ފިނޭންސް މިނިސްޓްރީ

ބަންދުގައި ހުރި މުއްދަތުގެ އިނާޔަތް ޖަމާކޮށްދީފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލު ބަންދުގައި ހުންނެވި މުއްދަތުގައި އެމަނިކުފާނަށް ލިބިވަޑައިގަންވަންޖެހޭ އިނާޔަތްތައް ޖަމާ ކޮށްފީފައިވާ ކަމަށް ފިނޭންސް މިނިސްޓްރީއިން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ލަމާން ވަހީދު އަވަސް އަށް ވިދާޅުވީ ރައީސް ޔާމީން ޖަލަށްލާން ހުކުމްކުރި މުއްދަތުން ފެށިގެން އެ ހުކުމް ސުޕްރީމް ކޯޓުން ބާތިލުކުރުމާ ހަމައަށް ކަނޑައިލައިފާވާ އިނާޔަތްތައް މިހާރު ޖަމާކޮށްދީފައިވާ ކަމަށެވެ. ކުރީގެ ރައީސުންނަށް ލިބެންޖެހޭ އިނާޔަތްތަކުގެ ތެރެއިން އޮފީސް ހިންގުމުގެ ހަރަދު އެމަނިކުފާނު ނުނަންގަވާ ކަމަށެވެ. އެ މުއްދަތުގައި ގާތްގަނޑަކަށް 2.5 މިލިއަން ރުފިޔާގެ އިނާޔަތް އެމަނިކުފާނަށް ލިބިވަޑައިގަންނަވާނެ އެވެ.

މީގެ އިތުރުން އެ މަނިކުފާނަށް މިނިވަންވެވަޑައިގަތުމާ ގުޅިގެން ޑިސެމްބަރު މަހު ލިބެންޖެހޭ އިނާޔަތްތައް ވެސް ޖަމާ ކޮށްދިން ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ޔާމީން ބަންދުގައި ހުންނެވި މުއްދަތުގައި ލިބެންޖެހޭ ހުރިހާ އިނާޔަތްތަކެއް އެމަނިކުފާނަށް ފިނޭންސުން ޖަމާ ކޮށްދީފައި މިވަނީ އެ ފައިސާ ހޯދަން ފިނޭންސް މިނިސްޓްރީއަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ފޮނުވި ސިޓީ ދިރާސާ ކުރުމަށްފަހުގަ އެވެ.

އެކަމިކުފާނު މިނިވަންވެޑައިގަތުމާ ގުޅިގެން ސަރުކާރުން ވަނީ އެމަނިކުފާނަށް ލިބެންޖެހޭ ސެކިއުރިޓީ ވެސް ދޭން ފަށައިފަ އެވެ.

ރައީސުލް ޖުމްހޫރިއްޔާކަން ކޮށްފައިވާ މީހުންނަށް ދޭންޖެހޭ ރައްކާތެރިކަމާ އިނާޔަތްތަކާ ބެހޭ ގާނޫނުގައި ވާގޮތުގައި ރައީސްކަން ކޮށްފައިވާ މީހުންނަށް މާލީ އިނާޔަތުގެ ގޮތުގައި ކޮންމެ މަހަކު 50،000ރ. ދޭން ޖެހޭނެ އެވެ. ދިރިއުޅޭ ތަނުގެ ހަރަދުގެ ގޮތުގައި ކޮންމެ މަހަކު 50،000ރ. އަދި އިޖުތިމާއީ މަސައްކަތަކަށް އޮފީހެއް ހިންގާނަމަ އެ އޮފީހުގެ ހަރަދުތަކަށް މަހަކު ދައުލަތުގެ ބަޖެޓުން 175،000ރ. ދޭން ޖެހެ އެވެ. މީގެ އިތުރުން ވެސް ދަތުރުފަތުރުގެ ހަރަދާއި ބޭސްފަރުވާގެ ހަރަދުތައް ވެސް ހިނގާނީ ދައުލަތުގެ ބަޖެޓުންނެވެ.

ރައީސް ޔާމީނަށް ދައުލަތުގެ ބަޖެޓުން ދެމުން އައި އިނާޔަތްތައް ކަނޑައިލީ ނޮވެމްބަރު 28، 2019 ވަނަ ދުވަހު ކްރިމިނަލް ކޯޓުން އިއްވި ފަސް އަހަރުގެ ޖަލު ހުކުމާ ގުޅިގެންނެވެ. ޔާމީންގެ މައްޗަށް ސާބިތުވެފައިވާ މަނީ ލޯންޑަރިންގެ ކުށުން ސަލާމަތްވެފައި ވަނީ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު ސުޕްރީމް ކޯޓުން އިއްވި ހުކުމާއި ގުޅިގެންނެވެ.