ޑައިރެކްޓަރު މަހޭޝް ބަޓްގެ ވޫޓް ސެލެކްޓް ސީރީޒް "ރަންޖިޝް ހީ ސަހީ" ގައި ކިޔައިދެނީ މަހޭޝް އާއި ކުރީގެ މަޝްހޫރު ބަތަލާ ޕަރްވީން ބާބީގެ ހަގީގީ ލޯބީގެ ވާހަކަ ކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެފި އެވެ.
މި ޝޯގައި ދައްކަނީ 70 އާއި 80 އިގެ އަހަރުތަކުގައި ހިންދީ ފިލްމު އިންޑަސްޓްރީގައި ކަންކަން ހުރި ގޮތެވެ. ޕްރޮޑިއުސަރުންގެ ނުފޫޒާއި ލީޑް ރޯލު ކުޅޭ އެކްޓަރުންގެ ކަންތައްތައް ހުރި ގޮތާއި ސްޓޫޑިއޯތަކުގެ ހާލަތު ހުރި ގޮތާއި ސިންގަލް-ސްކްރީން ތިއޭޓަރުތަކުގައި ފިލްމު އެޅުވުމާއި އަދި ނުފޫޒުގަދަ ފިލްމީ ނޫސްވެރިންގެ ކަންތައްތައް ހުރި ގޮތް ވެސް މި ސީރީޒްގައި ކިޔައިދެ އެވެ.
ތޯހިރު ރާޖް ބަސީން، އަމްރިތާ ޕޫރީ އަދި އަމާލާ ޕޯލް ކުޅެފައިވާ މި ވެބް ސީރީޒްގައި ކިޔައިދެނީ ޑައިރެކްޓަރެއްގެ ގޮތުގައި ފިލްމު އިންޑަސްޓްރީގައި ފައިތިލަ ސާބިތުކުރަން މަސައްކަތް ކުރާ ޒުވާން ޑައިރެކްޓަރަކާއި ސުޕަސްޓާރެއްގެ ލޯބީގެ ވާހަކަ އެވެ. ހަގީގަތުގައި މަހޭޝް ބަޓް އާއި ޕަރްވީން ބާބީ އަކީ ވެސް މިފަދަ ދެ މީހުންނެވެ.
މަހޭޝް އާއި ޕަރްވީންގެ ލޯބީގެ ރަން ޒަމާން ފެށުނީ 1977 ގައެވެ. މަހޭޝް އާއި ޕަރްވީން ރައްޓެހިވީ ކުރިން ލޯބިވެގެން އުޅުނު ކަބީރް ބޭދީ އާ ވަކިވުމަށް ފަހުގަ އެވެ. ކަބީރް އާއި ވަކިވުމުގެ ހިތާމަ ކުރަމުންދިޔަ ޕަރްވީން އަށް މަހޭޝްގެ ފަރާތުން ހަމްދަރުދީ އާއި ލޯބި ލިބުނެވެ. މަހޭޝް އަކީ ކުރިން ޕަރްވީން އައި ކަބީރްގެ އެކުވެރިއެއްގެ ގޮތުގައި ހުރި މީހެކެވެ.
ޕަރްވީންގެ ހަލާކުވެފައިވާ ހިތުގައިވާ ޒަޚަމްތަކުގައި ބޭސް އަޅައިދެމުން ގޮސް އެންމެ ފަހުން މަހޭޝް އަށް ޕަރްވީން ދެކެ ލޯބި ވެވުނީ އެވެ. އޭރު މަހޭޝް އޭރު އުޅެނީ ލޮރެއިން ބްރައިޓް އާ ކައވެނި ކޮށްގެންނެވެ. އެމީހުންނަށް ދަރިއަކު ވެސް އޭރު ވަނީ ލިބިފަ އެވެ. އެއީ ފިލްމީ ބަތަލާ ޕޫޖާ ބަޓެވެ. ނަމަވެސް ޕަރްވީންގެ އަވައިގައި ޖެހިގެން މަހޭޝް އޭނާގެ އަންހެނުންނާއި ދަރިފުޅު ދޫކޮށްލާފައި ޕަރްވީންގެ ގޭގައި އޭނާއާ ދިރިއުޅެން ފެށީ އެވެ.
މިގޮތަށް އެތައް އަހަރަކު ދެ މީހުން އެކުގައި އުޅުނެވެ. އެމީހުންގެ މެދުގައި މައްސަލަތައް ޖެހެން ފެށީ ޕަރްވީން އަށް ސިކުނޑީގެ މައްސަލަތަކެއް ދިމާވެ ބުއްދި ގޯސްވާ ފެށުމުންނެވެ.
ފިލްމްފެއާ އަށް ވަރަށް ކުރިން މަހޭޝް ދީފައިވާ އިންޓަވިއު އެއްގައި ޕަރްވީންގެ އޭރުގެ ހާލަތު ކިޔައިދިފައި ވެއެވެ.
