ހަބަރު

އެއާޕޯޓްގެ އާ ރަންވޭގެ މަސައްކަތް ދެމަސް ތެރޭ ފަށަނީ

  • ފެބުރުއަރީ މަހު މަސައްކަތް ފަށާނެ
  • އާ ޓާމިނަލްގެ މަސައްކަތް މާޗް މަހު
  • މިހާރު ކުރަނީ ޕްރޮޖެކްޓަށް އިމާރާތްތައް ބަދަލުކުރުން

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ)ގައި ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެންމެ މުހިންމު ބައި ކަމަށްވާ، އާ ރަންވޭ ގެ މަސައްކަތް ކުރިޔަށް އޮތް ދެމަސް ދުވަސް ތެރޭގައި ފަށާނެ ކަމަށް ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވުވެއްޖެ އެވެ.

މިހާރަށް ވުރެ ގިނަ ބޯޓުތައް ބޭއްވޭނެ ހެން އޭޕްރޮން ބޮޑުކޮށް ހުޅުވުމަށް މިދިޔަ ބުރާސްފަތި ދުވަހު އެއާޕޯޓްގައި ބޭއްވި ރަސްމިއްޔާތުގައި، ޒަމީރު ވިދާޅުވީ ޓުއަރިޒަމް ފުޅާ ކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، އެއާޕޯޓު ތަރައްގީ ކުރުމުގެ އެކި މަޝްރޫއުތައް ބާރުސްޕީޑެއްގައި ކުރިޔަށްދާ ކަމަށެެވެ. އެންމެ މުހިންމު އެއް ބޮޑު ޕްރޮޖެކްޓެއް ކަމަށްވާ، އެއާޕޯޓުގައި އާ ރަންވޭއެއް ގާއިމް ކުރުމުގެ މަސައްކަތް ވެސް ކުރިޔަށް އޮތް ދެ މަސްދުވަސް ތެރޭގައި ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެއާޕޯޓު ތަރައްގީގެ މަޝްރޫއުތަކު ތެރެއިން ދެން އެންމެ އަވަހަށް ފެށޭނީ މުޅިން އާ ރަންވޭއެއް އަޅައި، މިހާރު އޮތް ރަންވޭ ޓެކްސީ ވޭ އަކަށް ބަދަލު ކުރުމުގެ މަސައްކަތް. އެ މަޝްރޫއަކީ ދެ އަހަރު ދުވަހަށް ދެމިގެންދާނެ. ނަމަވެސް އިރާދަކުރެއްވީއާ އަންނެ ދެމަސް ދުވަސް ތެރޭ އެކަމުގެ އަމަލީ މަސައްކަތް ފެށޭވަރު ވާނެ،" ޒަމީރު ވިދާޅުވި އެވެ. 

މިނިސްޓަރ ވިދާޅުވީ ގޮތުގައި ރަންވޭގެ މަސައްކަތާ ވިދިގެން ދެން ކުރާނެ މަސައްކަތަކީ 7.5 މިލިއަން ޕަސަންޖަރުންނަށް ހިދުމަތް ދެވޭ ވަރަށް ޒަމާނީ ޓާމިނަލް އެއް ތަރައްގީ ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި އެމަސައްކަތް ކުރުމަށް އަންނަ ފެބްރުވަރީ މަހު ކޮންޓްރެކްޓަރެއް ކަނޑައަޅައި، މާޗު މަހުގައި މަސައްކަތް ހަވާލު ކުރާނެ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.

ރާއްޖޭގެ ޓުއަރިޒަމް ފުޅާ ކުރުމަށް ކުރަން ޖެހޭ އެންމެ މުހިންމު އެއް މަސައްކަތަކަށް ޒަމާނީ ފެންވަރުގެ ޖާގަ ތަނަވަސް އެއާޕޯޓެއް ތަރައްގީ ކުރުން ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. އަދި އެއާޕޯޓް ބޮޑު ކޮށް އިތުރަށް ތަރައްގީ ކުރުމަށް ހިންގާ 800 މިލިއަން ޑޮލަރުގެ މަޝްރޫއު، 2018 އާ ހަމައަށް ނިމޭނެ ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.

އެއާޕޯޓްގައި އަލަށް ބޭނުން ކުރަން ފެށި، އޭޕްރޮން ގައި، ދިގުމިނުގައި 350 މީޓަރު އަދި ފުޅާމިނުގައި 75 މީޓަރު ހުރެ އެވެ. މިއީ ކުރިއަށް ވުރެ ދެ ގުނަ ބޮޑު އޭޕްރޮންއެކެވެ.