އައްޑޫ ސިޓީ ކައުންސިލް

އައްޑޫގެ ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއް ޗައިނާއާ ތުރުކީ ކުންފުންޏަކަށް

Jan 13, 2022
1

އައްޑޫ ސިޓީގައި 1000 އާއި 2000 އާއި ދެމެދުގެ ސޯޝަލް ހައުސިންގް ޔުނިޓް އެޅުމަށް ސޮއިކޮށްފި އެވެ.

އައްޑޫ ސިޓީ ކައުންސިލްގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މިމަޝްރޫއުގެ ފްރޭމްވޯކް އެއްބަސްވުމުގައި ސޮއި ކުރީ ޗައިނާގެ ބީޔޫސީއެންޖީ ކުންފުންޏާ އެކު އެވެ.

އައްޑޫގައި ރެސިޑެންޝަލް ހައުސިން ޔުނިޓް އެޅުމަށް ތުރުކީގެ ވިޒްޔޮން ވިލާ ކުންފުންޏާ އެކު ވެސް އައްޑޫ ސިޓީ ކައުންސިލުން މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ.

އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއި ކުރެއްވީ އައްޑޫގެ މޭޔަރު އަލީ ނިޒާރު އެެވެ.

އެއްބަސްވުންތަކާ ގުޅޭގޮތުން އަވަސް އަށް މައުލޫމާތު ދެއްވަމުން އައްޑޫގެ މޭޔަރު ނިޒާރު ވިދާޅުވީ ތުރުކީ ކުންފުނީގެ މައިގަނޑު މަސައްކަތަކަށް ވާނީ އައްްޑޫގައި މީހުން ދިރިއުޅެން ދޫކޮށްފައިވާ އެކަމަކު ތަފާތު ސަބަބުތައް މެދުވެރިވެގެން އަދި ދިރިނޫޅޭ ގޯތިތަކުގައި އިމާރާތްތަކެއް އެޅުން ކަމަށެވެ. އެގޮތަށް ހުރި ގޯތިތަކުގެ ވެރިންނާ ތުރުކީ ކުންފުންޏާ އެކު ވެވޭ އެއްބަސްވުންތަކަށް ފަހު ގިނަ ވެގެން ތިން މަސް ތެރޭގައި އެ މަސައްކަތް ފަށާނެ ކަމަށްވެސް ވިދާޅުވި އެވެ.

"އެ ކުންފުނީގެ މޮޑެލްތައް ހަފްތާއެއް ދެ ހަފްތާއެއްގެ ތެރޭގައި އަޅުގަނޑުމެންނަށް ލިބުމުން ރައްޔިތުންނަށްވެސް އެ މައުލޫމާތު ހިއްސާކޮށްލެވޭނެ،" ނިޒާރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޗައިނާ ކުންފުންޏާ އެކު އަދި އެއްބަސްވުމެއް ހެދީ ސޯޝަލް ހައުސިން މަޝްރޫއު ކުރިއަށް ގެންދެވިދާނެ ގޮތްތަކެއް ހޯދަން ކަމަށްވާތީ ފްލެޓް އަޅާނެ އަދަދެއް އެނގޭނީ އެ މަސައްކަތް ނިމުމުން ކަމަށެވެ. ސޯޝަލް ހައުސިންގެ މަސައްކަތް އައްޑޫގައި ކުރިއަށް ގެންދާނީ ބީޔޫސީއެންޖީގެ ފަރާތުން ކަމަށާއި އެ ކުންފުނީގެ މަސައްކަތް ފެށޭނެ ސީދާ ދުވަހެއް އަދި މިވަގުތު ދަންނަވަން ދަތި ކަމަށްވެސް ވިދާޅުވި އެވެ.

"ތުރުކީ ކުންފުނި ވެސް އަދި ޗައިނާ ކުންފުނީގެ މަސައްކަތްތައް ވެސް ވަކި ރަށެއް ތަފާތުނުކޮށް އައްޑޫގެ ހުރިހާ ރަށެއްގައިވެސް ކުރިއަށް ގެންދާނެ،" ނިޒާރު ވިދާޅުވި އެވެ.

މޭޔަރު ނިޒާރު މީގެކުރިން މީޑިއާގައި ވިދާޅުވި ގޮތުގައި އައްޑޫ ސިޓީ ކައުންސިލްގެ މިދައުރުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލެއް ހޯދުމަށެވެ. އެގޮތުން އައްޑޫގައި މަދުވެގެން 2،000 ފްލެޓް އެޅިއްޖެނަމަ ބޯހިޔާވަހިކަމުގެ މައްސަލަ އަށް މިވަގުތަށް ވަރަށް ބޮޑު ހައްލެއް ލިބޭނެ ކަމަށްވެސް ވިދާޅުވި އެވެ. ގޯތީގެ ބަދަލުގައި ޖާގަ ތަނަވަސް އަދި އަތްފޯރާ ފަށުގައި ހުންނަ ފްލެޓަށް އިސްކަން ދޭން ޖެހޭ ކަމަށްވެސް ނިޒާރު ވިދާޅުވެފައިވެ އެވެ.