ވާހަކަ

ހިތް ރުއްސާނުތޯ

( 13 ޖަނަވަރީ 2022 އާ ގުޅޭ )

ދޮރޯށި ލައްޕާލި ވަގުތު ހޫރައިންއަށް ދޮރާ ކައިރިއަށް ޖެހިލެވުނީ ސިހިފައެވެ. ކަޅުކުލައިގެ ކާރެއް ކުއްލިއަކަށް އައިސް އެ ދިމާއަށް މަޑުކުރީމައެވެ. ސީދާ ގޭގެ ދޮރުމައްޗަށް ވާހެނެވެ. ކަޅުބިއްލޫރީގެ ސަބަބުން ކާރުގެ އެތެރެއެއް ނުފެނެއެވެ. ހޫރައިން އެ ކާރާއި ފާރާ ދޭތެރެއިން ދާން ހިނގައިގަތް ވަގުތު ކުރީ ދޮރުފަތުގެ ބިއްލޫރިގަނޑު ތިރިކޮށްލައި ހޫރައިންއަށް ގޮވާލައިފިއެވެ.

* * * * *

މަޑުކޮށްލައިގެން ހުރެފައި ހޫރައިން ހިނގައިގަތީ އިސް އޮބާލައިގެންނެވެ. ކައިރިއަށް އައި ހަސީނާއާ އެއްވަރަށް ހިނގަމުން އައިސް އިމާރާތުގެ ތެރެއަށް ދެމީހުން ވަނެވެ. ގަޑިނޯޓްކުރާ މެޝިނުގައި ހަސީނާ ކާޑު ޖައްސާލާފައި ދުރަށް ޖެހިލުމުން ހޫރައިން ވެސް އެފަދައިން ކަންތައް ކުރިއެވެ.

"ހޫރް. ކިހިނެއްވީ؟. ހަސިންތައަށް ކުރެވުނީ ދަރިފުޅު ހިތްހަމަނުޖެހޭ ކަމެއްތަ؟. ކާރުގައި އިތުރު ކުއްޖަކު އިނީމަތަ؟. ހަސިންތަ ބުނީ ހަމްދޫނު ކައިރީ." ހޫރައިން ގޮވައިގެން ލިފްޓަށް އަރަމުން ހަސީނާ ވާހަކަދެއްކިއެވެ.

"ކަމެއްނުވޭ." ހޫރައިން ބުނެލިއެވެ. އެހެންނަމަވެސް އޭނާ އެ ހުރީ މާޔޫސްވެފައެވެ. ﷲ އާ މެދު ފުރިހަމަ އިތުބާރު އެ ހިތުގައި އޮތްއިރު އޭނާއަށްވީ ގޮތަކާމެދު ހޫރައިން އަމިއްލައަށް ވިސްނާލެވުނެވެ. އެއާއެކު އޭނާއަކީ ބަލިކަށި އިންސާނެއްކަން ޟަމީރު ހަނދާންކޮށްދީފިއެވެ. އަމިއްލަ އެދުންތަކުގެ ކުރިމަތީ އިންސާނުން ބަލިކަށިވެދެއެވެ. ކަމެއް ބޭނުންވެއްޖެނަމަ އެގޮތަށް އެކަންވުމަށް ނުހަނު ބޮޑަށް އެދެވެއެވެ. ހޫރައިންއަށް ވެސް މިވަގުތު ވެފައި އެ ހުރީ އެހެންކަން ވިސްނިއްޖެއެވެ. އެއާއެކު ދެރަވެސް ވެއްޖެއެވެ.

