ބޮލީވުޑް

ބިގް ބޮސް 15: އެންމެން ތޭޖާސްވީއާ ދެކޮޅު!

ކަލާޒްގެ ރިއަލިޓީ ޝޯ "ބިގް ބޮސް 15" ގައި އެންމެ ފަހުން ދެއްކި އެޕިސޯޑުގައި ޝޯގެ ހޯސްޓް ސަލްމާން ޚާން ދެކެ ޝޯގެ ބައިވެރިއެއް ކަމަށްވާ ތޭޖާސްވީ ޕްރަކާޝް ވަރަށް ރުޅި އަތުވެއްޖެ އެވެ. ސަލްމާން ދެކެ ތޭޖާސްވީ ރުޅި އައީ ބިގް ބޮސްގެ ގޭގައި މިވަގުތު ތިބި އެހެން ދެ ބައިވެރިން ކަމަށްވާ ކަރަން ކުންދްރާ އާއި ޝަމީތާ ޝެޓީ ލޯބީގެ ގޮތުން ގުޅެން ސަލްމާން އެދޭ ކަމަށް ބުނުމުންނެވެ. ޝޯ ފެށުނީއްސުރެ ތޭޖާސްވީ އާއި ކަރަންގެ މެދުގައި ވަނީ ލޯބީގެ ގުޅުން އުފެދިފަ އެވެ. ވީމާ އޭނާގެ ލޯބިވެރިޔާ އާ އެހެން އަންހެނަކާ އަޅުވާ ކިއުމުން ތޭޖާސްވީ ރުޅި އައީ އެވެ.

ސަލްމާން ނޫނަސް ޝޯގެ އެހެން ބައިވެރިއެއް ކަމަށްވާ ރާކީ ސާވަންތު ވެސް ދަނީ ކަރަން އާއި ޝަމީތާ އާ އަޅުވާ ކިޔަމުންނެވެ. ތޭޖާސްވީ ރުޅިއަންނަތާ އެގޮތަށް އޭނާ އާ ކަރަން އާ އަޅުވާ ނުކިޔަން ރާކީ ކިބައިން ޝަމީތާ އެދޭ މަންޒަރު ވެސް ރޭގެ އެޕިސޯޑުގައި ދައްކާފައި ވެއެވެ.

ރާކީ ބުނަނީ އެއީ މަޖަލަކަށް މީހުންގެ މުނިފޫހިފިލުވަން އޭނާ ދައްކާ ވާހަކައެއް ކަމަށާއި އެހެންވެ އެ ވާހަކަ ދެއްކުން ހުއްޓާ ނުލާނެ ކަމަށެވެ.

މިހާރު ޝޯ އިން ވަކިވެފައިވާ ޓީވީ އެކްޓަރު ރާކޭޝް ބާޕަޓް އާއި ޝަމިތާގެ ލޯބީގެ ގުޅުމެއް އޮތުމާއި ރާކޭޝް މި ވަގުތު އެ ޝޯގައި ބައިވެރި ނުވާތީ އެ ކަހަލަ ވާހަކަ ދެއްކީމަ ރާކޭޝް ހިތްހަމަނުޖެހޭނެ ކަމަށް ވަރަށް ނޫން ކަމަށް ހަދާފައި ޝަމީތާ ބުނެފައި ވެއެވެ.

މި ޝޯގެ ހުރިހާ ބައިވެރިން އެންމެ ގޯސް މީހެއް ކަމަށް ލޭބަލް ކޮށްފައިވަނީ ތޭޖާސްވީ އެވެ. އެންމެންވެސް ބުނަނީ ތޭޖާސްވީ އަކީ ކަޅު ހިތެއް" އޮންނަ މީހެއް ކަމަށެވެ. ހުރިހާ އެންމެންނާ އަރާރުން ވެސް އެންމެންނާ ޖައްސާލައިގެން އުޅޭތީ އެވެ.

ތޭޖާސްވީ ބުނި ގޮތުގައި ޝަމީތާ އާއި ކަރަން އާ އަޅުވާ ކިޔުމަކީ އޭނާއަށް އެހާ މަޖާ ކަމެއް ނޫނެވެ. އަދި އަޅުވާ ކީމަ ޝަމީތާގެ މޫނު ރަތްވީ ކީއްވެތޯ ވެސް ތޭޖާސްވީ ސުވާލު އުފައްދަ އެވެ.

ބިގް ބޮސްގެ ގޭގައި މިވަގުތު ތިބި ބައިވެރިން ތޭޖާސްވީ ދެކެ ރުޅިއަޔަސް އޭނާ އަކީ މި ޝޯ މިފަހަރު ކާމިޔާބު ކުރުމުގެ ފުރުސަތު އެންމެ ބޮޑު އެއް ބައިވެރިޔާ ކަމަށް ޝޯ ބަލާ ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. ސަބަބަކީ ހުރިހާ އެންމެން ޖައްސާލައިގެން އުޅޭއިރުވެސް އޭނާ ހިތްވަރާއެކު އެމީހުންނާ ކުރިމަތިލާތީ އެވެ.