ޕީއެސްއެމް

ކޮމަންޑޫ ދާއިރާގެ ބަހުސް މިމަހު 25 ގައި

Jan 13, 2022

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ބަހުސެއް ބޭއްވުމަށް ދައުލަތުގެ މީޑިއާ -- ޕީއެސްއެމް އިން ނިންމައިފި އެވެ.

ބަހުސް ބޭއްވުމަށް ނިންމާފައިވަނީ މިމަހުގެ 25 ވަނަ ދުވަހުގެ ރޭ 9:00 ޖަހާއިރު އެވެ. ޕީއެސްއެމް ނިއުސްއާއި ޓީވީއެމްއާއި ދިވެހިރާއްޖޭގެ އަޑުން ބަހުސް ލައިވް ކުރުމަށް ނިންމާފައިވެ އެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވަނީ އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދާއި ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާއި އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީސް އެވެ.

ކޮމަންޑޫ ދާއިރާގެ ތިން ރަށް ކަމަށްވާ ކޮމަންޑޫ، މަރޮށި، ފޯކައިދޫގެ އިތުރުން މާލޭގައި އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ އަންނަ މަހުގެ ފަސްވަނަ ދުަވަހު އެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި 3،309 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ އެ ދާއިރާގެ މެންބަރެއްގެ ގޮތުގައި ހުންނެވި ހުސައިން ވަހީދު މިދިޔަ މަހުގެ 14 ވަނަ ދުވަހުގެ ރޭ އަވަހާރަވުމާ ގުޅިގެންނެވެ.

ހުސައިން ވަހީދު ކޮމަންޑޫ ދާއިރާގެ ގޮނޑި އޭރު އެމްޑީޕީއަށް ކާމިޔާބު ކޮށްދެއްވީ އޭނާއާ ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް 332 ވޯޓްގެ ބޮޑު ތަފާތަކުން ބަލިކުރުމަށްފަހު އެވެ.