ދުވަހުގައި ފުރަތަމަ އެހާ ގާތުން ބައްދަލުވާނޭ ފިރިހެނަކީ ޒެހެންއޭ ހޫރައިންގެ ހިތަށް އެރިއެވެ. ނަމަވެސް ގޭގެ ދޮރޯށިން ނުކުވުނު ވަގުތު ހޫރައިންގެ ކައިރިއަށް މަޑުކޮށްލި ކާރުން އިވުނީ ހަމްދޫނުގެ އަޑެވެ. ކާރުން އޭނާ ފޭބީއެވެ. ފަހަތު ސީޓުގައި ހަސީނާ އެބައިންކަން ހަމްދޫނު ބުންޏެވެ. އެހިނދު ކާރުގެ ތެރެއިން ހަސީނާ ގޮވާލި އަޑު ވެސް އިވިއްޖެއެވެ. ހަމްދޫނު އައިސް ފަހަތު ދޮރުފަތް ހުޅުވާލަ ދިނެވެ. އޭނާ އޮފީހަށް ދަމުން މަންމަ ޔުނިވަރސިޓީއަށް ލައިދީފަ ދާން ގަސްދުކުރިކަން ހަމްދޫނު ބުނެލިއެވެ. އައި މަގުމަތީ ހޫރައިން ނަގައިގެންދާން މަޑުކުރީ ވިއްސާރަ ދުވަހެއްވީމަކަން ވެސް ހަމްދޫނު ބުންޏެވެ. އެއްވެސް ވާހަކައެއް ހޫރައިން ނުދައްކައެވެ. އުނދަގޫވީ ނަމަވެސް ހަސީނާ އެދުމުން ހޫރައިން ކާރަށް އެރީއެވެ. ކާރު ދުއްވަން އިނީ ހަމްދޫނު ނޫންކަން ހޫރައިންއަށް ފާހަގަވީ ކާރަށް އެރިފަހުންނެވެ. އޭރު ހަމްދޫނު ދޮރުފަތް ލައްޕާލަ ދިނުމަށްފަހު އައިސް އޭނާ ފޭބި ދިމާއިން ކުރީ ސީޓަށް އަރައި ހަމަޖެހިލައިފިއެވެ. ކާރު ދުއްވަން އިން ޒުވާނާ އެއްފަހަރު ހޫރައިންއަށް ބަލާލިއެވެ. ދެން ބަލައެއް ނުލައެވެ. ހަސީނާ އެ ޒުވާނާއާ ނިކަން ވާހަކަދެއްކިއެވެ. ކުރު ދަތުރެއް ނަމަވެސް ހޫރައިން އިނީ ހިތް އަވަސްވެފައެވެ. ރިއާ މިރާގަ ހަމްދޫނު އަތް ޖައްސާލި ވަގުތުން ފެށިގެން އެ ލޯގަނޑުކޮޅުން އޭނާ ހޫރައިންއަށް ބަލަނީކަން ފާހަގަވީއެވެ. ވަކިން ބޮޑަށް ހޫރައިންއަށް އުނދަގޫވީ އެހެންވެއެވެ. ޔުނިވަރސިޓީއާ ހަމައަށް އާދެވުމާއެކު ހޫރައިން ކުރީބައިގަ ފައިބަން ގަސްދުކުރިއެވެ. ނަމަވެސް ހޫރައިން ގާތު މަޑުކުރުމަށް ހަމްދޫނު ބުނެލީ ނިކަން އަވަހަށެވެ. މިފަހަރު ވެސް ކާރުގެ ދޮރުފަތް ހުޅުވައިދިނުމަށް އޭނާ ކާރުން ފައިބައިގެން އައީއެވެ. ހޫރައިންގެ ފަހަތުން ހަސީނާ ފޭބިއެވެ. ހިތް އަވަސްވެ ކުރެވެމުންދިޔަ އުނދަގޫ އިހްސާސްތަކުގެ ސަބަބުން ޝުކުރު އަދާކުރާން ވެސް ހޫރައިން ހަނދާނެއް ނުވިއެވެ. ހަލުވިފިޔަވަޅުގައި އައިސް ޔުނިވަރސީޓީގެ ގޭޓުން އެތެރެއަށް ހޫރައިން އަވަހަށް ވަނީއެވެ.

