ޓޮޓެންހަމްގެ މައްޗަށް ތިން ލަނޑުގެ އެގްރިގޭޓަކުން ކުރި ހޯދައި ޗެލްސީ ކަރަބޯ ކަޕްގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.
ރޭ ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު ސެމީ ފައިނަލުގެ ދެވަނަ ލެގު ޗެލްސީ ކާމިޔާބު ކުރީ 1-0 އިންނެވެ. މިދިޔަ ހަފުތާގައި ޗެލްސީގެ ދަނޑުގައި ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ ލެގު އެ ޓީމު ކާމިޔާބު ކުރީ 2-0 އިންނެވެ
ރޭ މެޗުގެ 18 ވަނަ މިނިޓުގައި މޭސަން މައުންޓް ނަގައިދިން ކޯނަރެއް ބޮލުން ޖަހައި ޗެލްސީއަށް ލީޑު ނަގައި ދިނީ އެންޓޯނިއޯ ރުޑިގާ އެވެ.
ފުރަތަމަ ހާފު ނިމެން ދާދި ކުޑަ ވަގުތު ކޮޅެއް ހުއްޓައި ޓޮޓެންހަމްގެ މިޑްފީލްޑަރު އެމައިލް ހޮއިބިއޭ މުޅިން ހުސްކޮށް ބޯޅަ ހިފައިގެން ޗެލްސީގެ އޭރިއާ ތެރެއަށް ވަދެވަދެ ހުއްޓާ ރުޑިގާ އެ ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ފައުލް ކުރި ކަމަށްއ ބަލާ ރެފްރީ ފުރަތަމަ ނިންމީ އެއީ ޕެނަލްޓީއެއް ކަމަށެވެ. ނަމަވެސް ވީއޭއާރު ބެލުމަށް ފަހު ރެފްރީ ނިންމީ ޕެނަލްޓީ އޭރިއާ ލައިން މަތިން ޓޮޓެންހަމަށް ހިލޭ ޖެހުމެއް ދޭށެވެ. މި ހިލޭޖެހުން ދިފާއު ކުރީ ވެސް ރުޑިގާ އެވެ.
ދެ ވަނަ ހާފު ފެށިގެން މެޗުގެ 64 ވަނަ މިނިޓުގައި ޓޮޓެންހަމްގެ ހެރީ ކޭން ގޯލެއް ކާމިޔާބު ކުރި ނަމަވެސް ވީއޭއާރް ބެލުމަށް ފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ގޯލެއް ކަމަށެވެ
ކަރަބޯކަޕް ގެ ސެމީފައިނަލަށް ދަތުރު ކޮށްފައިވާ އަނެއް ދެޓީމު ކަމަށްވާ އާސެނަލް އަދި ލިވަޕޫލްގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގު މިރޭ ކުޅޭނީ ލިވަޕޫލްގެ އެންފީލްޑްގަ އެވެ. އާސެނަލްގެ ދަނޑުގައި ކުޅޭ ސެމީ ފައިނަލުގެ ދެވަނަ ލެގު ކުޅޭނީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭގަ އެވެ.