ލައިފްސްޓައިލް

10 ބިލިއަން ވިއުޒް އާއެކު "ބޭބީ ޝާކް" ރެކޯޑް ގާއިމްކޮށްފި

ޔޫޓިއުބުން އެންމެ ގިނަ ވިއުޒް ލިބުނު ވީޑިއޯއަކަށް "ބޭބީ ޝާކް" ލަވަ ހޮވިއްޖެ އެވެ. ސީއެންއެން ބުނާ ގޮތުގައި ބޭބީ ޝާކް ލަވައަށް މިހާތަނަށް 10 ބިލިއަނަށް ވުރެ ގިނަ ވިއުޒް ވަނީ ލިބިފަ އެވެ. މިއީ އެއްވެސް ވީޑިއޯ އަކަށް މިހާތަނަށް ގާއިމް ކުރެވިފައިވާ ރެކޯޑެއް ނޫނެވެ.

"ބޭބީ ޝާކް" ލަވައަކީ ބައެއް ކުޑަކުދިންނަށް ވަރަށް މަގްބޫލު ލަވައެކެވެ. އެއާއެކު ބައެއް ބެލެނިވެރިންނަށް ބިރުވެރި ހުވަފެނެއް ފަދަ ލަވަ އެކެވެ.

ކުޑަކުދިންނަށް ހާއްސަކޮށް ތައްޔާރު ކޮށްފައިވާ މި ލަވައަކީ ސައުތު ކޮރެޔާގެ އެޑިޔުކޭޝަނަލް ކޮމްޕެނީ ޕިންކްފޮންގްގެ މޭސްތިރިކަމުގެ ދަށުން އުފައްދާފައިވާ ލަވަ އެކެވެ. މި ލަވަ ޕާފޯމް ކޮށްފައި ވަނީ ކޮރެއަން - އެމެރިކަން ލަވަކިޔުންތެރިޔާ ހޯޕް ސީގޮއިން އެވެ. މި ލަވަ 2016 ގައި ނެރުމާއެކު އޭޝިއާގެ ގައުމުތަކުގައި ލަވަ ވަރަށް ބޮޑަށް މަޝްހޫރުވި އެވެ. ނަމަވެސް އެމެރިކާ މީހުންނަށް މި ލަވައިގެ ޚަބަރެއްވީ 2019 ގައެވެ. އެމެރިކާ މީހުންގެ މެދުގައި މި ލަވައިގެ މަގްބޫލުކަން ބޮޑުވުމަށް ފަހު ނިކޮލޯޑިއަން ޓީވީ ޝޯ އަކަށާއި ސީރިއަލް އަކަށް އަދި ލައިވް ޝޯ އަކަށް ވެސް މި ނަން ކިޔާފައި ވެއެވެ.

ޔޫޓިއުބުން އެންމެ ގިނަ ފަހަރު ބެލި ރެކޯޑް އޮތް މި ލަވައިގައި ފެންނަނީ އަސްލު ދެ ކުދިން "ބޭބީ ޝާކް ޑާންސް" ކުރާ ތަނެވެ. އެ ދެ ކުދިންނާއެކު ބޭބީ ޝާކްގެ ކާޓޫނު ކެރެކްޓާތައް ވެސް ލަވައިގައި ބައިވެރިވެ އެވެ.

"ބޭބީ ޝާކް" ލަވައިގެ ކާމިޔާބީތަކަކީ ހަގީގަތުގައި އެކްސިޑެންޓަކުން ލިބުނު ކާމިޔާބުތަކެކެވެ. އެ ލަވަ ތައްޔާރުކުރި ޕިންކްފޮންގްގެ ސީއީއޯ ބިން ޖިއޮންގް ސީއެންއެން އަށް ބުނެފައިވާ ގޮތުގައި ލަވަ މިހާ މަޝްހޫރު ވެދާނެ ކަމަކަށް އެމީހުން އެއްގޮތަކަށް ވެސް ހިއެއް ނުކުރެ އެވެ. އަދި އެއްޗެއް މަޝްހޫރުވާން ވެއްޖިއްޔާ ކޮންމެވެސް ގޮތްތަކެއް މެދުވެރިވާ ގޮތަށް މި ލަވައަށް ވެސް ކަންތައްތަކެއް މެދުވެރިވީ ކަމަށް އޭނާ ގަބޫލު ކުރެ އެވެ.