ދުނިޔެ

އަރުމީނިއާއަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ މެމްބަރުކަން

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ)ގެ ރަސްމީ މެމްބަރުކަން އަރުމީނިއާއަށް ބުރާސްފަތި ދުވަހު ލިބިއްޖެ އެވެ.

އަރުމީނިއާއަށް އައިސީސީގެ މެމްބަރުކަން ލިބުމަކީ ރަޝިއާ ގަޔާވާނެ ކަމަކަށް ނުވާނެ އެވެ. އެއީ ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަތް މައްސަލައިގައި އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ރަޝިއާއާއި ދެކޮޅަށް މައްސަލަތަކެއް ނިންމާފައިވާތީ އެވެ.

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ރަޝިއާއާއި ދެކޮޅަށް ނެރުނު އަމުރުގައި އޮންނަނީ އެ ގައުމުގެ ރައީސް ލަޑިމިއާ ޕޫޓިން އަކީ ހަނގުރާމައިގެ ކުށްވެރިއެއް ކަމަށް ބުނެފަ އެވެ. އަދި ޕޫޓިން ހައްޔަރުކުރުމަށް މެމްބަރު ގައުމުތަކަށްވެސް އޮތީ ގޮވާލާފަ އެވެ.

މިހެން ކަން އޮތުމުން އަރުމީނިއާއަށް ޕޫޓިން ވަޑައިގެންފިނަމަ -- މެމްބަރު ގައުމެއްގެ ހައިސިއްޔަތުން އޭނާ ހައްޔަރުކުރުން އަރުމީނިއާއަށް ލާޒިމްވާނެ އެވެ.

ދެކުނު އެފްރިކާގައި މިދިޔަ އަހަރު އޮތް ބްރިކްސް ސަމިޓަށް ރަޝިއާގެ ރައީސް ޕޫޓީންއަށް ވަޑައި ނުގަނެވުނީވެސް ދެކުނު އެފްރިކާ އަކީ އައިސީސީގެ މެމްބަރަކަށް ވާތީ އެވެ.

ދެކުނު އެފްރިކާއާ ރަޝިއާއާ ދެމެދު އޮންނަ ގާތް ގުޅުމުގެ ސަބަބުން ޕޫޓިން ހައްޔަރު ނުކޮށްފިނަމަ -- އައިސީސީން ދެކުނު އެފްރިކާއަށް ފިޔަވަޅު އެޅުމަކީވެސް އޮތް ފުރުސަތެކެވެ.

ބްރިކްސް ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް ދެކުނު އެފްރިކާއަށް ވަޑައިގެންފިނަމަ ދިމާވެދާނެ ހަމަނުޖެހުންތަކަކަށްޓަކައި ޕޫޓިން ނިންމެވީ އޮންލައިކޮށް -- ވީޑިއޯ ލިންކް މެދުވެރިކޮށް ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށެވެ.

ރަޝިއާ އާއި އަރުމީނިއާ އަކީ ވަރަށް ގާތް އަދި އަވަށްޓެރި ދެގައުމެވެ. އަރުމީނިއާގެ އިގުތިސާދާއި އަސްކަރިއްޔާ ތަރައްގީކުރުމުގައި އަދި އިޖުތިމާއީ ހަމަޖެހުން ގާއިމުކުރުމުގައި ރަޝިއާ އަކީ އަރުމީނިއާއަށް ބޮޑެތި އެހީތައް ފޮރުކޮށްދޭ ގައުމެކެވެ.

އައިސީސީގައި ބައިވެރިވާން ޝައުގުވެރިވާކަން އަރުމީނިއާ އިން ފާޅުކުރުމުންވެސް އެއީ ރަނގަޅު ކަމެއް ނޫން ކަމަށް ރަޝިއާ އިން އޮތީ ބުނެފަ އެވެ.

އަރުމީނިއާއަށް އައިސީސީގެ މެމްބަރުކަން ލިބުމުން ރަޝިއާގެ ރިޔާސީ ގަނޑުވަރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އަރުމީނިއާއިން ކުރީ ބީރައްޓެހި ކަމެއް ކަމަށެވެ.

އަރުމީނިއާގެ މި ނިންމުމާ ގުޅިގެން ރަޝިއާ އެކު އޮންނަ ގުޅުމަށް ބަދަލުތަކެއް އަންނާނެ އެވެ. އަނެއްކޮޅުން އަރުމީނިއާ އާއި ރަޝިއާއާ އެކުވެގެން އުފައްދާފައި ހުރި ސެކިއުރިޓީ މުއާހަދާތަކަށްވެސް ބަދަލު ގެންނާނެ ކަމަށް ބެލެވެ އެވެ.

އަރުމީނިއާއަށް އައިސީސީގެ މެމްބަރުކަން ލިބުމުން ހުޅަނގުން ވަނީ އުފާކޮށްފަ އެވެ. އަދި އެއީ ރަޝިއާއަށް ލިބުނު ބޮޑު ކެއްސެއް ކަމަށް ބުނެފަ އެވެ.