ވާހަކަ

ހިތް ރުއްސާނުތޯ

( 11 ޖަނަވަރީ 2022 އާ ގުޅޭ )

"މަންމި ފްރެންޑެއް... ޒެން... އެއްކަލަ އަނެއް ދުވަސް ޔޫކްމެން ފަހަތުން އައީނު ކުއްޖެއް. އަތުގަ ބޭސް އަޅާފަ ހުރި. މަންމި ސްކޫލުގަ އުޅެއެއްނު. މަންމީ ތިންކް..." ހޫރައިންނަށް ހަނދާންކޮށްދޭން ޔޫކް މަސައްކަތް ކުރިއެވެ.

މެންދުރަށް ކައްކަން ބަދިގެ ތެރޭގައި އުޅުނު ސުމައްޔާ ދޭތެރެއަކުން ކާމޭޒުދޮށުގައި އިން ހޫރައިންއަށް ބަލާލައެވެ. ޔޫކްއަށް ސައިދޭން އޭނާ އިންއިރު އެހެން ދުވަސް ދުވަހަށްވުރެ ބަސްމަދުވެފައި އިންކަން ސުމައްޔާއަށް ފާހަގަވީއެވެ. މިއަދު ޔޫކް ވެސް އޭނާގެ ވާހަކަތަކަށް ހޫރައިންގެ ސަމާލުކަން ނުލިބިގެން ދެތިން ފަހަރަށް ގޮވާލައިފިއެވެ.

"އެއީ ޒެހެން. އެކަމަކު އަހަރެން ކައިރީ ކީއްވެބާ ނުބުނީ. އެހެންވީރު ޒެހެން ހަގީގަތުގަ ވެސް އުޅެނީ މިގޭ ކައިރީގަތަ. ޔޫކް އެކަންޏެއް ގެއިން ބޭރަކަށް ނުނިކުންނާނެ. ފިހާރައިން ޔޫކްއާ ދިމާވިނަމަ މަންމަ ވެސް ހުންނާނެ. ޔޫކްއާ ޒެހެން ވާހަކަދެއްކިނަމަ އެއީ ކާކުތޯ ނުބަލާ މަންމަ ނުހުންނާނެ. އަހަރެން ކައިރިން ނާހަންތަ އެ ހުންނަނީ."

ޚިޔާލުތަކުގެ ތެރެއަށް ގެނބެމުންދަނިކޮށް ހޫރައިންގެ ކޯތާފަތަށް އިހްސާސް ކުރެވުނީ ޔޫކްގެ ކުޑަކުޑަ ފިނި އަތްތިލައެވެ. ދެބުމަކައިރިކޮށްލައިގެން ހޫރައިންއަށް ދަރިފުޅު ބަލަން އިނީ ކަންބޮޑުވެފައި އިން ފަދައަކުންނެވެ. ނުހަނު އަވަހަށް ދަރިފުޅާ ހިނިތުންވުމެއް ހޫރައިން ބަދަލުކޮށްލިއެވެ. ކޯތާފަތުގައިވި ޔޫކްގެ އަތްތިލައިގެ ހިފާލައި ގެނެސް ތުންފަތުގައި ޖައްސާލުމާއެކު ބޮސްދިނެވެ. މަންމަ ސުވާލެއް ކުރުމުގެ ކުރީން ހޫރައިން އަމިއްލަ ނަފްސު ހަމައަކަށް އަޅުވަން މަސައްކަތް ކުރިއެވެ.

އެނބުރި ޔުނިވަރސިޓީއަށް ހޫރައިން އައެވެ. މަސައްކަތު ވަގުތު ނިމި ގެއަށް ދާންވީ ގަޑި ޖެހުނުއިރު ވެސް ދުވަހުގެ ބާކީބައިގަ އޭނާއާ ޒެހެން ބައްދަލެއް ނުވެއެވެ. އިސްވެ ޒެހެންއަށް ގުޅައި ސުވާލުކުރާން ހޫރައިން ބޭނުމެއްނޫނެވެ. އެހެންނޫނަސް ޒެހެންއާއި ޔޫކް ބައްދަލުވި އެ ބައްދަލުވުމަކީ އިއްތިފިގާކަށް ނޫނީ ނުވާނޭ ހޫރައިންއަށް ގަބޫލުކުރެވެއެވެ. ދެމީހުން އެނގެން ފެށީ އަދިކިރިޔާއެވެ. ކައިރީގަ ދިރިއުޅުނެއްކަމަކު އެކަން ކުރީން ނޭނގި އޮތީ ދެމީހުން ވެސް އެކަކުއަނެކަކު ނުދަންނާތީއޭ ހޫރައިން ގަބޫލުކުރިއެވެ.

