މޯލްޑިވްސް ޕޮލިސް ސާވިސް

މަޑަވެލި ޕޮލިސް ސްޓޭޝަން ހުޅުވާ ހިދުމަތް ދޭން ފަށައިފި

Jan 14, 2022

ގދ. މަޑަވެލީގައި ގާއިމްކުރި ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވައި ހިދުމަތް ދޭން ފަށައިފި އެވެ.

މަޑަވެލީގައި ރޭ ބޭއްވި ރަސްމިއްޔާތުގައި މަޑަވެލި ޕޮލިސް ސްޓޭޝަން ހުޅުއްވައިދެއްވީ މިނިސްޓާ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ އާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އެވެ.

ޕޮލިސް ސްޓޭޝަން ހުޅުއްވައި ދެއްވުމަށްފަހު ސްޓޭޝަންގައ ގައުމީ ދިދަ ނަންގަވައި ދެއްވީ މިނިސްޓަރު އިމްރާން އެވެ. ފުލުހުންގެ ދިދަ ނަންގަވައި ދެއްވީ ސީޕީ ހަމީދު އެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރު އިމްރާން ވިދާޅުވީ 2023 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުން ހިދުމަތް ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާތީ އެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ އެވެ. އަދި ފުލުހުންނާއި ރައްޔިތުންގެ އެއްބާރުލުމާ އެކީ 2023 ވަނަ އަހަރު ނިމުމުގެ ކުރިން އެ މަސައްކަތްތައް ނިންމާލެވޭނެ ކަމުގައިވެސް ވިދާޅުވި އެވެެ.

ކޮމިޝަނާ ހަމީދު ވިދާޅުވީ މަޑަވެލީގައި ފުލުުހުންގެ މަރުކަޒެއް ގާއިމްވެފައި ހުރުމުން ރައްޔިތުންނާ ގާއިމުކުރެވޭ ގުޅުމުގެ ތެރެއިން ފުލުހުންގެ މަގުސަދުތައް ހާސިލްކުރުމަށް ކޮންމެ ދުވަހަކު ރަށުގައި ތިބެގެން މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށެވެ.

މިރަސްމިއްޔާތުގައި ގދ. އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތު ގުދުރަތުﷲ އާއި މަޑަވެލި ކައުންސިލްގެ ރައީސް ފިޔާޒު ހަސަން އާއި ކައުންސިލް މެމްބަރުންނާއި އެކްޓިން ސައުތު ރީޖަނަލް ކޮމާންޑަރު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު އާތިފް އާއި ސައުތު ސަބް ރީޖަނަލް ކޮމާންޑަރު ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ފާތިމަތު ނަހީދާ ތޯހިރު އާއި ފުލުހުންގެ އިސް އޮފިސަރުން ބައިވެރިވި އެވެ.