ހަބަރު

ގްރެފިޓީތައް ފޮހުނު ތަންތަނުގައި އަނެއްކާ ކުރަހައިފި

މާލޭގެ ބައެއް ސަރަހައްދުތަކުގެ ފާރުތަކުގައި ކުރަހާފައިވާ ގްރެފިޓީތައް މާލޭ ސިޓީ ކައުންސިލާއި ސިފައިންނާއި ފުލުހުން ގުޅިގެން ފުހެ ސާފު ކޮށްފައި ވަނިކޮށް އެތަން ތަނުގައި އަނެއްކާ ވެސް ކުރަހަން ފަށައިފި އެވެ.

ކައުންސިލުން ގްރެފިޓީތައް ފޮހެ ސާފު ކުރަން ފެށީ މި މަހުގެ 15 ވަނަ ދުވަހު އެވެ. މާލޭގެ 27 ތަނަކުން ގްރެފިޓީ ސާފު ކޮށްފައި ވެއެވެ.

ކައުންސިލުން ގްރެފިޓީތައް ފިލުވާފައި ވަނިކޮށް އެފަދަ ތަންތަނުގައި އަލުން ގްރެފިޓީ އާއި ބައެއް ގޭންގު ތަކުގެ ނަންތަކުގެ އިތުރުން ފުލުހުންނަށް ނިސްބަތްވާ ގޮތަށް ހުތުރު ބަސްތައް ލިޔެފައި ވެއެވެ.

މާލޭ ސިޓީ ކައުންސިލްގެ ސްޕޯކްސް ޕާސަން މަރިޔަމް ޝިއުނާ ވިދާޅުވީ އަލުން ގްރެފިޓީ ކުރަހަމުން ދާކަން ސަމާލުކަމަށް އައުމުން އެކަން ފުލުހާ ހިއްސާ ކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ އަލުން އެ ތަންތަންތަން ސާފުކޮށް ކުލަލާނެ ކަމަށާއި ސާފު ކުރި ތަންތަނުގައި ކުރެހި މީހުން ހޯދާ ފިޔަވަޅު ވެސް އަޅާނެ ކަމަށެވެ.