"ދަރިޔާ އަވަހަށް އާދޭ ދާން. އޮއްސާލަން އެއޮށް ތައްޔާރުވަނީ. ދެން ނޭނގެ ގެއާ ހަމައަށް ފޯރާނޭ ކަމެއް." ގަޑި ނޯޓުކުރާ މެޝިނުގައި ކާޑު ޖައްސާލުމާއެކު އިމާރާތުން ނުކުތް ހަސީނާ ބުނެލިއެވެ. ވިއްސާރަ ވިލާތަކުން ބައްދަމުން އައި އުޑުމައްޗަށް ދޮރުކައިރީ މަޑުކޮށްގެން ހުރި ހޫރައިން ބަލާލިއެވެ. ހަރަކާތް ލަސްވެފައި އޭނާ ހުއްޓާ އަތުގައި ހިފާ ދަމާލީ ހަސީނާއެވެ. އެއާއެކު ހަސީނާގެ ހަލުވި ފިޔަވަޅުތަކާ ހަމަކުރަމުން ހޫރައިން އައެވެ.

"އޮއްސާލާނެ... ޓެކްސީއެއް ހޯދަމާ." ގޭޓުން ނުކުންނަން އުޅެފައި ވެސް ހަސީނާ މަޑުކޮށްލީއެވެ. އުޑުމައްޗަށް ބަލަން ހުރެ އޭނާ ޓެކްސީއެއް ލިބޭތޯ ގުޅަން ފެށިއެވެ.

"ކޮބާ!... މަ ބުނީމެންނު ނުދެވޭނޭ." ޓެކްސީ އަންނަން ދެން ގޭޓުކައިރީ މަޑުކޮށްގެން ހުރި ހަސީނާ ބުނެލިއެވެ. ހޫރައިންއާ ދެ މީހުން ދުއްވައިގަތީ އެތެރެއަށެވެ. ގޭޓު ފެންނަ ހިސާބު އަސްކަނިދަށަށް ވަދެ އެ މީހުން ވާރެއާ ހިޔާވިއެވެ.

ވާރޭ ވެހެން ފެށި ގޮތަށް ތުނިކޮށްލީ ރޭ ވީ ފަހުންނެވެ. ދަރިފުޅު ނިންދަވަން އެނދުގައި އޮތް ހޫރައިންގެ ފޯނުން ގުރުއާނުގެ އަޑު މަޑުވެލި ހިނދު ބަލާލިއެވެ. ފޯނަށް މެސެޖެއް އައީކަން އެނގުނެވެ. ނިދިފައި އޮތް ޔޫކަށް ހިލަމެއްނުވާނެހާ މަޑުމަޑުން ހޫރައިން ކުރުއަތް މައްޗަށް ތެދުވެލިއެވެ. ފޯނުން ފެންނަން އޮތީ ޒެހެންގެ މެސެޖެކެވެ. ހުޅުވާލިއިރު ބުނެފައި އޮތީ ކުޑަދޮރު ހުޅުވާލައި ބޭރު ބަލާލުމަށެވެ. ހޫރައިންއަށް ލިބުނީ ހައިރާންކަމެވެ. އޭނާއަށް ކޮޓަރީގައި ހުރި ކުޑަދޮރާ ދިމާއަށް ބަލާލެވުނެވެ. ޔޫކްގެ ފޮތްކަބަޑު ހުރީ އެ ދިމާގައެވެ. ހެދުން އަޅުވާ ދަނޑި ވެސް ހުރީ އެ ދިމާގައި ބެހެއްޓިފައެވެ.

"ނުބަލަން ދޯ. ކަންނެތްނުވެ ދޭބަލަ. ކުޑަދޮރުން ބޭރު ބަލާލަބަލަ." ހޫރައިންގެ ފަރާތުން ޖަވާބެއް ނައި ނަމަވެސް ޒެހެން ދެވަނަ މެސެޖު ފޮނުވާފައި އޮތެވެ. ކިޔާލުމާއެކު ހޫރައިންގެ ތުންފަތަށް ހިނިތުންވުމެއް ވެރިއްޖެއެވެ. އޭނާ ކުޑަދޮރު ކައިރިއަށް ނުދާކަން ޒެހެންއަށް އެނގުނީތީއެވެ. ހީވީ ކައިރީގަ އޭނާ ފެންނަ ހިސާބުގައި ޒެހެން ހުރީ ހެންނެވެ.