ވާރޭ ވެހޭތީ މިއަދު ހޫރައިންގެ މަސައްކަތްތައް ފެށޭ ގޮތެއް ނުވިއެވެ. އެންމެން ވެސް ފެންނަނީ ނިކަން ކަންނެތްކޮށެވެ. ސައިކޮޓަރީގަ ހެނދުނުގަޑީ އެހެންޏާ ނުތިބޭހާ ގިނައިރު އަނގަތަޅަން އެންމެން ތިއްބެވެ. މޭޒުމަތީގައި އާވިއަރައަރާ ހުރި ހޫނު ކޮފީތަށިތަކާއި ސައިތަށިތައް ހުއްޓެވެ. އެމީހުންގެ ތެރޭ އިނދެފައި މޭޒުދޮށުން ހޫރައިން ތެދުވިއެވެ. ސައިކޮޓަރިން ނުކުތް ގޮތަށް ހޫރައިން އައިސް ސަރައްކާލިއާ ގުޅިފައިވާ ބެލްކަނީގަ ހުއްޓުނެވެ. ދެން ހުރި އިމާރާތްތަކާއެކު ޔުނިވަރސިޓީގެ ގޯތިތެރެ އެތާ ހުންނައިރު ފެނެއެވެ. ބޯކޮށް ވާރޭ ވެހެންމުންދާތީ ހިސާބެއްގެ ފުސްކަމެއް ފަޒާގައި ވިއެވެ. ދެއަތުން ފާރުބުރީގައި ހިފަހައްޓާލައިގެން ވާރޭއަށް ގެއްލިފައި ހޫރައިން ހުއްޓެވެ. އޭނާގެ ޚިޔާލުގައިވީ ރޭގައި ޒެހެން ފޮނުވި މެސެޖެވެ. ބަޔާންކުރާން ދަތިވި ހިތްހަމަޖެހުމެއް އޭނާގެ ހިތަށް ވެރިވަމުންދިޔައެވެ. ވޭތުވި އަހަރުތަކުގައި އޭނާ ވާރޭ ވެހޭތަން ދުށުމަށް އެކަމަށް ހުސްވެގެން އެގޮތަށް ހުއްޓި ހުރި ވަގުތެއް ނާދެއެވެ. ރޭގައި އޭނާ ކުޑަދޮރުގެ ކައިރިއަށް އައީ ޒެހެންގެ ސަބަބުންނެވެ. މަޑުމަޑުން ހޫރައިންގެ ކަނާއަތް ކުރިއަށް ދަމާލިއެވެ. ނަމަވެސް އަތުގައި ވާރޭގެ ތިއްކެއް ޖެހޭ ގޮތެއް ނުވިއެވެ. އިމާރާތް ހިޔާކޮށްފައިވަނީ ހިނގަން އޮންނަ ސަރައްކާލިތަކަށް ވާރޭ ވެހުނަސް ފެން ނުވިއްސާނޭ ގޮތަށެވެ. ލަސްގޮތަކަށް ހޫރައިން ދަމާލި އަތް ކުރުކޮށްލިއެވެ. އިހު ހުރިހެން މަޑުކޮށްލައިގެން ހުއްޓެވެ.

"ކަމުދާންވީ ކީއްވެ؟. ކަމުދާނަމަ މިހާ ސުވާލު އުފެދެނީ ކީއްވެ؟. އެއްވެސް އެއްޗެއް ނުވިސްނުނު... އަހަރެން އިސްތިޚާރާ ކުރީ ޒެހެންއާމެދު ޔަގީންކަން ލިބުމަށް އެދި. ދެން ކީއްވެ ހަމްދޫނާ ބައްދަލުވާންވީ." އެތައް ސުވާލެއް ހޫރައިންގެ ހިތާއި ސިކުނޑިއަށް އަރާ ފައިބަމުންދިޔައެވެ. ﷲ އޭނާ އެދޭ ކަންތައް ފުރިހަމަކޮށްދެއްވާނީ ކޮންފަދައަކުންކަން ނޭނގޭތީ އެކަމާމެދު މާބޮޑަށް ހޫރައިންއަށް ވިސްނެނީއެވެ. ވަށައިގެން ފެންނަ އަލާމާތްތަކާއި އިޝާރާތްތަކާއި އިވޭ އަޑުތަކަށް ސަމާލުވިޔަސް އެކަމުން ނަގައިގަންނަވީ އެއްޗެއް އޭނާއަށް ފަހުމްނުވެދާނޭ ހީވަނީއެވެ. ހާސްކަމާއި ނުތަނަވަސްކަން އިތުރުވުމަކީ ހޫރައިންއަށް ރަނގަޅު ސިގްނަލެއް ނޫނެވެ. މަޑުމަޑުން ހޫރައިންއަށް ދެ ލޯ މަރާލެވުނެވެ. ހާސްކަމާ ދުރުވެ ސާބިތުކަން ހިތަށް ދެއްވުމަށް ހިމޭންކަމުގައި އޭނާ ﷲއަށް އެދެންފެށިއެވެ. އޭނާގެ ބުއްދިއަށް ވިސްނޭނޭ ފަދަ ގޮތަކަށް ކަންކަން ހިންމަވާދެއްވުމަށެވެ. އަދި ހިތް އެދޭގޮތް ނުވީނަމަވެސް ﷲގެ ރުހުންވާ ކޮންމެ ނިންމުމަކަށް އޭނާގެ ހިތް ރުއްސާ ދިނުމަށެވެ. ކޮންމެ ކަމަކާ ކުރިމަތިލުމުގެ ކެތްތެރިކަން އެހިތާއި ނަފްސަށް ދެއްވުމަށެވެ.

"ޒެން!... ވެއިޓް!." ރަހުމާ ގޮވާލިއެވެ. ކުރިއަށް ގޮސްގޮސް ހުރި ޒެހެން ހުއްޓުނެވެ. އޭނާގެ ކައިރީ ރަހުމާ އައިސް މަޑުކޮށްލިއެވެ.

