ބޮލީވުޑް

ދަނޫޝް އާއި އައިޝްވަރިޔާގެ 18 އަހަރުވީ ކައިވެނި ރޫޅިއްޖެ

ދާދިފަހުން ރިލީޒްކުރި "އަތުރަންގީ ރޭ" ގައި ބަތަލުގެ ބައި ކުޅެފައިވާ ސައުތު އިންޑިއާ އެކްޓަރު ދަނޫޝް އާއި އޭނާ 18 އަހަރު ވަންދެން ކައިވެނި ކޮށްގެން އުޅުނު އައިޝްވަރިޔާގެ ކައިވެނި ރޫޅިއްޖެ އެވެ. ދެ މީހުން އަބަދަށްޓަކައި ވަކިވެއްޖެކަން އިއުލާން ކޮށްފައި ވަނީ އެމީހުންގެ ސޯޝަލް މީޑިއާ އެކައުންޓް ތަކުންނެވެ.

"އެކުގައި ހިނގަމުން ގޮސް މިއަދު އަހަރެމެން ދެ މީހުން ވަނީ ހުއްޓި ދެ މިސްރާބަކަށް ދަތުރުކުރަން ފަށާފައި. އަހަރެމެންގެ މި ނިންމުމަށް އިހުތިރާމުކުރަން އެދެން. އަދި އަހަރެމެންގެ ޒާތީ މިނިވަންކަން ދިނުން އެދެން،" ދަނުޝް އާއި އައިޝްވަރިޔާ ނެރެފައިވާ ބަޔާނުގައި ވެއެވެ.

ދަނޫޝް ލިޔެފައިވާ ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި އެކުވެރިންގެ ގޮތުގައާއި ދެމަފިރިންގެ ގޮތުގައި އަދި އެމީހުންނާ ލިބިފައިވާ ދަރިންގެ މައިންބަފައިންގެ ގޮތުގައި އެމީހުން 18 އަހަރު ދުވަހު އެކުގައި ހޭދަކޮށްފި އެވެ. ނަމަވެސް މިހާރު އޭނާ އާއި އައިޝްވަރިޔާ ވަނީ ވަކިވާން ނިންމާފަ އެވެ. އަދި ވަކި ފަރުދުންގެ ގޮތުގައި އެކަކު އަނެކަކު ދަސް ކުރަން ނިންމާފަ އެވެ.

އައިޝްވަރިޔާއަކީ ސައުތު އިންޑިއާގެ ސުޕަސްޓާރު ރަޖްނީކާންތުގެ ދޮށީ ދަރިފުޅެވެ. އަދި ފިލްމުތައް ޑައިރެކްޓް ކުރުމުގެ އިތުރުން ލަވަކިޔުންތެރިއެއްގެ ގޮތުގައި ވެސް ސައުތު އިންޑިއާގައި އައިޝްވަރިޔާ ވަރަށް މަޝްހޫރެވެ.

ދަނޫޝް އާއި އައިޝްވަރިޔާ ކައިވެނިކުރީ 2004 ވަނަ އަހަރުގެ ނޮވެމްބަރު 18 ވަނަ ދުވަހު އެވެ. އެމީހުންގެ ކައިވެންޏަށް 18 އަހަރުވީއިރު ދެ ފިރިހެން ދަރިން ވެސް ލިބިފައި ވެއެވެ.