މަޑުމަޑުން އެނދުން ހޫރައިން ފޭބިއެވެ. ކޮޓަރީގައި ހުރި ކުޑަ ރޭޑިޔޯއަށް ޕެންޑްރައިވް ޖަހާލިއެވެ. ފޯނުން ޤުރުއާން ނިއްވާލުމާއެކު ޕެންޑްރައިވް މެދުވެރިކޮށް ކުޑަ ރޭޑިޔޯއިން ޤުރުއާން ޖެއްސިއެވެ. ހެޔޮވަރު ވަރެއްގައި އަޑު ބެހެއްޓުމަށް ހޫރައިން ހިނގައިގަތީ ކޮޓަރިން ބޭރަށެވެ.

ގަޑިން ދިހައެއް ޖަހައިފިއެވެ. ސިޓިންރޫމުގައި ވަނީ ފަނޑު އަލިކަމެކެވެ. ޓީވީ ހުޅުވާފައި ހުއްޓެވެ. ސުމައްޔާ ފެންނާކަށް ނެތެވެ. މަންމަ ކާއެއްޗެހި ހޫނުކުރިތާ އަދި ގިނައިރެއް ނުވާކަން ހޫރައިންއަށް ދެނެގަންނަން އެނގުނީ ހުޅުވާފައި ހުރި ކުޑަދޮރުތަކުންނާއި ތަނުގައި ހިފާލާފައި ހުރި ވަހުންނެވެ. ފޯނު އަތަށް ލައިގެން ހުރެ ތިން ދޮރަށް ވާހެން ކަނޑާފައިވާ ކުޑަދޮރުގެ ކައިރިއަށް ހޫރައިންއަށް ނާދެވެނީ ފޯނަށް އަނެއްކާ ވެސް މެސެޖު އަތުވެއްޖެއެވެ. ހޫރައިން އައިސް މަޑުކޮށްލީ ފޯނަށް ބަލަމުންނެވެ.

"މިހާރު އަހަރެންނާއެކު ހޫރް ހުރި ފަދަ. އަހަރެން މިހުރީ އުސް އިމާރާތެއްގެ ހަތްވަނަ ފަންގިފިލާގަ. ބެލްކަނި އޮތީ ތެމިފަ. އެހެންވެ ދޮރުކައިރީ މިހުރީ މަޑުކޮށްލައިގެން. އެއްވަރަކަށް ވާރޭ ވެހިލަވެހިލާ އޮންނައިރު ކިހާ ހިތްގައިމު. އެއްވެސް އަޑެއް ނީވި ހަމައެކަނި މި ވާރޭގެ އަޑު އިވޭނެނަމަ. މާލެ ދޯ މީ. ދުއްވާއެއްޗެއްގެ އަޑު ނީވޭ ވަގުތެއް ނާންނާނެ. ހޫރް... އެނގޭތަ!... އަޅާނުލާ. މިރޭ ބާއްޖަވެރި ރޭގަނޑަކަށް އެދުމަށްވުރެ ތަންކޮޅެއް ވާހަކަ ގިނަވެއްޖެ ދޯ. ސޮރީ... މިރޭ މާ ބޮޑަށް ހޫރްމަތިން ހަނދާންވަނީ. ސޮރީ... ދެން އުނދަގުލެއް ނުކުރާނަން. އަވަހަށް ނިދާލާ. އިންޝާﷲ، ހެނދުނުން ބައްދަލުވާނެކަމަށް އުންމީދުކުރަން. މިރޭ ރީތި ހުވަފެނެއް ބަލައްޗޭ."

