އިސްލާމިކް މިނިސްޓްރީ

"ހުތުބާ ކިޔާ ވަގުތު ވާހަކަ ދެއްކުމަކީ ފާފައެއް"

ހުތުބާ ކިޔާ ވަގުތު ވާހަކަ ދެއްކުމަކީ ފާފައެއް ކަމަށާ ހުތުބާއާ ނުލައި ހުކުރު ނަމާދު ފުރިހަމަ ނުވާނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

"ހުކުރުގެ ދަރުމަ ފުރިހަމައަށް ލިބިގަންނާށެވެ" މި މައުލޫއަށް މިއަދު މުޅި ރާއްޖޭގައި އިއްވި ހުތުބާގައި ބުނެފައިވަނީ ހުކުރު ހުތާބައަކީ އިންސާނާގެ ދެ ދުނިޔޭގެ ބާޖަވެރި ކަމަށް ދެވޭ ވަރަށް މުހިންމު އިރުޝާދުތަކެއް ކަމަށެވެ. އަދި ހުތުބާއާ ނުލައި ހުކުރު ނަމާދު ފުރިހަމަ ނުވާނެ ކަމަށް ބުނެފައިވެއެވެ.

ހުކުރު ދުވަހަކީ ދުވަސްތަކުގެ ތެރެއިން އެންމެ ހެޔޮ ދުވަސް ކަމަށާ އެތައް ގޮތަކުން އެ ދުވަސް މާތް ކުރައްވާފައިވާ ކަމަށެވެ. ހުކުރު ދުވަހަކީ އެ ދުވަހެއްގައި އިންސާނީ ނަސްލުގެ ފެށުން ކަމުގައިވި މުޅި އިންސާނިއްޔަތުގެ ބައްޕަ އާދަމް އަލައިހިއްސާލް އުފެއްދެވި ދުވަސް ކަމަށާ އަދި އެކަލޭގެފާނު ސުވަރުގެ ވެއްދެވުނު ދުވަހަކީވެސް ހުކުރު ދުވަހެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

އެ ދުވަހަކަށް އިރުއެރި ދުވަސްތަކުގެ ތެރެއިން އެންމެ ހެޔޮކަން ބޮޑު ދުވަހަކީ ހުކުރު ދުވަހެވެ. އާދަމްގެފާނު ހެއްދެވުނީ އެ ދުވަހު އެވެ. އަދި އެކަލޭގެފާނު ސުވަރުގެ ވެއްދެވުނީ އެ ދުވަހު އެވެ. އަދި އެކަލޭގެފާނު ސުވަރުގެއިން ނެރުއްވެވުނީ ވެސް ހަމަ އެ ދުވަހު އެވެ. އަދި ހުކުރު ދުވަހެއްގައި ނޫނީ ގިޔާމަތް ނުވާނެ އެވެ.
ހުކުރު ހުތުބާ | 14 ޖަނަވަރީ 2021

ހުކުރު ނަމާދަކީ ހަފްތާގެ ތެރޭގައި ކުރެވޭ ކުދި ފާފަތަކުގެ ކައްފާރާއެއް ކަމަށާ އެ ދުވަހު ކުރެވޭ އެންމެ މަތިވެރި އަޅުކަމަކި ހުކުުރު ނަމާދު ކަމަށްވެސް ހުތުބާގައިވެއެވެ. އެހެން ކަމުން ހުކުރު ނަމާދަށް އަވަސްވެގަތުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.

އަދި ހުތުބާ ކިޔަމުންދާ ވަގުތު ވާހަކަ ދެއްކުމަކީ ފާފައެއް ކަމުގައި ހުތުބާގައި ބުނެފައިވެއެވެ.

ނަމަވެސް ހުތުބާ ކިޔަމުންދާވަގުތު ވާހަކަ ދެއްކުމާއި ހީ ސާމާސާ ކުުރުމާއި މޯބައިލް ފޯނުން ގޭމް ކުޅުން ފަދަ ކަންކަމުގައި އެތައް ބަޔަކު ތިބޭ މަންޒަރު ފެންނަ ކަމަށް ބުނެފައިވެއެވެ.

ހުކުރު ދުވަހު މަލާއިކަތުން މިސްކިތުގެ ދޮރުމަތީ ތިއްބަވާނެ އެވެ. އަދި ހުކުރަށް އަންނަ މީހުން އެ މީހުން އަންނަ ތަރުތީބުން ލިޔުއްވަވާނެ އެވެ. އަދި ހުކުރަށް ކުރީން އަންނަ މީހާ [އެބަހީ ފުރަތަމަ ސާއަތުގައި އަންނަ މީހާ] މާތްﷲއަށްޓަކައި ޖަމަލެއް ގުރުބާން ކުރި ފަދައެވެ. ދެންނަ އަންނަ މީހާ މާތްﷲއަށްޓަކައި ގެރިއެއް ގުރުބާން ކުރި ފަދައެވެ. ދެން އަންނަ މީހާ މާތްﷲއަށްޓަކައި ބަކަރި އެއް ގުރުބާން ކުރި ފަދައެވެ. ދެން އަންނަ މީހާ މާތްﷲއަށްޓަކައި ކުކުޅެއް ގުރުބާން ކުރި ފަދައެވެ. ދެންނަ އަންނަ މީހާ މާތްﷲއަށްޓަކައި ކުކުޅު ބިހެއް ސަދަގާތްކުރި ފަދައެވެ. ފަހެ އިމާމު މީހާ މިންބަރަށް އަރާވަޑައިގަތުމުން [މަލާއިކަތް ބޭކަލުން] އެ ބޭކަލުންގެ ފަތްފުށްތައް ލައްޕަވާލައްވާ ހުތުބާ އަޑުއެއްސެވުމަށް ތިއްބަވާނެ އެވެ.
ހުކުރު ހުތުބާ | 14 ޖަނަވަރީ 2021

މީގެ އިތުރުން ހުކުރުގެ ޖަމާއަތަށް ހާޒިރުވެ މިސްކިތުގައި ޖާގަ އޮތް ނަމަވެސް ގަސްގަސް ދޮށުގަ އާއި ހިޔާ ގަނޑުގަނޑުގައި ތިބެ އިމާމު މީހާ ހުތުބާ ކިޔާ ނިމި ގަމަތް ދިނުމުން މިސްކިތުގައި ހެދިފައިވާ ސަފުތަކަށް ބެލުމެއް ނެތި ޖެހުނުހާ ތަނެއްގައި ސަފު ހަދަމުންދާ މަންޒަރު ފެންނަ ކަމަށްވެސް ބުނެފައިވެއެވެ.

އެކަންކަމާއި ދުރުވުމަށްވެސް ހުތުބާގައި އިލްތިމާސްކޮށްފައިވެއެވެ.