އެމްޓީސީސީ

މުރައިދޫ ބަނދަރުގެ މަސައްކަތް ފަށައިފި

ހއ. މުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އެ މަސައްކަތް ފަށާފައި ވަނީ މިއަދު މުރައިދޫގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެ މަޝްރޫއު އިފްތިތާހް ކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ އެވެ. ރަސްމިއްޔާތުގައި މުރައިދޫ ކައުންސިލްގެ ރައީސް އަލީ ސިނާންއާއި، އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

މުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫގެ ދަށުން، 212 މީޓަރު އެއްގަމުތޮށި ލުމާއި، 407 މީޓަރު ބޭރުތޮށި ލުމާއި، 107 މީޓަރު ބޭރުތޮށި މަރާމާތުކުރުން ހިމެނެ އެވެ.

އަދި 105 މީޓަރު ރިވެޓްމެންޓް ޖެހުމާއި، 50 މީޓަރުގެ ގްރައިންސް ޖެހުމާއި، ބަނދަރު އަދި ނެރު ފުންކުރުމުގެ އިތުރުން ރޭމްޕް އާއި ވޯކްވޭ ބްރިޖް ހެދުމާއި ނޭވިގޭޝަން އަދި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް އެމްޓީސީސީން ކުރަން ވަނީ ހަމަޖެހިފަ އެވެ.

މުރައިދޫ ބަނދަރު ހެދުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާއި ހަވާލުކުރީ މިދިޔަ އަހަރުގެ އޮގސްޓު މަހުގަ އެވެ. އެއީ 33.72 މިލިއަން ރުފިޔާގެ މަޝްރޫއެ ކެވެ.