"ކޮންތާކަށް." ރަހުމާ އަހާލިއެވެ.

"ކިހިނެއްވީ؟" ރަހުމާގެ އެފަދަ ސުވާލުތަކަށް ޒެހެން ޖަވާބެއް ނުދެއެވެ. ރަހުމާ ދެކޮޅު ބަލާލާފައި ޒެހެންއާ އިހުނަށްވުރެ ކައިރިއަށް ފިޔަވަޅު އަޅާލިއެވެ.

"ޒެން ހާދަ ޗޭންޖޭ... އަހަރެން މިކޮޅަށް އައީމަތަ؟. ކުރީންނަމަ އަހަރެން ބަލާ އާދެވިދާނެތޯ ނޫނީ ޑްރޮޕެއްކޮށްލަދޭން ބުންޏަސް އެކަން ކޮށްދޭ. އަހަރެންގެ ސައިކުވީ ގަރާޖުގަވީމަ. އެހިސާބަށް އެޓްލީސްޓް ގެންގޮސްދެވުނީ ހެންނު. އަހަންނަށް ކަމެއް ކުރެވުނީތަ؟. ކިތައް އަހަރު މިވީ އަހަރެމެން ދިމާވިފަހުން. ފްރެންޑްޝިޕް ވެސް ނުވީތަ އެއްޗަކަށް."

"ފްރެންޑްޝިޕް... ރަހުމާ ބޭނުމީ ހަމައެކަނި އެކުވެރިކަންތަ؟." ޒެހެން އަހާލީ އޭނާއަށް ބަލަން ހުރެއެވެ. ޒެހެންގެ ލޮލާ ލޯ އަމާޒުކޮށްލައިގެން ހުރި ރަހުމާއަށް ތިރީތުންފަތުގައި ދަތްއަޅާލެވުނެވެ. އެ ސުވާލަށް ޖަވާބުދިނުމުން ވާނޭ ގޮތަކާމެދު ރަހުމާއަށް ވިސްނާލެވުނީއެވެ. އޭނާއަށް ދުވަހަކުވެސް ޒެހެންއަކީ އެކުވެރިއެއްކަމުގައި ބަލައިނުގަނެވޭނެއެވެ. އެހެންވާންޖެހުނީ ޒެހެންދެކެ ލޯބިވެވުނީމައެވެ. އެކުވެރިކަމުގެ ގުޅުމަކުން ލޯބީގެ ކަރުހިއްކުމެއް ނުފިލާނެއެވެ.

"ސައިކަލު ފަހަތަށް އެއްވެސް އަންހެންކުއްޖެއް އަރުވަން ބޭނުންނޫނީ. އެހެންވެ ރަހުމާ އެދުނީމަ ނޫނެކޭ ބުނީ. އަހަރެން ނުގެންދިޔަސް ޝާފީ ބުންޏެއްނު ގެންގޮސްދީފާނަމޭ." ޒެހެން ބުންޏެވެ.

"އެނގިއްޖެ... އެ ދުވަހު ވެސް އަހަރެން ނުބުނަންތަ ވިސްނުން ތިހުރީ ރަނގަޅަކަށް ނޫނޭ. ފާޑެއްގެ މުސްކުޅި އަންހެނެއްގެ އަވައިގަ ޖެހިގެން. ދަރިއަކުވެސް ހުއްޓާ... ނޭނގެ އެއީ ހަރާންދަރިއެއް ނޫންކަމެއް ވެސް... ބޯހަލާކު!... ޒެންގެ ފެމެލީއަށް ތިކަން އެނގުނީމަ ވާނެގޮތް އެނގޭތަ. އޭނާ ކައިރިއަށް ވަދެ އޮއްވަ ދޯ ރޭގަ މަށަށް ގުޅުނީ. އެހެންވެ ކޯލު ބިޒީކޮށްލީ. އޭނާ ޒެންގެ ބްރެއިން ވޮޝްކުރަނީކަން ޔަގީން."

"ރަހުމާ..." ޒެހެން ގޮވާލީ މަޑުމަޑުންނެވެ. އޭނާއަށް ދަތްކުނޑިވިކާލެވުނެވެ. އިންތިހާއަށް ރުޅި އާދެވުނު ނަމަވެސް އޭނާ ރުޅި ކޮންޓްރޯލް ކުރިއެވެ.

"ސާރާމެން ބަލައިނުގަންނާނެ. އެމީހުން ކައިރީ ހުރިހާ ވާހަކައެއް ދައްކާނަން." ރަހުމާ ބުނެލިއެވެ.

