ކަޒަކިސްތާންގެ އަމަން ބަލަހައްޓައިދޭން ދިއަ ރަޝިއާ ސިފައިން ފައިބަނީ އެވެ. ރަޝިއާ ސިފައިންނާ އެކު "ކަލެކްޓިވް ސެކިޔުރިޓީ ޓްރީޓީ އޮގަނައިޒޭޝަން" (ސީއެސްޓިއޯ) އަށް ނިސްބަތްވާ ގައުމުތަކުން ފޮނުވި އަސްކަރީ ފައުޖުތައް ވެސް ކަޒަކިސްތާނުން ފައިބާނެ އެވެ.
ކަލެކްޓިވް ސެކިޔުރިޓީ ޓްރީޓީ އޮގަނައިޒޭޝަން އަކީ ކުރީގެ ސޯވިއެޓް ޔޫނިއަންގައި ހިމެނޭ ދައުލަތްތަކުން އުފައްދައި ހިންގާ ސެކިޔުރިޓީ އެއްބާރުލުމެކެވެ. މައިގަނޑު އަސާސަކީ މެމްބަރު ގައުމެއްގައި މަސްލަހަތު ގެއްލޭ ފަދަ ކަމެއް ހިނގާ ނަމަ އެހީތެރިވެ ދިނުމެވެ.
ސީއެސްޓީއޯގައި ހިމެނެނީ ހަގައުމެކެވެ. އެ ގައުމުތަކަކީ ރަޝިއާ އާއި ކަޒަކިސްތާނާއި އަރުމޭނިއާ، ކްރިގިސްތާނާއި ތަޖިކިސްތާން އަދި އުޒްބެކިސްތާން އެވެ.
ކަޒަކިސްތާންގައި މަގުތަކަށް ނުކުމެ ހަމަނުޖެހުން ހިންގައި އިމާރާތްކާއި އެއްގަމު އުޅަނދުތަކުގައި ހުޅުޖެހުމުގެ ސަބަބުން މުޅި ގައުމުގައި އަމަން އޮތީ ގެއްލިފަ އެވެ.
ޖެނުއަރީ ދޭއްގައި އާންމުން މަގުތަކަށް ނުކުމެ ހަމަނުޖެހުން ހިންގަން ދެއްކި އުޒުރަކީ ސަރުކާރުން ގޭހުގެ އަގުބޮޑުކުރުމެވެ. އަގު ބޮޑުވާން ދިމާވި ސަބަބަކީ ސަރުކާރުން ދެމުން ގެންދިއަ ސަބްސިޑީޒް ކަނޑާލުމެވެ.
ކަޒަކިސްތާންގެ ރައީސް ގާސިމް ޒަމާރަތު ތަކަޔޭފް ވިދާޅުވި ގޮތުން ގޭހުގެ އަގު ބޮޑުކުރުން ސަބަބަކަށް ހަދައި މަގުތަކަށް ނުކުތް މީހުން ފަހުން އުޅުނީ ބަޣާވާތަކުން ސަރުކާރު ވައްޓާލާށެވެ.
ގާސިމް ވިދާޅުވީ ސީއެސްޓޯއީގެ އެހީއަށް އެދެން ޖެހުނީ އާންމުންނާ ގުޅިގެން ގައުމުން ބޭރުގައި ތިބި ބައެއްގެ އެޖެންޑާ ތަންފީޒުކުރަން އުޅޭ ކަމަށް ލިބުނު ޖާސޫސީ މައުލޫމާތުގެ ސަބަބުން ކަމަށެވެ.
ކަޒަކިސްތާނަށް ސުލްހަ ބަލައްތާ ފައުޖުތައް އެރުމުން އެމެރިކާ ވަރަށް ކަންބޮޑުވި އެވެ. އެމެރިކާ ބުނި ގޮތުން ރަޝިއާ އިސްވެ އޮވެ ތަނަކަށް ސިފައިން ފޮނުވައިފި ނަމަ އެބަޔަކު ދެން ދުވަހަކު ވެސް ނުފައިބާނެ އެވެ.
އެހެން ނަމަވެސް، ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން މިހާރު ވަނީ ސުލްހަ ބަލަހައްޓާ ފައުޖުތައް ޕްލޭނާ އެއްގޮތަށް ކަޒަކިސްތާނުން ބާލަން އަމުރުކޮށްފަ އެވެ.
ރަޝިއާގެ އަސްކަރީ ވަޒީރު ސަރުގޭ ޝޮއިގޫ އާއި ޕޫޓިން ބައްދަލު ކުރައްވައި ކުރެވުނު މަޝްވަރާގައި ޖެނުއަރީ 19 އިގެ ކުރިން ސިފައިން ބާލައި ނިންމަން ވަނީ ތާވަލުކޮށްފަ އެވެ.
ވަޒީރު ވިދާޅުވި ގޮތުން ކަޒަކިސްތާނުން ސިފައިން ބޭލުމަށް ރަޝިއާއިން 14 މަތިންދާބޯޓު ފޮނުވާނެ އެވެ. އަދި ފައުޖުތައް ބޭލުމަށް އެހެން ގައުމުތަކަށް ވެސް އެހީތެރިވާނެ އެވެ.