ފުން ނޭވާއެއް ހޫރައިން ދޫކޮށްލިއެވެ. އޭނާގެ ނަޒަރު ކުޑަދޮރުން ބޭރަށް ހުއްޓުނެވެ. ވެހެމުންދިޔަ ވާރޭއަށް ބަލަން ފެށިއެވެ. ދޭތެރެއަކުން އިސްއުފުލާ އުޑުމަތި ބަލާލައެވެ. ވަށާފާރާއި މައިގެއާ ދެމެދު ހެދެމުންދިޔަ ކުދި ފެންކޯރުތަކަށް ހޫރައިންގެ ނަޒަރު އަމާޒުވެލިއެވެ. ވެލިގަނޑުގެ ތެރެއިން ފެންތައް އަމިއްލައަށް މަގު ހަދަމުންދިޔަ މަންޒަރު ފެނެއެވެ. އެ ހަރު ބިންގަނޑަށް ވެސް ހަރުކަން މަތީ ނޯވެވުނެވެ. ފެނާއެކު ފަސްގަނޑު މަޑުވާން ފަށައިފިއެވެ. ހޫރައިންއަށް މަޑުމަޑުން ހިއްލާލެވުނު ކާނާއަތްތިލަ ގެނެސް މޭގައި ޖައްސާލެވުނެވެ.

"ކައިވެންޏެއް ނުކުރާން އަޒުމް ކަނޑައެޅީ އަމިއްލަ. ހަޔާތުގައި އެއީ މުހިންމު ކަމެއްނޫންކަން ނިންމީ ވެސް އަހަރެން. ދެން ކީއްވެ މިހެން މިވަނީ... އަހަރެންގެ އެ ނިންމުން ގޯހީތަ؟. ކީއްވެ ޒެހެން... އޭނާ އެހެން މީހުންނާ ތަފާތުވަނީ ކީއްވެ؟."

"ހޫރައިން." ސޯފާގައި އޮވެފައި ސުމައްޔާ ތެދުވެލިއެވެ. ކުޑަދޮރު ކައިރީ ހޫރައިން އައިސް ހުއްޓިލިއިރު ވެސް ސުމައްޔާއަށް ފެނުނެވެ. ފޯނަށް ބަލަން ހުރެފައި ވާރޭގެ ތެރެއަށް އެ ދަރިފުޅުގެ ހިޔާލުތައް ދޫކޮށްލީތަން ވެސް އޭނާ ދުށްޓެވެ. އެގޮތުގައި ހިމޭންވެފައި ގިނައިރުވާން ފެށުމުން ގޮވާލެވުނީއެވެ. ހޫރައިންއަށް ސިހުމެއް ލިބުނެވެ. ސުމައްޔާ އޮތޯ ސޯފާގައި އޮށޯވެލައިގެން ކަމެއް ހޫރައިން ނުދެނަހުއްޓެވެ.

"ނުނިދަންތަ؟" ސުމައްޔާ އަނެއްކާ ވެސް އަހާލިއެވެ. ހޫރައިން ހޫން ލައްވާލުމުން އައިސް ބަލާށޭ ސުމައްޔާ ބުނެލިއެވެ. މަންމަ އިން ސޯފާގައި ހޫރައިން އައިސް އިށީނެވެ. ޓީވީގެ އަޑު ސުމައްޔާ މަޑުކޮށްލިއެވެ.

"މަންމައާ ވާހަކަދައްކާލެއް މަދުވެއްޖެ. ހޫރް ހިތްހަމަނުޖެހޭ ގޮތަކަށް މަންމައަށް ކަންތައް ކުރެވެނީތަ." ހޫރައިންގެ ކޮނޑުގައި މަޑުމަޑުން ސުމައްޔާ ފިރުމާލިއެވެ.

"މަންމައެއްނޫން." ހޫރައިން އިސްޖަހާލައިގެން އިނދެ މަޑުމަޑުން ބުނެލިއެވެ.

"ދެން ކާކު؟ ކޮންކަމަކާ އަބަދު ތި ވިސްނަނީ. ހަމްދޫނު އެ ދުވަހު ދެއްކި ވާހަކައިންތަ؟. އަދިވެސް އެކަމާ ފިކުރު ކުރަނީތަ؟. އެކަކުވެސް ދަރިފުޅަށް މަޖުބޫރެއްނުކުރާނެ. މަންމަ ހުއްޓާ މަޖުބޫރެއް ނުވެސް ކުރެވޭނެ." ސުމައްޔާ ބުންޏެވެ.

"މަންމާ!... ކީއްވެ އަސްލު ކައިވެންޏެއް ކުރާށޭ މަންމަ ތިބުނަނީ. މިހާރު އަހަރެމެން މިއުޅޭ ގޮތަށް ނޫޅެވޭނީތަ؟" ހޫރައިންއަށް އަހާލެވުނެވެ.