"އަހަރެންގެ ފުށުން ރަހުމާއަށް ގެއްލުމެއްވޭތަ. ތި ދައްކަނީ އަހަރެންގެ ޢާއިލާ މީހުންގެ ވާހަކަ. އެމީހުންނާ ރަހުމާއާ ކޮންކަމެއް... އަހަރެންގެ ޢާއިލާ މީހުންނާ ވާހަކަދައްކަން އަހަރެން ފުދޭ. ގޮތެއްނެތިގެން ދުރުން ކަމާ ނުބެހޭ މީހަކު އައިސް ފިތުނަ އުފައްދަން އުޅޭ ކަތުރުފަންޏަކަށް އެމީހުން ބޭނުމެއްނުވޭ. އަހަރެންގެ ޒާތީ ކަންކަމާ ބެހި ފާޑުކިޔޭނެ ހަމައެކަނި މީހަކީ އަހަރެންގެ މަންމަ. އެ މަންމައަށް ސިއްރުން އަހަރެން ނޫޅެން." ޒެހެންގެ ވާހަކައިން ރަހުމާއަށް ދެ ލޯ ބޮޑުކޮށްލެވުނެވެ.

"ވަޓް!... ޒެން އެ އަންހެންމީހާދެކެ ލޯބިވަނީތަ؟." ރަހުމާ ސުވާލުކުރިއެވެ.

"ތި ސުވާލުގެ ޖަވާބު ރަހުމާ ބޭނުންތަ؟." ޒެހެން އަހާލިއެވެ.

"ތީ ލޯތްބެއްނޫން. ތިއުޅެނީ ކޮންމެވެސް އެހެންކަމެއްވެގެން... އެކަހަލަ މީހެއްދެކެ ޒެންއަށް ލޯތްބެއް ނުވެވޭނެ. މީހާ ހުންނަގޮތް ވެސް އެނގެނީއެއްނޫން... އޯހް!... އޭނާ އެހެންވީމަ ހުރިހާ އެއްޗެއް ދެއްކީ ދޯ. އެހެންވެ ދޯ މޮޔަވެގެން ތިއުޅެނީ. އެކަމަށް ލޯތްބޭ..."

"ހުއްޓާލާ... ރަހުމާގެ ތިހުރި ވިސްނުމެއް. އަހަރެމެން ދެ މީހުންނަކީ ވެސް ގައިމު މުސްލިމުން. އެކަމަކު މިފެންނަނީ ކޮންކަހަލަ މަންޒަރެއް. އިސްލާމް ދީނުގައި ޒީނަތްތެރިކަމާއި އަންހެންވަންތަކަމަކީ ކޮބާކަން ރަހުމާއަށް އެނގޭތަ؟. ލަދުވެތިކަމަކީ ކޮބާކަން ރަހުމާ ދެނަހުރިންތަ؟... ހަޤީޤަތް ނޭނގޭއިރު ވެސް ތުޙުމަތު ތިކުރަނީ ކިހާ ހުތުރުކަން ބޮޑުވެގެންވާ ކަމަކަށް. ބުނަން ރަހުމާ!... ރަހުމާއަށް ކުރީން އެނގޭ ޒެހެންއެއްނޫން އަހަންނަކީ. އޭނާ ބަދަލުވެއްޖެ. އިންޝާﷲ ކުރިއަށް އޮތްތާ މިހާރަށްވުރެ އޭނާ އަދިވެސް ބަދަލުވާނެ. ފާފަކުރެވިކުރެވި ހުންނަ އިންސާނަކަށްވުރެ ތަޢުބާވެ އެކުށް ތަކުރާރުނުކޮށްވޭތޯ އާދަކުރަން މިހާރު އަހަރެން ބޭނުމީ."

"ޖިހާދަށް ފުރައިގެންދާންތަ ތިވިސްނަނީ. އޭނާ ބޭނުންވަނީ އެގޮތް ދޯ. ސަވާބު އިތުރުވެ ވަގުތުން ސުވަރުގެ ވަންނާނެތީ." ރުންކުރުވެފައިވާ އަޑަކުން ރަހުމާ ބުނެލިއެވެ. ޒެހެންއަށް މަޑުމަޑުން ބޯހޫރުވާލެވުނެވެ.

"އަސްތަޤްފިރުﷲ... ރަހުމާ. ކިޔޭނުކިޔޭ ނޭނގޭހާ ރުޅި އައިސްފަ ތިހުރީ. އަހަރެން ދަނީ." ޒެހެން ބުންޏެވެ. ނަމަވެސް އޭނާ އެނބުރިލި ހިނދު ގަމީހުގައި ރަހުމާ ހިފިއެވެ.

