މުހައްމަދު ހަމީދު

ދެކުނު އަތޮޅުގައި ޑްރަގުގެ ކުށްތައް ދަނީ އަހަރުން އަހަރަށް މައްޗަށް: ސީޕީ

Jan 14, 2022
1

ދެކުނުގެ އަތޮޅުތަކުގައި މަސްތުވާތަކެތީގެ ބޮޑެތިި ކުށްތަކަށް އަރައިގަތުމާއި އޭގެ ބޭނުންކުރުމާ ގުޅިގެން ތަފާތު ކުށްތަކަށް އަރައިގަތުން އަހަރުން އަހަރަށް އިތުރުވަމުންދާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ގދ. މަޑަވެލި ޕޮލިސް ސްޓޭޝަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީޕީ ހަމީދު ވިދާޅުވީ މާލެއެކޭ އެއްގޮތަށް އަތޮޅުތެރޭގައި ވަކިން ހާއްސަކޮށް ދެކުނުގެ ސަރަހައްދުތަކުގައި މަސްތުވާތަކެތީގެ ބޮޑެތިި ކުށްތަކަށް އަރައިގަތުމާއި އޭގެ ބޭނުންކުރުމާ ގުޅިގެން ތަފާތު ކުށްތަކަށް އަރައިގަތުން ވަރަށް ބޮޑަށް އިތުރުވަމުންދާ ކަމަށެވެ.

ސީޕީ ވިދާޅުވީ ޖަމާއަތް ހަދައިގެން ރާވައިގެން ހިންގާ ކުށްކުރުމުގެ މައްސަލަތަކާއި ކުޑަކުދިންނާ މެދު ހިންގާ ކުށްތަކާއި އަންހެނުންނަށް އަނިޔާވެރިވުމާއި ހަރުކަށި ފިކުރު ފެތުރުން ފަދަ މައްސަލަތަކަކީ ވެސް މުޖުތަމައަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކެއް ކަމަށެވެ.

"ފުލުހުން ކޮންމެ ދުވަހަކުވެސް އެކަންކަމަށް ސަމާލުވެ އެ ނުރައްކާތަކުން ރައްޔިތުންނަށް ރައްކާތެރިކަން ދިނުމަށް އިސްކަންދީގެން މަސައްކަތްކުރަންޖެހޭ،" ސީޕީ ވިދާޅުވި އެވެ.

ކޮމިޝަނާ ވިދާޅުވީ ފުލުހުންނަށް ގާނޫނު އަސާސީންނާއި ގާނޫނުތަކުން މަތިކޮށްފައިވާ ޒިންމާއާއި ވާޖިބުތައް އެންމެ ރަނގަޅަށް އަދާކުރުމަށްޓަކައި ފާއިތުވި ދެ އަހަރު ފުލުހުންގެ ހިދުމަތަށް ހެޔޮ ބަދަލުތަކެއް ގެނެވިފައިވާ ކަމަށެވެ. އެގޮތުން އަތޮޅު ތެރޭގައި ފުލުހުން މަސައްކަތްކުރާނެ ރަނގަޅު އޮނިގަނޑެއް އެކުލަވާލައި ރަށުގެ މުޖުތަމައުތަކާއި ރަށްރަށުގެ އިދާރާތަކާ ގުޅިގެން ކުށް މަދުކުރުމާއި ކުށުގެ ބިރުވެރިކަން ކުޑަކުރުމުގެ މަސައްކަތް ހަރުދަނާކަމާއެކު ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް އާ އޮނިގަނޑު މަގުފަހިކޮށްދޭނެ ކަމަށްވެސް ވިދާޅުވި އެވެ.

ސީޕީ ވިދާޅުވީ އަތޮޅުތެރޭގައި ފުލުހުންގެ ހިދުމަތް ދިނުމުގައި އެންމެ ބޮޑު އިސްކަމެއް ދެނީ ލާމަރުކަޒީ އުސޫލުން ފުލުހުންގެ ހިދުމަތްތައް އިންތިޒާމްކުރުމާއި މުޖުތަމައުއާ އޮންނަ ގުޅުން ދެމެހެއްޓުމާއި ކޮމިއުނިޓީ ޕޮލިސިންގެ ފަލްސަފާގެ މައްޗަށް ކަމަށެވެ. ފުލުހުންގެ ހިދުމަތް އަމާޒުކުރެވިފައިވަނީ ރައްޔިތުންނަށް ފުލުހުންދޭ ހިދުމަތް އަލުން ތަރުތީބުކޮށް، ޑިމޮކްރެޓިކް ވެއްޓަކަށް އެކަށޭނަ އަދި ތަރައްގީވެފައިވާ ފުލުހުންގެ ހިދުމަތްތަކެއް މުޅިރާއްޖެއަށް ފޯރުކޮށްދޭ މުއައްސާއަކަށް ހެދުމުގެ މައްޗަށް ކަމަށްވެސް ވިދާޅުވި އެވެ.

ސީޕީ ވިދާޅުވީ ރަށުގައި ހިނގާ ކުށްތަކާއި ރަށަށް ތައާރަފްވުމަށް ފުރުސަތު އޮތް ކުށްތަކާއި އެކުށްތަކާ ގުޅޭ ކަންބޮޑުވުމާއި ކުށުގެ ބިރުވެރިކަމުން ރަށުގެ މުޖުތަމައު ސަލާމަތް ކުރަންޖެހޭ ކަމަށެވެ. ރަށްރަށުގައި ފުލުހުންގެ ހިދުމަތް ގާއިމުކުރާ އެންމެ ބޮޑު ސަބަބަކީ ވެސް ރަށްތަކުގެ ރައްކާތެރިކަން ދެމެހެއްޓުން ކަމުގައިވެސް ވިދާޅުވި އެވެ.

ސީޕީ އިތުރަށް ވިދާޅުވީ މަޑަވެލީގައި ފުލުުހުންގެ މަރުކަޒެއް ގާއިމްވެފައި ހުރުމުން ރައްޔިތުންނާ ގާއިމްކުރެވޭ ގުޅުމުގެ ތެރެއިން ފުލުހުންގެ މަގުސަދުތައް ހާސިލްކުރުމަށް ކޮންމެ ދުވަހަކު ރަށުގައި ތިބެގެން މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށެވެ.