ގޯވިންދާގެ އަޑުން ކިޔައިދީފައިވާ "ހަލޯ" ލަވަ ރިލީޒްކުރުމާއެކު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އޭނާއަށް މަލާމާތް ކުރަން ވަނީ ފަށާފަ އެވެ.
ބުދަ ދުވަހު ސޯޝަލް މީޑިއާގައި މި ލަވައިގެ ވާހަކަ ހިއްސާ ކުރީ ވެސް ގޯވިންދާ އެވެ.
"ހުރިހާ އެކުވެރިންނޭ. އަހަރެން ކިޔާފައިވާ ތިން ވަނަ ލަވަ މިހާރު އަހަރެންގެ ޔޫޓިއުބު ޗެނަލް ގޯވިންދާ ރޯޔާލްސް އިން ބަލާ ލެވޭނެ. ހުރިހާ އެންމެންނަށް ވެސް ލަވަ ވަރަށް ކަމުދާނެ ކަމަށް އުންމީދު ކުރަން،" ގޯވިންދާގެ މެސެޖުގައި ބުނެފައި ވެއެވެ.
ގޯވިންދާ އާއެކު "ހެލޯ" ލަވައިގައި ހަރަކާތްތެރިވަނީ ނިޝާ ޝަރުމާ އެވެ. މި ލަވައިގައި ފެންނަނީ ގޯވިންދާ ލަވަ ކިޔަމުން ނަށަމުން ގެންދާތަނެވެ. ނިޝާ ވެސް އޭނާ އާ ފައި ހަމަކުރެވޭތޯ މަސައްކަތް ކުރަމުންދާތަން ފެނެ އެވެ.
މި ލަވަ ބަލާފައި ބައެއް މީހުން ގޯވިންދާ އަށް ތައުރީފު ކުރިޔަސް ގިނަ މީހުން ކުރަން ފެށީ މަލާމާތެވެ. މަލާމާތްކޮށް ކޮމެންޓުކުރި އެކަކު ބުނީ ގޯވިންދާގެ ބުއްދި ފަސްވެފައިވާ ކަމަށެވެ.
"ކަލޭ މިހާރު ދެން މި ކަހަލަ ކަންތައް ކުރާތަން ފެނުނީމަ ލަދުގަނޭ. 'ޕާޓްނާ' އަކީ ވަރަށް ރީތި ފިލްމެއް. އެހިސާބުން ރިޓަޔަކޮށް ކުރެވުނު މަސައްކަތްތަކަށް ހިތްހަމަޖައްސާލައިގެން ހުރިނަމަ މާ ރަނގަޅުވީސް. އަމިއްލައަށް ބޮޑު ޖޯކަކަށް ހެދެނީ މިހާރު ތި،" ގޯވިންދާއަށް މަލާމާތްކޮށް މީހަކު ކުރި ކޮމެންޓެއްގައި ވެއެވެ.
އެހެން މީހަކު ކުރި ކޮމެންޓެއްގައި ބުނީ ގޯހުން ގޯހަށް ހުރިހާ ކަމެއް ދާ ކަމަށާއި އެކްޓިން ހުނަރު ވަރަށް ރަނގަޅަށް ލިބިފައި ވިޔަސް މިހާރު ގޯވިންދާ އުޅެނީ ސިކުނޑި ގޯސް ވެގެން ކަމަށެވެ.
"90ގެ ޑާންސް ސްޓައިލަށް އަދިވެސް ތި ނަށަނީ ކީއްކުރަން. މިހާރު މީ 2022 އޭ. 90ގެ އަހަރު ތަކެއް ނޫނޭ،" މަލާމާތުގެ ކޮމެންޓުތައް ކުރި އެހެން މީހަކު ބުނެފައި ވެއެވެ.