"މިތިބީ ކޮންތާކުކަން އެނގޭތަ." ޒެހެން ވަގުތުން މިހެން ބުނެ ރަހުމާގެ އަތް ނައްޓުވާލިއެވެ.

"އެކަމެއްނޭނގެ މިތާ ތެރޭގަ އެ އަންހެންމީހާއެކު ފްލާޓްކުރަމުން ދުވާއިރު. ދެމީހުން ސިއްރު ތަންތަނަށްވަދެ އެކަނި ބައްދަލުކުރާއިރު. އޭނާއާ ޖެހުނީމަ ހަނދާނެއް ނުހުރޭ ދޯ ތިބެވެނީ ކޮންތާކުކަމެއް." ރަހުމާއަށް ދެބުމަ ގޮށްޖަހާލެވުނެވެ.

ހަލުވި ހިނގުމުގައި ޒެހެން ހިނގައިގަތީއެވެ. ރަހުމާއަށް އަރާ ހަމަކުރެވޭވަރަށްވުރެ ބާރަށެވެ. ވަކި ހިސާބަކަށް އައިސްފަ ވެސް ރަހުމާ ހުއްޓުނީ އިސްވެރީން ތިބޭ އޮފީސް ހުރަސްކަނޑާ ޒެހެން ފަހަތުން ދުވެފައި ނުދާންވެގެންނެވެ. ދަތްކުނޑިވިކާލައިގެން ހުރެ ރަހުމާއަށް ތުންފިއްތާލެވުނެވެ.

ފިނި ދުވަހެއްކަން އެނގޭއިރު ރަހުމާގެ ޚިޔާލުތަކުން ޒެހެން ވަކިނުވެއެވެ. ހެނދުނުގެ ސަޔަށް ވާރޭވެހެނިކޮށް ނުދެވޭނެތީ ދެން ކަންތައް ކުރަނީ ކިހިނެއްތޯ ބަލަން ޝާފީއާއި ތަހާނީގެ ކައިރިއަށް ރަހުމާ އައިއިރު އެތަނުގައި ޒެހެން އިނެވެ. ޒެހެންގެ ހިނިތުންވެފައިވާ މޫނު ފެނުމުން ރަހުމާގެ ހިތުގެ ވިންދު އަވަސްވިއެވެ. އޭނާ ގޮނޑި ދަމާލައި އިށީނީ ޒެހެންގެ ކައިރީގައެވެ. ވާހަކައިގަ އިނދެފައި ނޭނގޭ ކަމަށް ހަދައި ޒެހެންގެ މުލައްދަނޑީގައި ރަހުމާ ހިފާލީއެވެ. ދެން ޒެހެންގެ އަތް ގަޔާ ކައިރިކޮށްލަމުން އޭނާގެ ކޮނޑުގައި ބޯއަޅާލަން ރަހުމާ އުޅުނެވެ. އެހިނދު ޒެހެން ކޮޅަށް ތެދުވީ ނުހަނު އަވަހަށެވެ. ރަހުމާ ދުރުކޮށްލީ ގަޔާނުވެގެންނެވެ. ޝާފީއާއި ތަހާނީގެ ކުރިމަތީ ޒެހެން އެފަދައިން ކަންތައްކުރީތީ ރަހުމާ ނުހަނު ލަދުގަތެވެ. ރުޅީގެ އަސްލަކީ އެއީއެވެ. ކުރީގައިނަމަ ޒެހެން އަހާލާނީ ތީ ކޮންކަމެއް ހެއްޔޭއެވެ. ރަހުމާގެ އަތް ނައްޓުވާލީ މަޑުމަޑުންނެވެ. ކުއްލިއަކަށް ކަރަންޓުގައި ޖެހިގެން ވިއްސައިގެންދާ މީހަކު ފަދައިން ނޫޅޭނެއެވެ.

މެންދުރު ފަސްވެގެން ދިޔައިރު ހޫރައިންއަށް އެންމެ ފަހަރަކު ވެސް ޒެހެން ނުފެނެއެވެ. ބައްދަލުކުރާކަށް ނާދެއެވެ. މެސެޖެއް ވެސް ނުކުރެއެވެ. ރޭގައި ހަނދާންވާތީ އުޅުނު މީހަކު މިއަދު އެއްފަހަރު ވެސް ބައްދަލުކޮށްލަން ނައުމުން ހޫރައިންގެ ހިތް އެކަމާ ސުވާލުން ފުރިފައި ވިއެވެ.

"ހޫރައިން... ކުއްޖަކު އެބަހުރި ހޯދަން އައިސް."