"ހޫރް ދަރުސް އަޑުއަހާތަން މަންމައަށް ފެނޭ. ކައިވެންޏާ ބެހޭ ގޮތުން ނިކަން ދަރިފުޅު ހޯދާ ބަލާލަބަލަ. ދީނުގައި ކައިވެންޏަށް ބާރު އަޅާފައި އޮތް މިންވަރު އެނގިދާނެ. ފަންސަވީސް އަހަރަކީ އަދި ކައިވެންޏެއް ނުކޮށް ހުންނަންވީ އުމުރެއްނޫން. އަންހެނަކު އެކަނި ހުރުމަށްވުރެ ލިބޭ ރައްކާތެރިކަމެއް ފިރިއަކު ހުރުމަކީ. ހަޔާތުގައި ކަންކަން ހިއްސާކުރާނޭ ބައިވެރިއަކު ހުރުމަކީ ވެސް ނުހަނު ބޮޑު ނިޢުމަތެއް. ހޫރައިން ބިރުގަންނަ ކަންތައް ވެސް މަންމައަށް އެނގޭ. ފިރިހެނުންނާއި އަންހެނުންގެ ތެރޭގައި ވެސް ދެވައްތަރުގެ މީހުން އުޅޭ. ރަނގަޅު މީހުންނާއި ޝައިތާނުންހާ ނުބައި މީހުން. ހުރިހާ އެންމެން އެއްގޮތެއްނުވާނެ. މަންމަ ހާދަ ދުޢާއެއް ކުރަމޭ... މަންމަގެ ހޫރައިންއަށް ރަނގަޅު ދިރިއުޅުމެއް ލިބޭތޯ. ހޫރްދެކެ ލޯބިވާނެ ތި ދެމައިން ރައްކާތެރިކޮށްދޭނޭ ސާލިހު ފިރިއަކު ދަރިފުޅަށް ދެއްވާތޯ."

"މަންމައާ މިއަދު ހެނދުނު މީހަކާ ބައްދަލުވިތަ؟" ސުމައްޔާގެ ވާހަކަ ނުނިމެނީސް ހޫރައިން ސުވާލުކުރިއެވެ.

"ހޫމް... ހޫރްގެ ރަޙުމަތްތެރިއެކޭ ބުނީ. މަންމައަށްވުރެ ކުރީން ޔޫކް އެމީހާ ދެނެގެންފި." ސުމައްޔާ ބުންޏެވެ.

"ދެން ކީއްވެ ނޭހީ އެއީ ކާކުތޯ؟. އަޒްހަދަށްފަހު މަންމަގެ ކުރިމަތީ އަހަރެންގެ ރަހުމަތްތެރިއެކޭ ފިރިހެނަކު ބުނި މީ ފުރަތަމަ ފަހަރު. މަންމަގެ ހިތަށް އުނދަގުލެއްނުވިތަ؟. އަހަރެން ދަންނަ ފިރިހެނަކު ނުހުންނާނެއޭ ބުނެ އޭނާގެ ވާހަކަ ދޮގުކުރާކަށް ބޭނުމެއްނުވިތަ؟. މި ހޫރައިން ފިރިހެނަކާ ވާހަކަނުދައްކާނޭ ހިތަކަށް ނާރާތަ." ހޫރައިންއަށް މަންމައާ ދިމާއަށް އެނބުރިލެވުނެވެ.

"ތި ހުރިހާ ސުވާލެއް ހިތަށް އެރި. އެކަމަކު އެއަށްވުރެ ބޮޑަށް ހިތަށް އެރީ މީ ﷲގެ ނިންމެވުމެކޭ. ނޭނގުމެއްގައި ބައްދަލުވި ބައްދަލުވުމަކުން އަހަންނަށް ފެނުނު ކަންތައްތަކުގައި ހެވެއް އޮތީހެން ހީވެޔޭ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ، ފެނުނު ކަންތައްތަކާއި އެ ޒުވާނާގެ ކަންތަކުގައި އަހަރެން ﷲއަށް ވަކީލުކުރީ. ﷲގެ ރޭއްވެވުން މަތިވެރިވެގެންވޭ. އެކަމުގައި އަހަރެމެންނަށް ކުރެވޭނޭ ކަމެއް ނޯންނާނެ."

