މާލޭގެ މަގުތަކާއި އިމާރާތް ތަކުގެ ފާރުތަކުގައި ކުރަހާފައިވާ ކުރެހުންތައް -- ގްރެފިޓީތައް ފުހެލުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފި އެވެ.
އެ މަސައްކަތް ކުރިއަށް ދަނީ ސިޓީ ކައުންސިލާއި ފުލުހުން ގުޅިގެންނެވެ. ގްރެފިޓީތައް ފޮހެލަނީ ސިޓީ ކައުންސިލްގެ މުވައްޒަފުންނެވެ.
ގްރެފިޓީތައް ފުހެލުމުގެ މަސައްކަތް ކުރަމުން ދިޔަ ނަމަވެސް މިއީ ކިހާ ދުވަހަކަށް ކުރިއަށް ގެންދާ މަސައްކަތެއް ކަމެއް ކައުންސިލުން ބުނެފައެއް ނުވެ އެވެ.
ގްރެފިޓީތައް ފުހެލުމުގެ މަސައްކަތް ފެށި ނަމަވެސް ސޯޝަލް މީޑިއާގައި ބައެއް މީހުން ގެންދަނީ ކޮންމެވެސް އުސޫލަކުން އެކަން ކުރުމަށް ފުރުސަތު ދިނުމަށްވެސް އެދެމުންނެވެ.
މާލޭގެ އިމާރާތްތަކުގައި ހުތުރު ބަހުން ލިޔުމާއި، އެކި ވައްތަރުގެ މެސެޖުތައް ލިބޭ ގޮތަށް ހަދާފައިވާ ގްރެފިޓީ ތަކުގެ މައްސަލައަކީ ބައެއް އާންމުން ވަރަށް ހިތްހަމަނުޖެހޭ މައްސަލަ އެކެވެ. ގްރެފިޓީތައް އާންމުކޮށް ހުންނަނީ މާލޭގައި ގުރޫޕްތައް ހަދައިގެން މީހުން އެއްވާ ސަރަހައްދުތަކުގަ އެވެ. ވަކިން ހާއްސަކޮށް ގޭންގުތަކުގެ އައްޑާތަކެއްގެ ގޮތުގައި މިފަދަ ތަންތަން ބައެއް މީހުން ލޭބަލް ކުރެ އެވެ.
މާލޭގެ މަގުތަކާއި އިމާރާތްތަކުގެ ފާރުތަކުގައި ހުންނަ ގްރެފިޓީތައް ފިލުވާލުމަށް ދޭތެރެދޭތެރެއިން ފުލުހުންނާ ކަމާ ގުޅޭ އިދާރާތަކުން މީގެ ކުރިން ވެސް މަސައްކަތް ކޮށްފައިވެ އެވެ. ބައެއް ކަހަލަ ގްރެފިޓީ ތަކަކީ އާންމު އިޖުތިމާއީ މިންގަނޑާ ހިލާފަށް ހުންނަ ގްރެފިޓީ ތަކަކަށްވީ ނަމަވެސް އެކަންކަން ކުރާ މީހުން ހޯދައި އެކަށީގެންވާ ފިޔަވަޅު ނޭޅޭ މައްސަލަ ވެސް އޮންނަނީ ބޮޑުވެފަ އެވެ.
ގްރެފިޓީތައް ފުހެލުމުގެ މަސައްކަތް ފަށާފައި މިވަނީ މާލޭގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ސިފައިންނާއި ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށާފައި ވަނިކޮށެވެ.