްލޭ ގްރިފިތު ވިދާޅުވީ އޯގަން އަކީ އަބަދުވެސް ވަރަށް މަދުން ލިބޭ އެއްޗަކަށް ވެފައި އޭގެ ބޭނުންޖެހިފައިވާ އެތައް ބަޔަކު އަބަދުވެސް އިންތިޒާރުގައި ތިބޭ ކަމަށެވެ. އެހެންވެ އޯގަން މަދުވުމުގެ މައްސަލައަށް ހައްލު ހޯދަން މިއީ ކުރިޔަށް އެޅުނު ފިޔަވަޅެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވި އެވެ.

އެމެރިކާގައި އެކަނިވެސް ލައްކައަކަށް ވުރެ ގިނަ މީހުން އޯގަން ބޭނުން ވެގެން ވެއިޓް ލިސްޓްގައި އެބަތިބި ކަމަށާއި މީގެ ތެރެއިން ކޮންމެ ދުވަހަކު އެވްރެޖްކޮށް 17 މީހުން މަރުވަމުންދާ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.