"ޒެހެން... އެއީ ޒެހެން... މަންމާ. މަންމަގެ ދުޢާ އިޖާބަކުރައްވައިފި." ހޫރައިންއަށް ރޮވެން ފެށުނެވެ. މޫނުގައި ދެއަތް އަޅައި ނިވާކޮށްލިއެވެ. އަމިއްލަ މީހާއަށް އަންނަމުންދިޔަ ބަދަލާމެދު ހޫރައިން ބިރުގަންނަނީއެވެ. މީހެއްގެ ނުފޫޒުގައި އަމިއްލަ ނަފްސު ބެހެނީއޭ ހީވާތީއެވެ. މީ ރަނގަޅު ގޮތެއް ނޫނޭ އޭނާއަށް ހީކުރެވެނީއެވެ.

"ހިތްހެޔޮ އަލި މޫނެއް... މަންމަ ފެނުމުން ފުރަތަމަ އިސްވެ ސަލާމް ގޮވާލީ އޭނާ." ހިތްހަމަޖެހިފައިވާ ހިނިތުންވުމެއް ސުމައްޔާގެ ތުންފަތުގައި ވިއެވެ. އޭނާ ހުރާއިންގެ ބޮލުގައި ފިރުމާލިއެވެ. ދަރިފުޅު ގެނެސް ގަޔާ ކައިރިކޮށްލިއެވެ.

"އަހަންނަކަށް ނޭނގުނު... ހަދަންވީ ކިހިނެއްކަމެއް ނޭނގުނު..." ރޮމުން ހޫރައިންއަށް ބުނެލެވުނެވެ. އެތައް އަހަރެއް އެކަނި އުޅުމަށްފަހު ހަޔާތުން އެހެން މީހަކަށް ޖާގަދޭންވުމުން އިންތިހާއަށް ހޫރައިން ޖެހިލުންވަނީއެވެ.

ހިތަށް ވެރިވި ނުތަނަވަސްކަން ލުއިވަންދެން ހޫރައިންއަށް ރޮވުނެވެ. އެ ހުރިހާއިރު މަންމަ އޭނާގެ ގައިން ދޫކޮށެއް ނުލައެވެ. ކަރުނަ ހުއްޓި މަޑުމަޑުން ހޫރައިން ދުރަށް ޖެހިލިއެވެ. މަންމަ އޭނާ ކައިރީ ބުނީ ނޭފަތް ފޮޅާލައި މޫނުގައި ފެންފޮދެއް ލައިގެން އައުމަށެވެ. މަންމަގެ ކުރިމަތީ އަދިވެސް އެއީ ކުޑަކުއްޖެއް ފަދައެވެ. ތެދުވެގެން ސިންކުދޮށޮށް ދިޔައެވެ. ބަދިގޭގަ ހުރި ޓީޝޫ ރޯލުން ޓިޝޫ ނަގައި ނޭފަތް ސާފުކޮށްލިއެވެ. ދެން ސިންކުގެ އިސްކުރުން މޫނުގައި ފެންލައި ރަނގަޅަށް ތެތްމާލިއެވެ. ފިނިރެއެއްގައި އިސްކުރުގެ ފެން ވެސް ހުރީ ފިނިވެފައެވެ. އެ ފިނިކަމުން ހީކެރުވުމަށްވުރެ ހޫރައިންއަށް އިހްސާސް ކުރެވުނީ އަރާމުކަމެވެ. އެނބުރި ސޯފާގައި އައިސް ހޫރައިން އިށީނެވެ. ކުޑަދޮރުތައް ލައްޕައި ފަރުދާ ދަމާލާފައި މަންމަ އައިސް ކުރީން އިންތަނުގައި އިށީނެވެ. ޓީވީ ނިވާލުމާއެކު އިހުނަށްވުރެ ތަނަށް އަނދިރިކަން ވެރިވިއެވެ. ވާރޭވެހޭ އަޑު ކަނޑައިގެން ނުދެއެވެ. ފަރުވާތެރިކަމާއެކު ހޫރައިންއަށް ބަލާލަމުން ޒެހެންއާ ބެހޭ ގޮތުން ސުމައްޔާ ސުވާލުކުރިއެވެ. ދެމީހުން ބައްދަލުވީ ކިހިނެއްކަމާއި ދެމެދުގައި ޒެހެން ސިފަ ކުރާފަދަ އެކުވެރިކަމެއް އުފެދުނު ގޮތް ހޫރައިން ކިޔާދިނެވެ. މަންމައަށް އެއްވެސް ކަމެއް އޭނާ ނުފޮރުވިއެވެ. ޒެހެންގެ މަޤްޞަދަކީ ކޮބައިކަން ސާފުކޮށްދިނެވެ. ޒެހެން ބަލައިގަންނަން ހިތް ބުނާތީ އެކަމާ ހޫރައިން ޖެހިލުންވާވަރު ހާމަކުރިއެވެ. ޒެހެންގެ ފަރާތުން ފެންނަ ހުރިހާ ކަމަކީ މޫސުމީ ދަޅައެއްކަމުގައި ވެދާނޭ ހީވެ ގަންނަ ބިރު ހޫރައިން ކިޔާދިނެވެ. މީހުންނަށް އިތުބާރުކުރާނީ ކިހިނެއްތޯ މަންމަ ކައިރީ ހޫރައިންއަށް ސުވާލު ކުރެވުނެވެ. އެހެން އަންހެނުން ފަދަ އަންހެނަކަށް އޭނާ ނުވެޔޭ ބުނެލިއެވެ. ހަށިގަނޑުގެ ރީތިކަމެއް ނެތޭ ބުނެވުނެވެ. އަނބުރިވެރި އަންހެނަކަށް ވެސް ނުވެޔޭ ބުނެލިއެވެ. ޚިޔާލުތަކުން ސަލާމަތް ނުވެވި ހާސްކަމުގެ ތެރޭ ދަރިފުޅުގެ ކެތްތެރިކަން ގެއްލެނީކަން ސުމައްޔާއަށް އެނގުނު ހިނދު ދަރިފުޅުގެ ދެއަތުގައި ބާރަށް ހިފަހައްޓާލަމުން ގޮވާލިއެވެ. އެ ދަރިފުޅުގެ ފުރިހަމަ ސަމާލުކަން ހޯދިއެވެ.