ފޯނުން ފެންނަން އޮތް ޒެހެންގެ މެސެޖަށް ގެއްލިފައި އިން ހޫރައިން އިސްއުފުލާލިއެވެ. ނާޒިމާއަށް ބަލާލުމުން އޭނާ ބުނި އެއްޗަކަށް ބާރުދޭން ދޮރާ ދިމާއަށް އިނގިލި ދިއްކޮށްލިއެވެ. ހޫރައިންއަށް ތިރީތުންފަތުގައި ދަތް އަޅާލެވުނީ ކުއްލިއަކަށް ހިތުގެ ތެޅުން އަވަސްވެގެންނެވެ. ޒެހެން އައީބާއޭ އޭނާ ހިތަށް އެރިއެވެ. ފޯނާ ހިފައިން ގޮނޑިން ތެދުވިގޮތަށް އޭނާ އަވަހަށް އައިސް ދޮރުކައިރީ މަޑުކޮށްލިއެވެ.

"ވާހަކަދައްކާލެވިދާނެތަ؟. މިގަޑި ބިޒީއެއްނޫން ހެން ހީވަނީ..." ރަހުމާ ވާހަކަދެއްކީ ހޫރައިންއަށް ބަލަމުން ހުރެ ދޮރުން އެތެރެއަށް ވެސް އަވަސް ނަޒަރެއް ދެމުންނެވެ. ހުއްޓުން އަރާގޮތްވެފައި ހުރި ހޫރައިން އެ އަސަރު ފިލުވާލިއެވެ. މަޑުމަޑުން ބޯޖަހާލީއެވެ. އެވަގުތު ރަހުމާގެ މޫނުން ފާޅުވެލި ފޫހިކަމުގެ ކުލަވަރު ހޫރައިން ޖެހިލުން ކުރުވިއެވެ.

"މިކޮޅަށް އަންނަންވީނު. އެހެންނޫނީ އަހަރެންގެ ވާހަކަ އިވި އެހެންމީހުންގެ ކުރިމަތީ ތި އިމޭޖު ހިފަހައްޓަން ދަތިވެ މީހުންނަށް ހަޤީޤަތް އެނގިދާނެ." ރަހުމާ ބުނެލިއެވެ. ހޫރައިން ސުވާލު އުފެދުނެވެ. ހައިރާންކަން އެ ދެ ލޮލުން ފާޅުވޭވޭ ހުއްޓެވެ. އޭނާ ރަހުމާއާއެކު އެކަހެރިވެލިއެވެ.

"ޒެހެންއާއެކު ތިކުޅޭ ކުޅިގަނޑު ހުއްޓާލާ. ތިވައްތަރަށް އުޅެގެން ދަރިއަކަށް ދެވޭނީ ކޮންތަރުބިއްޔަތެއް." ރަހުމާ ބުނެލިއެވެ. ހޫރައިންއަށް ދެ ލޯ ބޮޑުކޮށްލެވުނެވެ. މި އަންހެންކުއްޖާ އޭނާއާ ދިމާއަށް އެފަދަ ބަސްތަކެއް ބުނަން ޖެހުނު ސަބަބެއް ހޫރައިންއަށް ވިސްނައިގަންނަން ދަތިވިއެވެ.

"ޒެހެން..." މަޑުމަޑުން ހޫރައިންއަށް ބުނެވުނެވެ.

"އާން ޒެހެން... ދަރީން ލިބުނީމާ ވެސް ދަރިވަރުގެ މީހުންގެ ފަހަތުން ޅަވެގެން ތިދުވަނީ. ޒެހެންއާ އިނދެވޭތޯތަ ތިއުޅެނީ. ނުވާނެ އެކަމެއް. ދެމީހުން ތަތްވެގެން އުޅޭން ނޭނގޭތަ މީ އެތައް ދަރިވަރުންނެއް ތަޢުލީމު އުނގެނެން އަންނަ ތަނެއްކަން. ނޭނގޭނެކަން އެނގޭ. ޒެހެންގެ ޤަދަރާއި ޢިއްޒަތައް ކުޑަމިނުން ވިސްނާލިނަމަ... އެނގޭތަ މަމީ އޭނާގެ ކާކުކަން."

"އެކަހަލަ ގުޅުމެއްނެތް..." ކަންބޮޑުވީ ވަރުން ހޫރައިންގެ އަޑުގައި މަޑު ތުރުތުރެއް ހުއްޓެވެ.

