މީހުން ގެއްލުން

ގެއްލުނު ފަތުރުވެރިޔާގެ ހިލަމެއް ނުވޭ

Jan 16, 2022
1

ޑައިވިނަށް ގޮސް އުޅެނިކޮށް އިއްޔެ މެންދުރު ގެއްލުނު ފަތުރުވެރިޔާގެ ހިލަމެއް އަދިވެސް ނުވާކަމަށް އެމްއެންޑީއެފްއިން ބުނެފި އެވެ.

ގެއްލިގެން ހޯދަނީ އދ. މަންދޫ ކައިރި ފަރަކަށް ޑައިވުކުރަންދިޔަ "ގޮމަ" ނަމަކަށް ކިޔާ ދޯނިން ޑައިވިނަށް ފޭބި 69 އަހަރުގެ އިނގިރޭސިވިލާތުގެ ފަތުރުވެރި އެކެވެ.

އެމްއެންޑީއެފްއިން ބުނީ ގެއްލުނު ފަތުރުވެރިޔާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑް އުޅަނދު ޝަހީދު އަލީއާއި އެމްއެންޑީއެފް ކޯސްޓްގާޑް ފާސްޓް އިންޓަސެޕްޓަރ ކްރާފްޓް "ވެލާނާ" ޑައިވަރުންނާއެކު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ޑައިވް ކޮށްގެން ގެއްލިފައިވާ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ އިރު މި މަސައްކަތުގައި އެސަރަހައްދުގެ ރިސޯޓްތަކުގެ ޑައިވަރުން ވެސް ހަރަކާތްތެރިވަމުންދެ އެވެ. ނަމަވެސް މިހާތަނަށް ކުރި މަސައްކަތުން ފަތުރުވެރިޔާ ނުފެންނަކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

ފަތުރުވެރިޔާ ހޯދުމަށް މިއަދު ވައިގެ މަގުންވެސް އޮޕަރޭޝަނެއް ކުރިއަށްގެންދާނެ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

ޑައިވަނަށް ގޮސް އުޅެނިކޮށް މީގެ ކުރިންވެސް ފަތުރުވެރިން ގެއްލިފައި ވެއެވެ.