ފައިސަލް ނަސީމް

"ސިޔާސީ ހަރަކާތްތައް ސްކޫލްތަކަށް ނުވައްދާ"

އެކި ނަންނަމުގައި އެކި ފަރާތްތަކުން ހިންގާ ހަރަކާތްތައް ސްކޫލްތަކަށް ނުވެއްދުމަށް ނައިބު ރައީސް ފައިސަލް ނަސީމް ގޮވާ ލައްވައިފި އެވެ.

ނައިބު ރައީސް މިފަދައިން ގޮވައިލައްވާފައި ވަނީ ސެޓެލައިޓް ސްކޫލް އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސް ވިދާޅުވެފައި ވަނީ އެކި ނަންނަމުގައި ހިންގަމުން އަންނަ ހަރަކާތްތަކުގެ ސަބަބުން ތައުލީމު ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް ހުރަސް އެޅެމުންދާ ކަމަށެވެ. ދަރިވަރުންނާއި ޓީޗަރުންގެ ހިތްތަކުގައި ނުތަނަވަސްކަމާއި ބިރުވެރިކަން އުފެދެމުން އަންނަކަމަށާއި އެކަން އެގޮތަށް ނުކުރުމަށް އިލްތިމާސްކުރެއްވި އެވެ.

ނައިބު ރައީސް އިޝާރާތް ކުރެއްވީ އިދިކޮޅު ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން މިހާރު ހިންގަމުން އަންނަ "އިންޑިއާ އައުޓް" ކެމްޕޭނުގެ ތެރެއިން އިންޑިއާ ޓީޗަރުންނަށް ބިރު ދައްކާ ކަމަށް ބުނާ ވާހަކަ އާއި ސްކޫލްތަކުގެ ފާރުތަކުގައި އިންޑިއާ އައުޓް ޖަހާ ވާހަކައަށެވެ.

އެ އަމަލުތައް ކުށްވެރިކުރައްވަމުން ނައިބު ރައީސް ވިދާޅުވީ މިދުވަސްވަރު ތައުލީމު ފޯރުކޮށްދީ ކުރިއެރުވަމުގެ މަސައްކަތް ކުރައްވަމުން އަންނަނީ ވަރަށް ދަތި އުނދަގުލުގައި ކަމަށެވެ. ކޮވިޑް-19 އާއި ގުޅިގެން އެތައް ގޮންޖެހުންތަކަކާ ދިމާވަމުން އަންނައިރު، އެފަދަ ކަންކަން ސްކޫލްތަކާ ހަމައަށް އައުމަކީ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންވާ ކަމެއް ކަމަށެވެ.

"ސްކޫލްތަކުގެ މިތިބީ އަޅުގަނޑުމެންގެ މުޖުތަމައުތެރޭގަ ހުރިހާ ރައްޔިތުންގެ ދަރިން. އެހެންވީމާ އަޅުގަނޑު އެފަދަ ފަރާތްތަކަށް ނަސޭހަތްތެރިވަން ސްކޫލްތަކަށާ ހޮސްޕިޓަލްތަކަށް މިކަހަލަ ކަންތައްތައް ނުވައްދަން،" ނައިބު ރައީސް ވިދާޅުވި އެވެ.

ށ. ފުނަދޫ ސްކޫލް ފާރުގައި އިންޑިއާ އައުޓް ޖެހި މައްސަލަ މިހާރު އެޑިއުކޭޝަން މިނިސްޓްރީ އިސްވެ އޮވެގެން އަންނަނީ ބަލަމުންނެވެ. އެ މިނިސްޓްރީއިން ވަނީ އެ އަމަލު ކުށްވެރިކޮށްފަ އެވެ.

މީގެ އިތުރުން، ސެޓެލައިޓް ސްކޫލް ނިޒާމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ވިދާޅުވީ، ވ. ރަކީދޫ، ވ. ތިނަދޫ އަދި ބ. ފެހެންދޫ ދަރިވަރުންނަކީ ވަރަށް ބޮޑަށް އަޅައިނުލެވި ދޫކޮށްލައިފައިވާ ތިން ރަށުގެ ދަރިވަރުން ކަމަށެވެ. 12 ވަރަކަށް އަހަރު ފަހުން އެ ރަށްރަށުގައި ސްކޫލްތައް ގާއިމްކުރެވި ކިޔަވައިދޭން ފުށުމުން، މި ސަރުކާރަކީ އެއްވެސް ރަށެއް ބާކީ ނުކޮށްލާނެ ސަރުކާރެއްކަން ހާމަވެގެން ހިނގައްޖެ ކަމަށެވެ.

އެރަށްރަށުގެ ބެލެނިވެރިންނާއި ދަރިވަރުންގެ ތަކުލީފުތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެން ހިނގައްޖެ ކަމަށް ވެސް ފާހަގަކުރެއްވި އެވެ.

ދެވަނަ ޓާމުގެ ކިޔެވުން އިއްޔެ ފެށުމާއިއެކު ފެހެންދޫ އަދި ތިނަދޫގެ ސެޓެލައިޓް ސްކޫލްގައި އިއްޔެ ވަނީ ކިޔަވައިދޭން ފަށައިފަ އެވެ. އެ ސްކޫލްތައް ގުޅާލައިފައި ވަނީ ހުޅުމާލެ ހުރަވީ ސްކޫލާ އެވެ. އެކުދިންނަށް އޮންލައިންކޮށް ކިޔަވަން ބޭނުންވާ ހުރިހާ ވަސީލަތެއް ސަރުކާރުން ވަނީ ފޯރުކޮށްދީފަ އެވެ.

ރަކީދޫ ސްކޫލްގެ މަސައްކަތް އަދި ނުނިމޭތީ އެރަށުގައި ކިޔެވުން ފަށައިފައެއް ނުވެ އެވެ.