"އަހަރެމެންނަށް ބާރުނުފޯރުވޭނެ ކަންކަން ދޫކޮށްލަންވީ ކޮންފަރާތަކަށް." ސުމައްޔާ ސުވާލުކުރިއެވެ. ހޫރައިން ވަގުތުކޮޅަކަށް ހިމޭންވިއެވެ. މަންމަގެ ލޮލަށް ބަލަން އިނުމަށްފަހު މަޑުމަޑުން ﷲ އޭ ބުނެލައިފިއެވެ.

"މި ދުނިޔެއަކީ ކޮންކަހަލަ ތަނެއް؟. ތަޤްވާވެރި އަޅުންނާމެދު ﷲ ކަންތައްކުރައްވަނީ ކިހިނެއް؟." ސުމައްޔާ ސުވާލުކުރިއެވެ. ކުރިމަތީ އިން ޅަކުއްޖަކާ ސުވާލުކުރާ ފަދައެވެ.

"އިމްތިހާނުތަކުން ފުރިފައި." ސުމައްޔާ އަބަދު ކުރާ ސުވާލަކަށް ޖަވާބުދޭން އާދަވެފައިވާ ފަދައަކުން ހޫރައިން ބުނެލިއެވެ.

ދުނިޔޭގައި އުޅޭއިރު ގޮތެއް ނިންމަން އުނދަގޫވާ ކިތަންމެ ވަގުތެއް އަތުވެދާނެކަން ސުމައްޔާ ބުނެލީ ދަރިފުޅަށް ވިސްނައިދެމުންނެވެ. އިންސާނާގެ ދިރިއުޅުމުގައި ބޮޑެތި ނިންމުންތައް ނިންމަން އުނދަގޫވާ ވަގުތުތަކުގައި އެކަމަށް އެންމެ ފުރިހަމަ ހައްލެއް ހޯދައިދެވޭނެ ފަރާތަކީ އިންސާނުން ޚަލްޤުކުރެއްވި ފަރާތްކަމާމެދު ޝައްކެއްނެތޭ ސުމައްޔާ ބުންޏެވެ. ކަމަކަށް ދަތިވެއްޖެނަމަ އެންމެ ފުރަތަމަ ވެސް ހަނދާން ކުރަންޖެހޭ ފަރާތަކީ ﷲ ތަޢާލާއެވެ. މީގެ ކުރީން ދަރިފުޅަށް ބުނެ ނުދެވި އޮތް ކަމެއް ސުމައްޔާ ކިޔާދިނެވެ. އިސްތިޚާރާ ނަމާދު ކުރުމަށެވެ. ތިބާއަށް ހެޔޮކަން ބޮޑީ ކޮންގޮތެއްކަން އޭރުން ސާފުވާނޭކަން ސުމައްޔާ ބުންޏެވެ. އަދި ހަޔާތުގައި ދިމާ ކަންކަމުގައި ވަކިގޮތެއް ޚިޔާރުކުރަން ދަތިވެއްޖެނަމަ އިސްތިޚާރާ ނަމާދު ކުރުމަށް ސުމައްޔާ ބުންޏެވެ.