"މަށަށް އެނގޭތީއޭ މިވާހަކަ މިދައްކަނީ. އޭނާގެ ޢާއިލާއަކީ ކިހާވަރެއްގެ ބައެއްކަން އެނގޭތަ. އެމީހުންނަށް ޒެހެން އުޅޭގޮތް އެނގުނީމާ ވާނެގޮތް އެނގޭތަ؟. އަދި އެވެސް ތިކަހަލަ އަންހެނަކާ ކައިރިވާކަން އެނގުނީމަ... ޒެންއާ މެރީ ކުރަން ހުރި މީހަކީ އަހަރެން. ކަލެއާއެއްކޮށް އެފެއާއެއް... އޯ! އެހެން ބުނީމަ ނޭނގިދާނެ... މި ބުނީ ގުޅުމެއް ހިންގާލިޔަސް އޭގެ މާނައަކީ އޭނާ ލިބޭނެއެކޭ ނޫން. އަހަރެމެން އިންނަންވަނީ ހަމަޖެހިފަ. މުޅި މިތާ ފަޟީޙަތް ނުކުރަނީސް ޒެހެންއާ ދުރުގަ ހުރޭ. އެހެންނޫނީ މިތަނުން ވަކިކުރާވަރު ކުރާނަން." ރަހުމާ ބުންޏެވެ.

ކިޔާނެއެއްޗެއް ކިޔާފައި ރަހުމާ ދިޔައީ ރުޅިގަނޑު ހޫރައިންއަށް ބާލާލެވުމުން ހިތްހަމަޖެހިފައި ހުރެއެވެ. ދެން ވެސް ޒެހެން އޭނާއާމެދު އެފަދައިން ކަންތައްކޮށްފިނަމަ ހޫރައިންއަށް ވަރުގަނޑު ބާލާލާނެކަމުގެ ވިސްނުން ވިއެވެ.

ނަމާދުކުރާ ބައިން ނުކުތް ޒެހެންއަށް ހުއްޓެވުނީ އަންހެންކުދީންގެ ބަޔަށް ވަންނަން އައި ހޫރައިން ފެނިފައެވެ. ގަސްދެއްނެތް ކުއްލި ބައްދަލުވަމުން ދެމީހުން ބައްދަލުވީ ހިނދު އެކަކުއަނެކު ފެނި ހިނދުކޮޅަކަށް ހުއްޓުން އެރީއެވެ. އެހިނދު ހޫރައިންގެ ކަރުނުން ފުރި ބަންޑުންވާން ކައިރިވެފައިވާ ދެ ލޯ ޒެހެންއަށް ފެނުނެވެ. އެ ލޮލުގައިވާ އަސަރުން ޒެހެންގެ ހިތް ގެނބިގެންދިޔަ ފަދައެވެ. ހޫރއިންއާ ގާތަށް ފިޔަވަޅު އަޅާލެވުނެވެ.

"ހޫރައިން..." ހާސްވެފައި ޒެހެންއަށް ގޮވާލެވުނެވެ. އިސްއޮބާލި ގޮތަށް ދުވެލާފައި ކަހަލަ ގޮތަކަށް ހަލުވި ފިޔަވަޅުގައި ހޫރައިން ވަނީ ނަމާދުކުރާ ބަޔަށެވެ. ޒެހެންއަށް ދޮރާ ކައިރިވެލި ހިނދު ހޫރައިންގެ އާހުގެ އަޑު އިވިލިއެވެ. ނަމަވެސް އެއީ އަންހެނުން ނަމާދުކުރާ ބައެވެ. އެތަނަށް ވަދެގެން އަންނާކަށް ޒެހެންއަކަށް ނުކެރުނެވެ. ދޮރުން ބޯދިއްކޮށްލެވުނީ ނޭނގޭ ބާރު މިނެއްގައި ހިތް ތެޅެމުންދިޔަ ވަރުންނެވެ. ނަމަވެސް ހޫރައިން ފެންނާކަށް ނެތެވެ. ތުނބުޅީގައި ކަނާއަތްތިލަ ހިންގާލުމާއެކު ނަމާދުކުރާ ބައިގެ ކުރިމަތީ ދެކޮޅަށް ޒެހެން ހިނގާލަހިނގާލާ ހުއްޓެވެ. ހޫރައިން ނުކުންނާނޭ އިރަކަށެވެ. އެހެންނަމަވެސް އޭނާއަށް އަތުކުރީ އޮތް ގަޑިއަށް ބެލެއެވެ. ނަގައިދޭން ޖެހޭ ކުލާސްތައް ނުނިމޭތީއެވެ.

"ކީއްވީބާ... ހޫރް..." ޒެހެންއަށް އަމިއްލައަށް އެތައް ސުވާލެއް ކުރެވެންފެށުނެވެ. (ނުނިމޭ)