ބޮލީވުޑް

މޯނީ ރޯއީގެ ބީޗް ވެޑިން ގޯއާގައި

ޓީވީ އަދި ފިލްމީ ބަތަލާ މޯނީ ރޯއީ މި މަހުގެ 27 ވަނަ ދުވަހު ގޯއާގައި ކައިވެނި ކުރަން ތައްޔާރު ވަމުންދާ ކަމަށް ނޫސްތަކުން ބުނެފި އެވެ. މޯނީ ކައިވެނި ކުރަނީ ޑުބާއީގައި ދިރިއުޅޭ އިންޑިޔާގެ ވިޔަފާރިވެރިއެއް ކަމަށްވާ ސޫރަޖް ނަމްބިއާ އާއެވެ.

ކުރިން ޚަބަރު ފެތުރިފައި އޮތީ މޯނީ ކައިވެނި ކުރަނީ ޑުބާއީގައި ކަމަށެވެ. ސަބަބަކީ ވަރަށް ގިނައިން މޯނީ މިހާރު ސޫރަޖް އާއެކު ޑުބާއީން ފެންނާތީ އެވެ. ނަމަވެސް ހިންދުސްތާން ޓައިމްސް އިން ބުނެފައިވާ ގޮތުގައި މޯނީ ބޭނުން ވަނީ ބީޗް ވެޑިން އަކަށް ވާތީ ގޯއާގައި ކައިވެނި ކުރަން އޭނާ މިހާރު ވަނީ ނިންމާފަ އެވެ.

މިހާރު ގޯއާގެ ބައެއް ހޮޓާތައް ކައިވެންޏަށް އަންނަ މެހެމާނުންނަށް ހާއްސަކޮށް ބުކް ކުރަމުންދާ ކަމަށާއި ކައިވެނީގެ ތައްޔާރީތައް ވަރަށް ބާރަށް ކުރިޔަށްދާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

ކައިވެނީގެ ރަސްމިއްޔާތުގައި ބައިވެރިވާ ބޮލީވުޑް ފަންނާންގެ ތެރޭގައި ކަރަން ޖޯހަރް އާއި އެކްތާ ކަޕޫރު، ފެޝަން ޑިޒައިނަރު މަނީޝް މަލްހޯތުރާ ފަދަ މީހުން ހިމެނޭ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ. ނަމަވެސް އިންޑިޔާގެ ކޮވިޑް ހާލަތު ގޯސް ވަމުންދާތީ ވީހާ ވެސް މަދު ބަޔަކަށް ދައުވަތު ދިނުމުގެ ވިސްނުމެއް ވެސް މޯނީ ގެންގުޅޭ ކަމަށް ވެއެވެ.

މޯނީއަކީ ހިންދީ ޑްރާމާތައް ކުޅެފައިވާ ކުޅަދާނަ ބަތަލާ އެކެވެ. އޭނާ ބޮލީވުޑަށް ނުކުތީ 2018 ގައި ރިލީޒްކުރި "ގޯލްޑް" އިންނެވެ. މި ފިލްމުގެ ބަތަލަކީ އަކްޝޭ ކުމާރެވެ. އޭނާ މިހާރު ކުޅެމުންދާ ފިލްމުތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއް ފިލްމަކީ ރަންބީރު ކަޕޫރާއި އާލިއާ ބަޓް އާއެކު ކުޅޭ "ބްރަހްމަޝްތުރަ" އެވެ.