"އަހަރެން އެއް ދުވަހު ޕަރްވީންގެ ގެޔަށް ގޮސް ވަންއިރު އޭނާގެ މަންމަ ބިރުން ހަލަކުވާވަރު ވެފައި ކޮރިޑޯގައި ހުރި. އަހަރެން ދިޔައިމަ ބުނެފި ގޮސް ޕަރްވީން އުޅޭ ގޮތެއް ބަލާދީބަލާށޭ. އަހަރެން ގޮސް ޕަރްވީން ނިދާ ކޮޓަރިއަށް ވަންއިރު ޕަރްވީން އިނީ ފިލްމު ޝޫޓިންގްއަކަށް އަޅާ ކަހަލަ ހެދުމެއް އަޅައިގެން އެނދާއި ފާރާ ދެމެދު ބިންމަތީގައި އިށީނދެ. އޭނާގެ މޫނުމަތީގައި ހުރީ ބިރުވެރި ސިފައެއް. އަތުގައި ބޮޑު ވަޅިއެއް އޮތް. އަހަރެން އެހިން ކީއްހޭ ތި ކުރަނީ؟ އޭނަ ބުނި ޝްޝްޝް އޭ. މި ކޮޓަރީގައި ދައްކާ ވާހަކަ ވަގަށް އެބަ މީހަކު އަޑުއަހައޭ. އެމީހުން އުޅެނީ އަހަރެން މަރާލާށޭ. އެމީހުން އުޅެނީ އަހަރެންގެ ބޮލަށް ޗާންދްލިއާ (ސީލިންގްގައި އަޅުވާފައި އިންނަ ބޮކިތަކެއް) ވައްޓާލާށޭ. އޭނަ އަހަރެންގެ އަތުގަ ހިފާފައި ކޮޓަރިން ބޭރަށް ނެރުނީ. އޭރުވެސް އޭނާގެ މަންމަ ބޭރުގައި ހަދާނެގޮތް ހުސްވެފައި ހުރި. އެއީ ފުރަތަމަ ފަހަރަށް އޭނާގެ ސިކުނޑީގެ މައްސަލައެއް ހުރިކަން އަހަންނަށް އެނގުނު ދުވަސް،" މަހޭޝްގެ އިންޓަވިއުގައި ބުނެފައިވެއެވެ.
މަހޭޝް ބުނި ގޮތުގައި ޕަރްވީން ދެކެ ވާ ލޯބީގެ ސަބަބުން ސައިކޭޓްރިސްޓުންނަށް ދައްކައިގެން އޭނާއަށް ފަރުވާ ކޮށްދޭން ވެސް ވަރަށް މަސައްކަތް ކުރި އެވެ.
"ޕަރްވީން އަށް ޖެހިފައިވަނީ ޕެރެނޮއިޑް ޝީޒޯފްރޭނިއާ ކިޔާ ނަފްސާނީ ބައްޔެއް. އެއާކޯން ތެރެއިންނާއި ސެންޓުފުޅި ތެރޭން އަދި ސީލިން ފަންކާ ތެރޭން ވެސް އޭނާއަށް އެއްޗެތި ފެނޭ،" މަހޭޝް ބުންޏެވެ.
އެންމެ ފަހުން ޕަރްވީންގެ ނަފްސާނީ ކަންތައްތައް ބޮޑުވެގެން ހަދާނެގޮތް ހުސްވެގެން މަހޭޝް އޭނާ ދޫކޮށްލާފައި ކުރީގެ އަނބިމީހާ ކައިރިއަށް އެނބުރި ދިޔައީ އެވެ. ނަމަވެސް 2005 ގައި ޕަރްވީން ބާބީ މަރުވުމުން އޭނާގެ ހަށިގަނޑާ ހަވާލުވާނެ މީހަކު ނުވުމުން އެ ހަށިގަނޑާ ހަވާލުވެ ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރީ ވެސް މަހޭޝް އެވެ.
މަހޭޝް ވަނީ އޭނާ އާއި ޕަރްވީންގެ ލޯބީގެ ސަފުހާތަކަށް ގިނަ ފިލްމުތަކެއް ތައްޔާރުކޮށްފަ އެވެ. އެގޮތުން އޭނާ ލިޔެ ޑައިރެކްޓްކުރި "އަރްތު" ގައި ވެސް ކިޔައިދީފައިވަނީ އެ ދެ މީހުންގެ ލޯބީގެ ބައެއް ހާދިސާ ތަކެވެ. އަދި 2006 ގައި އޭނާ އުފެއްދި "ވޯ ލަމްހޭ" ގައި ވެސް ކިޔައިދީފައިވަނީ ހަމަ އެ ލޯބީގެ އިތުރު ބައެއް ވާހަކަ ތަކެވެ.
މި ފިލްމުގެ ޑައިރެކްޓަރަކީ މަހޭޝް އަށް ބޮޑުބޭބެ ކިޔާ މޯހިތު ސޫރީ އެވެ. ފިލްމުގެ ތަރިންނަކީ ކަންގަނާ ރަނާވަތު އާއި ޝައިނި އަހޫޖާ އެވެ. އަދި 1993 ގައި ޕޫޖާ ބަޓް އާއި ރާހޫލް ރޯއީ ލީޑް ރޯލަށް ލައިގެން ޒީޓީވީ އަށް އޭނާ އުފެއްދި "ޕިރް ތޭރީ ކަހާނީ ޔާދް އާއީ" އަކީ ވެސް ހަމަ ޕަރްވީން އާއި އޭނާގެ ލޯބީގެ ވާހަކަތަކެވެ.