އެރޭ ނިދުން ފަސޭހަކަމަކަށް ހޫރައިންއަށް ނުވިއެވެ. އެހެންވެ މަންމަ ދެއްކި ވާހަކައާ ގުޅޭ ގޮތުން އިތުރަށް ހޯދާ ބެލިއެވެ. އިސްތިޚާރާ ނަމާދާ ބެހޭ ގޮތުން ދައްކާފައި ހުރި ވީޑިއޯތަކާއި ލިޔުންތަކެވެ. އަދި އެ ނަމާދު ކޮށްފައި ތިބި ބައެއް މީހުންގެ ތަޖުރިބާތަކެވެ.

ޔުނިވަރސިޓީއަށް ދާން ތައްޔާރުވަމުން ހޫރައިން ދިޔައެވެ. ރޭގައި ނިދުނީ ކުޑަ ވަގުތުކޮޅަކުއެވެ. އޭނާ ހުރީ ހިތް އަވަސްވެފައެވެ. ދުވަހާ ކުރިމަތިލާން ތައްޔާރެއްކަމަކު އޭނާއާ ކުރިމަތިވާނޭ ކަންކަމާމެދު މާބޮޑަށް ވިސްނެނީއެވެ. ﷲ ދައްކަވާނީ ކޮންކޮން އިޝާރާތެއްބާއޭ ހިތަށް އަރަނީއެވެ. ވަގޮތަކަށް ހީކުރަން ވެދާނެތޯ އަމިއްލަ ނަފްސާ ސުވާލު ވެސް ކުރެވެނީއެވެ.

"ހޫރައިން... ކުޑަ ހިފައިގެން ދާންވީނު." ގެއިން ނުކުންނަން އުޅުނު ދަރިފުޅަށް ސުމައްޔާ ގޮވާލިއެވެ.

"އެކަމަކު އޭރުން މަންމަ ކިހިނެއް ދާނީ." ގޭގައި އިނީ އެންމެ ކުޑައެއްވީމާ ހޫރައިންއަށް ބުނެލެވުނެވެ.

"އަހަރެން ދާ މަގުމަތީ މިއަދު ކުޑައެއް ގަންނާނަން." ސުމައްޔާއަށް އެއްޗެކޭ ނުބުނެވެނީސް ހޫރައިން ބުނެލިއެވެ. ސިޓިންރޫމު ދޮރު ކައިރިއަށް އައިސް އުޑުމައްޗަށް ސުމައްޔާ ބަލާލިއެވެ.

"ނުތެމި ދެވޭނެ. އެހާ ބޯކޮށެއްނޫން ވެހެނީ." ސުމައްޔާގެ ހަރަކާތްތައް ފެނި ހޫރައިން ބުނެލިއެވެ.

"ބަލައިގެން ދާތި." ހޫރައިގެން އަތުގައި ސުމައްޔާ ފިރުމާލިއެވެ. އަދި ދޮރޯށިން ދަރިފުޅު ނުކުންނަންދެން ޔޫކްއާއި ސުމައްޔާ ސިޓިންރޫމް ދޮރު މަތީ ތިއްބެވެ.

ދޮރޯށި ލައްޕާލި ވަގުތު ހޫރައިންއަށް ދޮރާ ކައިރިއަށް ޖެހިލެވުނީ ސިހިފައެވެ. ކަޅުކުލައިގެ ކާރެއް ކުއްލިއަކަށް އައިސް އެ ދިމާއަށް މަޑުކުރީމައެވެ. ސީދާ ގޭގެ ދޮރުމައްޗަށް ވާހެނެވެ. ކަޅުބިއްލޫރީގެ ސަބަބުން ކާރުގެ އެތެރެއެއް ނުފެނެއެވެ. ހޫރައިން އެ ކާރާއި ފާރާ ދޭތެރެއިން ދާން ހިނގައިގަތް ވަގުތު ކުރީ ދޮރުފަތުގެ ބިއްލޫރިގަނޑު ތިރިކޮށްލައި ހޫރައިންއަށް ގޮވާލައިފިއެވެ. (ނުނިމޭ)