ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ބޫސްޓާ ޑޯޒް އަވަހަށް ޖެހުމަށް ރައީސް އެދިވަޑައިގެންފި

Jan 15, 2022

ކޮވިޑް 19ގެ އާ ވޭރިއަންޓް -- އޮމިކްރޯން އިން ރައްކާތެރިވުމަށްޓަކައި އެންމެންވެސް ބޫސްޓާ ޑޯޒް އަވަހަށް ޖެހުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އިލްތިމާސް ކުރައްވައިފި އެވެ.

ރައީސް އެކަމަށް އިލްތިމާސް ކުރެއްވީ ކޮވިޑްގެ ބޫސްޓާ ޑޯޒް ޖެހުމުގެ މަސައްކަތް މިއަދު އެންމެންނަށް ހުޅުވާލައިގެން ފެށުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ.

ރައީސް ވިދާޅުވީ އޮމިކްރޯން އިން ރައްކާތެރިވުމަށް އޮތް އެންމެ ބޮޑު ރައްކަލަކީ ކޮވިޑް ވެކްސިންގެ ތިންވަނަ ޑޯޒް ނުވަތަ ބޫސްޓާ ޑޯޒް ޖެހުން ކަމަށެވެ.

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހިފަހުން ހަ މަސް ފާއިތުވެފައިވާ މީހުން އަވަހަށް ބޫސްޓާ ޑޯޒް ޖެހުމަށްވެސް ރައީސް ސޯލިހް އެދިވަޑައިގެންފައިވެ އެވެ.

ބޫސްޓާ ޑޯޒް ޖެހުމަށް އޮންލައިންކޮށް އެޕޮއިންޓަމަންޓް ހެއްދޭނެ އިންތިޒާމު އެޗްޕީއޭ އިން މިހާރު ވަނީ ހަމަޖައްސައިދީފަ އެވެ.

ބޫސްޓާ ޑޯޒްގެ ގޮތުގައި ޖަހައިދެނީ ފައިޒާ ވެކްސިނެވެ. ހަ ތަނަކުން އެޕޮއިންމެންޓް ހައްދައިގެން ބޫސްޓާ ޑޯޒް ޖެހެ އެވެ. އެއީ ހުޅުމާލެ ހޮސްޕިޓަލާއި ދަރުމަވަންތަ ހޮސްޕިޓަލާއި ސެނަހިޔާ އާއި ދަމަނަވެއްޓާއި ދަރުބާރުގެ އަދި ވިލިމާލެ ހޮސްޕިޓަލެވެ.

ކުރިން ބޫސްޓާ ޑޯޒް ޖަހައިދެމުން ދިޔައީ ވަކި ހާއްސަ ގްރޫޕްތަކަކަށެވެ. އެގޮތުން ހައި ރިސްކް މީހުންނާއި، 50 އަހަރުން މަތީގެ މީހުންގެ އިތުރުން ފްރޮންޓްލައިންގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިންނަށް ބޫސްޓާ ޑޯޒް ދޭން ވަނީ ކުރިން ފަށާފަ އެވެ. ނަމަވެސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ 18 އަހަރުން މަތީގެ ކޮންމެ މީހަކަށް މިއަދުން ފެށިގެން ބޫސްޓާ ޑޯޒް ޖެހޭނެ އެވެ.

އެއްފަހަރާ ވީހާވެސް ގިނަ މީހުންނަށް ބޫސްޓާ ޑޯޒް ޖެހުމަށްޓަކައި އެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ މީހުން ހޯދުމަށްވެސް ހެލްތު މިނިސްޓްރީ މިހާރު ވަނީ އިއުލާންކޮށްފަ އެވެ.

ސަރުކާރުން ކުރިން ނިންމީ މިދިޔަ މަހުގެ މެދުތެރޭގައި މުޅި އާބާދީއަށް ބޫސްޓާ ޑޯޒް ޖަހަން ފަށާށެވެ. ނަމަވެސް ވެކްސިން ނުގެނެވުމާއި ވެކްސިން ގެނައުމަށް ފަހު ވެކްސިން ޖަހަން ބޭނުންކުރާ ސިރިންޖުތައް ނުލިބިގެން އެ މަސައްކަތް ފެށުން ލަސްވީ އެވެ.

ޑަބްލިއުއެޗްއޯގެ ކޮވެކްސް ފެސިލިޓީގެ ދަށުން ފައިޒާ ވެކްސިންގެ 100،620 ޑޯޒް ހިލޭ ލިބިފައިވެ އެވެ.

ރާއްޖޭގައި އިއްޔެއާ ހަމައަށް 101،418 މީހުންނަށް ކޮވިޑް ޖެހިފައިވާއިރު 95،259 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. އެކްޓިވް ކޭސްގެ ގޮތުގައި 5،881 ކޭސް އިއްޔެއާ ހަމައަށް ރެކޯޑްކޮށްފައިވާއިރު އިއްޔެ އެކަނިވެސް 967 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެެވެ.

ކޮވިޑް 19 އިން ރައްކާތެރިވުމަށް ރާއްޖޭގައި މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް 397،123 މީހަކު ފުރަތަމަ ޑޯޒް ޖަހާފައިވާއިރު 368،622 މީހަކު ވަނީ ދެވަނަ ޑޯޒް ޖަހާފަ އެވެ. އަދި 29،089 މީހަކު ބޫސްޓާ ޑޯޒް ޖަހާފައިވެ އެވެ.