ބޮލީވުޑް

ބޮޑުބޭބެ ގޯވިންދާ އާ ސުލްހަވާން ކްރުޝްނާ ބޭނުން!

"ދަ ކަޕިލް ޝަރުމާ ޝޯ" ގެ މަޖާ ކޮމޭޑިއަން ކްރުޝްނާ އަބީޝެކް އާއި އޭނާގެ ބޮޑުބޭބެ އަދި މަޝްހޫރު އެކްޓަރު ގޯވިންދާގެ މެދުގައި އޮތް ރުޅިވެރިކަމާއި އަރާރުމުގެ ވާހަކަތަކަކީ ފިލްމު އިންޑަސްޓްރީގައި ވަރަށް މަޝްހޫރު ވާހަކަ އެކެވެ. ގޯވިންދާ އާއި ކްރުޝްނާގެ މެދުގައި މައްސަލަތައް ޖެހި ދެ މީހުން އެކަކު އަނެކަކާ ވާހަކަ ނުދައްކާތާ އެތައް އަހަރެއް ވެއްޖެ އެވެ. އަދި އެމީހުންގެ އާއިލާގެ މީހުން ވެސް މި މައްސަލައިގައި ވަނީ ދެބައިވެފަ އެވެ.

މިދިޔަ އާދީއްތަ ދުވަހު ދެއްކި އެޕިސޯޑެއްގައި މެހެމާނެއްގެ ގޮތުން ބައިވެރިވީ ރަވީނާ ޓަންޑަން އެވެ. ރަވީނާއަކީ ގޯވިންދާ އާއެކު ގިނަ ފިލްމުތަކެއް ކުޅެފައިވާ ބަތަލާ އެކެވެ.

މި ޝޯގައި ރަވީނާ އާ ވާހަކަ ދައްކަމުން ކްރުޝްނާ ބުނީ އޭނާއަށް އެކްޓިންގެ ރޮނގުން ދަސްވި އެއްޗެއް ދަސްވެފައިވަނީ ބޮޑުބޭބެ ގޯވިންދާގެ ފަރާތުން ކަމަށެވެ. ނަމަވެސް އޭނާއަކީ ބޮޑުބޭބެ ދަރިއެއް ކަމަށް ގޯވިންދާ ގަބޫލު ނުކުރުމަކީ މުޅިން އެހެން ކަމެއް ކަމަށް ކްރުޝްނާ ބުންޏެވެ.

"އެންމެ ރަނގަޅު. އަހަރެންގެ އެއްވެސް މައްސަލައެއް ނެތް. އާއިލާގެ ތެރޭގައި ޖެހިފައިވާ މައްސަލައެއް މައްސަލައަކީ. އެކަހަލަ ކަންތައްތައް ވެސް ދިމާވާނެ. އަދި ވާހަކަ ވެސް ދެއްކޭނެ. މައްސަލަ ހައްލު ވެސް ވާނެ. މައްސަލައެއް ނޫން އެއީ،" މި ޝޯގައި ކްރުޝްނާ ބުނެފައި ވެއެވެ.

މިދޔަ އަހަރު ގޯވިންދާ އާއި އޭނާގެ އަންހެނުން ސުނީތާ ވެސް ކަޕިލްގެ ޝޯގައި ބައިވެރިވެފައި ވެއެވެ. މި ދެ މީހުން މެހެމާނުންގެ ގޮތުގައި އަންނަކަން އެނގުމުން އުޒުރެއް ދައްކާފައި އެ އެޕިސޯޑުގައި ކްރުޝްނާ ބައިވެރި ނުވެ އެވެ. ނަމަވެސް ކްރުޝްނާ ނެތަސް ގޯވިންދާގެ އަންހެނުން ވަނީ ކްރުޝްނާގެ އަންހެނުން ކަޝްމީރާ ޝާހް އަކީ ވަރަށް "ގޯސް ޅީދަރިއެއް" ކަމަށް ބުނެ ވާހަކަ ދައްކާފަ އެވެ. އެކަމާ ރުޅިއައިސްގެން ކަޝްމީރާ ވެސް ރައްދު ދީ އަނެއްކާ ވެސް އާއިލީ ހަމަނުޖެހުންތައް ވަނީ އިތުރުވެފަ އެވެ.

މި ޝޯގައި ބައިވެރިވުމުގެ ކުރިން ގޯވިންދާގެ އަންހެނުން ސުނީތާ އިންޑިޔާގެ ނޫހަކާ ވާހަކަ ދައްކަމުން ބުނެފައިވަނީ ކްރުޝްނާ އާއި އޭނާގެ އަންހެނުން ކަޝްމީރާ އާ އަލުން ސުލްހަ ގާއިމް ކުރުމަކީ ގޯވިންދާ އާއި އޭނާއަށް ކުރެވޭ ވަރުގެ ކަމެއް ނޫނެވެ. ދުވަހަކުވެސް އެކަމެއް ނުވާނެ ކަމަށް ސުނީތާ ބުންޏެވެ.

ގޯވިންދާ އެންމެ ފުރަތަމަ ކްރުޝްނާ ދެކެ ރުޅި އައީ އޭނާގެ ޝޯގައި ގޯވިންދާ އޭ ކިޔައިގެން ކްރުޝްނާ ކުރި ކޮމެންޓެއްގެ ސަބަބުންނެވެ.
ކްރުޝްނާ ބުނީ "އަހަރެންގެ ބޮޑުބޭބެއަކަށް ލާފައި ހުންނާނީ ގޯވިންދާ" އޭ އެވެ. މިކަމާ ހިތްހަމަ ނުޖެހިގެން ގޯވިންދާ ފަހުން އިންޑިޔާގެ ނޫސްތަކަށް އިންޓަވިއުތައް ދިނެވެ. ގޯވިންދާ ބުނީ "ޓީވީގައި އެެހެން މީހުންނަށް އިހާނެތި ބަސްތައް ރައްދު ކޮށްގެން ފައިސާ ހޯދަނީ" ކަމަށެވެ. އަދި އެކަމާ ވަރަށް ބޮޑަށް ހިތްހަމަނުޖެހިއްޖެ ކަމަށެވެ. ނަމަވެސް ކްރުޝްނާ ބުނީ އޭނާ އެހެން ބުނީ އެއްގޮތަކަށް ވެސް ގޯވިންދާއަށް މަލާމާތް ކުރުމުގެ ނިޔަތުގައި ނޫން ކަމަށެވެ.

އެންމެ ކުރިން ބޮޑުބޭބެ އާއި ބޮޑުބޭބެ ދަރި މައްސަލަ ޖެހުނަސް މިހާރު މައްސަލަ ބޮޑީ ދެ މީހުންގެ އަނބިންގެ މެދުގަ އެވެ. އެކަކު އަނެކަކަށް ބޮޑެތި އަލިފާން ބޯޅަތައް އުކުމުގައި މިހާރު ކްރުޝްނާގެ އަންހެނުން ކަޝްމީރާ އާއި ގޯވިންދާގެ އަންހެނުން ސުނީތާ ތިބީ ރަނގަޅަށް ހަނގުރާމަ އިއުލާން ކޮށްގެންނެވެ.